ހުއްޓުމަކަށްދިޔަ ލީގު މެޗުގައި ގްރީން އަތުން މާޒިޔާ މޮޅުވީ ކަމަށް ނިންމައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ހުއްޓުމަކަށް ދިޔައީ ރެފްރީގެ ނިންމުމަކާ ގުޅިގެން ގްރީނުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށި ހިސާބުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުއްޓުމަކަށްދިޔަ އުރީދޫ ދިވެހި ޕްރިމިއާ ލީގު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވީ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ 53 ވަނަ މިނެޓުގައި ހުއްޓުމަކަށް ދިޔައީ ދެވަނަ ހާފުގެ ތެރޭގައި ރެފްރީ މުހައްމަދު ނިއުޝާދުގެ ނިންމުމެއްގެ ސަބަބުން ގްރީންގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރަން ފެށި ހިސާބުންނެވެ. އެއަށްފަހު މެޗުގެ ކުޅުން ކުރިއަށް ގޮސްފައިނުވާއިރު، މެޗު ނިންމާލުމަށް ރެފްރީ ކަށިގަނޑު ފެމެފައެއް ވެސް ނުވެފައެއް ނުވެއެވެ. އެ މެޗު ހުއްޓުމަކަށް ދިޔައިރު، 1-0 ލަނޑުން ކުރީގައި އޮތީ މާޒިޔާއެވެ.

އެ މެޗު ހުއްޓުމަކަށް ދިއުމުން މައްސަލަ ބަލާފައިވަނީ އެފްއޭއެމްގެ މުބާރާތުގެ ކޮމިޓީންނެވެ. އެފްއޭއެމުން ބުނީ، މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މެޗު ކޮމިޝަނަރުގެ ރިޕޯޓާއި ރެފްރީސް ރިޕޯޓާއި މެޗު ރެފްރީ އަދި މެޗު ކޮމިޝަނަރު މުބާރާތުގެ ކޮމިޓީއަށް ހާޒިރު ކުރުމަށްފަހު، އެ ފަރާތްތަކުގެ ވާހަކަތަކަށް ރިއާޔަތްކޮށް މެޗު ނިމުނީ ކަމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމި ނަމަވެސް އެ ކޮމިޓީން މާޒިޔާ އަދި ގްރީންގެ އޮފިޝަލުން ހާޒިރު ކުރި ކަމެއް އެނގިފައެއް ނުވެއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގު 2017ގެ ގަވާއިދުގެ 11:6 އާއި 11:7އަށް ރިއާޔަތްކޮށް އެ މެޗުން މާޒިޔާ މޮޅުވެ، ތިން ޕޮއިންޓާއި ފައިދާ ދެ ގޯލު ލިބިފައިވާ ކަމަށް އެފްއޭއެމުން ނިންމާފައިވެއެވެ.

އެ މެޗުގެ މައްސަލާގައި ރެފްރީ ނިއުޝާދު ސަސްޕެންޑްކޮށް، އެފްއޭއެމްގެ ރެފްރީސް ޑިފާޓްމަންޓާ ހަވާލުވެހުރި އަހްމަދު އަމީޒު މަގާމުން ވަކިކޮށްފައިވެއެވެ. ނިއުޝާދު ސަސްޕެންޑްކުރީ ދިވެހި ޕްރިމިއާ ލީގުގައި ގިނަ ކްލަބުތަކަކުން ތަކުރާރުކޮށް ނިއުޝާދުގެ މައްސަލަތަކެއް ހުށަހަޅާފައިވާތީ އެ މައްސަލަތައް އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓުން ބަލައި، ވަކި ގޮތެއް ނިންމަންދެން އެ އެސޯސިއޭޝަނުން ހިންގާ އެއްވެސް މުބާރާތެއްގެ ރެފްރީކަން ނުކުރެވޭ ގޮތަށެވެ.

އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓާ ހަވާލުވެހުރި އަމީޒު މަގާމުން ވަކި ކޮށްފައިވަނީ އެ ޑިޕާޓްމަންޓްގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެފްއޭއެމްގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް އަލުން އެކުލަވާލުމަށް ހަމަޖެހިފައިވާތީ ކަމަށް ބުނެއެވެ.

މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ކުޅުން ހުއްޓުމަކަށް ދިޔައީ މެޗުގެ 53 ވަނަ މިނެޓުގައި ގްރީންގެ ސުބޮލް އިލިއާ، ރެފްރީ ނިއުޝާދާ ދިމާލަށް ހުތުރު ބަހެއް ބުނި ކަމަށްބުނެ ދެވަނަ ރީނދޫ ކާޑެއް ދެއްކުމާ ގުޅިގެންނެވެ. ރެފްރީ ނިއުޝާދު އެގޮތަށް ނިންމި ނަމަވެސް، އިލިއާ އަދި ގްރީނުގެ އޮފިޝަލުންނާއި ކުޅުންތެރިން ވެސް ބުނަމުންދިޔައީ އޭނާ ބުނީ ހުތުރު ބަހެއް ނޫން ކަމަށެވެ. ކުރިން ވެސް ނިއުޝާދު ރެފްރީކަން ކުރި މެޗުތަކުގައި އޭނާގެ ނިންމުންތަކާ މެދު ގްރީނުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ.

އިލިއާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކި ހާދިސާގެ އިތުރުން ދެވަނަ ހާފަށް އެހެން ރެފްރީއެއް އެރުމުން، އެކަމުގެ ޝަކުވާތައް ވެސް ގްރީނުން ހުށަހަޅަމުންދިޔައެވެ. ގްރީނުން ބުނަމުންދިޔައީ ދެވަނަ ހާފުގައި ރެފްރީ ބަދަލު ކޮށްފައިވަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ. ކުޅުން މެދުކެނޑުމަކަށް ދިއުމަށްފަހު އަލުން ފެށުމަށް ރެފްރީ އިޝާރާތްކުރި ނަމަވެސް، ރެފްރީ ނިއުޝާދާއެކު މެޗު ކުރިއަށްގެންދަން ގްރީނުން ބޭނުންނުވާކަން އެ ކްލަބުން ނިންމިއެވެ.

comment ކޮމެންޓް