ފީފާ ރޭންކިންގައި ރާއްޖެއަށް 12 ދަރަޖައިގެ ވެއްޓުމެއް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ 11: ފީފާ ރޭންކިންގައި ރާއްޖެ ވަނީ 12 ދަރަޖަ ފަހަތަށް ވެއްޓިފައި -- ފޮޓޯ/ އެފްއޭއެމް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފީއިން މިއަދު އިއުލާނުކުރި އެންމެ ފަހުގެ ކޮކާ-ކޯލާ ދުނިޔޭގެ ރޭންކިންގައި ދިވެހިރާއްޖެ 12 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

އާ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 154 ވަނައިގައެވެ. މިދިޔަ މަހު ރާއްޖެ އޮތީ ރޭންކިންގެ 142 ވަނައިގައެވެ.

ރާއްޖެ ހިމެނޭ ސާކް ސަރަހައްދަށް ބަލައިލާއިރު، އެއްވަނައިގައި އަދިވެސް އޮތީ އިންޑިއާއެވެ. ކުރިން 97 ވަނައިގައި އޮތް އިންޑިއާ މިފަހަރު އޮތީ 107 ވަނައިގައެވެ. ރާއްޖެ އޮތީ އިންޑިއާއަށް ވުރެ 47 ދަރަޖަ ފަހަތުގައެވެ.

ރާއްޖެ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައި ވަނީ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައެވެ. މި މަހުގެ ފަސް ވަނަ ދުވަހު އޮމާންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 0-5ގެ ނަތީޖާއަކުން ބަލިވެފައެވެ.

ސާކް ސަރަހައްދުގެ ދެވަނަ ރާއްޖެއަށް ލިބޭއިރު، ތިންވަނަ ލިބެނީ 158 ވަނައިގައި އޮތް އަފްޣާނިސްތާނަށެވެ. ކުރިން 165 ވަނައިގައި އޮތް ބޫޓާނަށް ލިބެނީ 174 ވަނައެވެ. އޭގެ އެއް ދަރަޖަ ފަހަތުގައި ނޭޕާލް އޮތްއިރު ބަނގުލަދޭޝް އޮތީ 196 ވަނައިގައެވެ. ސްރީލަންކާއަށް 198 ވަނަ ލިބޭއިރު، ސާކް ސަރަހައްދުން ރޭންކިންގެ އެންމެ ފުލުގައި އޮތީ 200 ވަނައިގައި އޮތް ޕާކިސްތާނެވެ.

ކޮކާ-ކޯލާ ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ޖަރުމަން ޖެހިލާފައިވާއިރު، ބްރެޒިލް ވަނީ ދެވަނައަށް ވެއްޓިފައެވެ. އަދި ޕޯޗުގަލް ވަނީ ތިންވަނަ މަގާމަށް ޖެހިލާފައެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ކުރި ލިބޭނީ މިސްރަށެވެ. އެ ގައުމު އޮތީ ރޭންކިންގެ 30 ވަނައިގައެވެ. ކޮންކާކަފް ސަރަހައްދުން އެންމެ ކުރި ލިބޭނީ 14 ވަނާގައި އޮތް މެކްސިކޯއަށެވެ. އަދި އޭޝިއާ ސަރަހައްދުން އެންމެ ކުރީގައި އަދިވެސް އޮތީ އީރާނެވެ. އެ ގައުމު އޮތީ ރޭންކިންގެ 25 ވަނައިގައެވެ.

comment ކޮމެންޓް