ރޮހިންޔާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް ޝޭހް މުހައްމަދު އަމުރުކުރައްވައިފި

ޔޫއޭއީގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމް --

އަބޫ ދާބީ (ސެޕްޓެމްބަރު 14): ރޮހިންޔާ މުސްލިމުންނަށް ވީހާވެސް އަވަހަކަށް އެހީ ފޯރުކޮށްދިނުމަށް ޔޫއޭއީގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމް އަމުރުކުރައްވައިފި އެވެ.

ޝޭހް މުހައްމަދު ވަނީ މިޔަންމާ ސިފައިންގެ އަނިޔާއިން ސަލާމަތްވުމަށް ބަންގުލަދޭޝާށް ގޮަސްފައިވާ ރޮހިންޔާ މުސްލިމުންނަށް ޔޫއޭއީގެ ޕްރައިވެޓް ބޯޓަކުން އިންސާނީ އެހީ ފޯރުކޮށް ދިނުމަށް އަންގަވާފައެވެ.

އެ އެހީގެ ތެރޭގައި އދގެ ހައި ކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު) އާއި ދުބާއީގެ އިންޓަނޭޝަނަލް ހިއުމެނިޓޭރިއަން ސިޓީ (އައިއެޗްސީ)ން ގުޅިގެން ފޮނުވާ 100 މެޓްރިކް ޓަނުގެ ޓެންޓު ހިމެނެއެވެ. އެއެހީގެ އަގު 733،569 ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެއީ މިހަފްތާ ތެރޭގައި ޔޫއެންއެޗްސީއާރުން ބަންގުލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުންނަށް އެހީ ފޮނުވި ދެ ވަނަ ފަހަރެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު އެޖަމްއިއްޔާއިން ވަނީ 91 މެޓްރިކް ޓަނުގެ އެހީ ފޮނުވާފައެވެ. އޭގެ ތެރޭގައި ފެން އަޅާ ހަމާއި، ބަދިގޭގައި ބޭނުން ކުރާ ސާމާނު ފަދަ ތަކެތި ހިމަނާފައިވެ އެވެ.

މިދިޔަ މަހުގެ 25 ފަހުން ބަންގުލަދޭޝަށް ދިޔަ ރޮހިންޔާ މުސްލިމުންގެ އަދަދު ވަނީ 370،000ށް ވުރެ އިތުރުވެފައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ތިބެނީ ކޮކްސް ބާޒާރުގައި ހުންނަ، މިހާރުވެސް ތޮއްޖެހިފައިވާ ވަގުތީ ހިޔާތަކުގައެވެ.

comment ކޮމެންޓް