މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް.

* * * *

  • ރ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އީމާނާއި އުންމީދުގެ ދަންމަރު ނިއްވައިލުމަކީ ކިތަންމެ ވަރުގަދަ ޠޫފާނީ ރޯޅިތަކަކަށްވެސް ކުރެވޭނެކަމެއްނޫނެވެ.
  • ބ. އިތުރުސާހިބުގެ ލޯފުޅު އަސްކަރީ މައިދާނުގައި ބާޒެއްގެ ލޮލަށްވުރެވެސް ތޫނެވެ. ހިތްވަރުފުޅު ސިންގާއެއް ފަދައެވެ. ހަމަލާދެއްވާލެއް ހަލުއިކަމާއި، ވަރުގަދަކަމުގައި މިނިކާވަގަކަށްވެސް ދުލެއްނުކުރައްވައެވެ.
  • ޅ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދުޝްމިނުންގެ އުކުޅުތައް ވަގުތުން ވިސްނިވަޑައިގަންނަވައެވެ. ޖަވާބީ ޙަރަކާތްތައް ރާއްވަވައިލެއްވުމުގައި އިތުރުސަހާބާއަށް ލިބިވަޑައިގެންފައިވާ ޤާބިލިއްޔަތަކީ އެފަދަ ދެވަނަ މިސާލެއް ނެތްފަދަކަމެކެވެ.
  • ކ. ސިފައިންނަށް އިހްސާންތެރިވެވަޑައިގަތުމާއި، ހެޔޮފުޅުކޮށްހިތްތެވުމާއި، ކޯފާމަޑުކަމާއި، އެމީހުންނަށް ހެދޭ އެންމެ ބޮޑެތި ގޯސްތައްވެސް މާބޮޑުކަންކަމަށް ނަހައްދަވައި އެކަންކަން އިސްލާޙުކޮށްލެއްވުމަކީ އެމާތް ސާހިބާގެ ޠަބީޢަތެވެ.
  • އ. ދުރަށް ވިސްނައިވަޑައިގެން ކަންކަންރޭއްވެވުމަކީ އިތުރުސާހިބާގެ އާދަފުޅެވެ. ދުޝްމިނުންގެ ޙަމަލާދިނުމުގެ ބާރާއި، ދިފާއި ބުންވަރާއި ރޭވުންތަކާމެދު ބޭނުންތެރި މަޢުލޫމާތު ހޯއްދެވުމަކީ އެމާތްސާހިބާ ކޮންމެހެން ލާޒިމު ކަމުގައި ބައްލަވާ ކަންކަމެވެ. އިތުރުސާހިބާ ޢަސްކަރީ ކަންކަން ރާއްވަވަނީވެސް އަދި ޢަމަލީ ސިފަގެންނަވަނީވެސް އެމަޢުލޫމާތުގެ އަލީގައެވެ.
  • ވ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަނގުރާމަޔަށް ސަފުހައްދަވަނީ ވަރަށްވެސް ސައެންޓިފިކް ގޮތްކޮޅަކަށެވެ. އެކަމުގައި އެމާތް ސާހިބާއަށް ލިބިވަޑައިގެންފައިވަނީ ޙައިރާންވެ އަންތަރީސްވާ ފަދަ ކުޅަދާނަފުޅުކަމެކެވެ.
  • މ. އިތުރު ސާހިބާގެ ޢަސްކަރީ ޝަޚްޞިއްޔަތުގެ ވަރުގަދަ ކަމާމެދު ދުޝްމިނުން ޖެހިލުންކުރުއްވުމަކީވެސް އިތުރުސާހިބާއަށް ވަރަށް ފަސޭހަފުޅުކަމެކެވެ.

އުޙުދު ހަނގުރާމައިގެ މައްޗަށް އިތުރަށް ކަޅިހިންގައިލުމެއް

މިހައިތަނުން އަޅުގަނޑު މަސައްކަތްކޮށްލާނީ އުޙުދު ހަނގުރާމައިގެ އެކިއެކި މަރްޙަލާތަކާއި، ތަފާތު ޙާލަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ކީރިތި ޤުރުއާނުގައި ދެއްވައިފައިވާ އިރްޝާދުތަކާއި ޢިލްމުވެރީން ލިޔުއްވައިފައިހުރި ވާހަކަފުޅުތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ގެނެސްދެވޭތޯއެވެ.

  1. ފުރިހަމަ ރޭވުންތެރިކަމާއި، ނިޒާމު ހިފެހެއްޓުމަކީ ތަޙްރީކެއްގެ ޙަޤީޤީ ބާރެވެ. ކޮންމެ ކަހަލަ ކުރިމަތިލުމެއްގައިވެސް ނުވަތަ ވާދަކުރުމެއްގައިވެސް ނިޒާމު ހިފެހެއްޓުމަކީ ނުހަނު އަސާސީ އަހަންމިއްޔަތެއް ލިބިފައިވާކަމެކެވެ. ނިޒާމު ހިފެހެއްޓުމުގެ ބިންގަލަކީ އަޅުގަނޑުމެން ކެތްތެރިކަމުގެ ނަންދޭ އަޚްލާޤީ ސިފައެކެވެ. އާދެ، އަމިއްލަ ނަފުސު ތިމާގެ ބުއްދީގެ ބާރުގެ ދަށުގައި ބޭއްވުމެވެ. ބިރުވެރިކަމާއި، ގެއްލުންތަކަކާކުރިމަތިލާ ހިނދުގައްޔާއި، ތިމާ ހިތްކިޔާ ޒާތުގެ މަޞްލަޙަތުތައް ކުރިމަތިވެގެން އަންނައިރުވެސް ސާބިތުކަމާއެކު ގުޑައިނުލައިހުރުމަކީ ނިޒާމު ހިފެހެއްޓުމުގެ މާނައިގައި ހިމެނޭކަންކަމެވެ.

އުޙުދު ހަނގުރާމައާ ކުރިމަތިލާންޖެހުނީ އިސްލާމީ މުޖްތަމަޢުގެ ތަރުބިޔަތުގެ ވަރަށް ކުރީގެ މަރްޙަލާއެއްގައެވެ. ޚާއްޞަކޮށް ހަނގުރާމައިގެ މައިދާނުގައި އިސްލާމީ ޝަޚްޞިއްޔަތު އާރުލެއްވުމުގެ ތަނަވަސް ތަޖްރިބާތަކެއް އެހައިތަނަކަށް މުސްލިމު ސިފައިންނަކަށް ލިބިފައެއްނެތެވެ. އުޙުދުގެ ކުރީން އިސްލާމީ ލަޝްކަރު ތަޖްރިބާކޮށްފައިވަނީ މިފަދަ އެންމެ ހަނގުރާމައެކެވެ. އެހެންކަމުން މުސްލިމުންގެ ތެރެއިން ބައެއްގެ ފައިކައްސައިލީއެވެ. އެއްބަޔަކަށް ކަތިފިޔަވަޅެއް އެޅުނީއެވެ. އިންސާނީ އެއްވެސް ޖަމާޢަތަކީ ޚާއްޞަ ނަޒަރިއްޔާއެއްގެ އަސާސުގައި އާ ޝަޚްޞިއްޔަތެއް ބިނާކުރާއިރު އެއްވެސް ކަތި ފިޔަވަޅެއް ނޭޅި ފުރިހަމަކަމުގެ ބޮންތިއަތުވާ ބައެއްނޫނެވެ. މުސްލިމުންނަށް މިއެޅުނު ކަތިފިޔަވަޅަކީ ޤުދުރަތުން މުސްލިމުންނަށް ދެއްވި ވަރަށް މަތިވެރި ފިލާވަޅެކެވެ. އެފިލާވަޅު ޤުދުރަތުން ލައްވައިފައިވަނީ ހަމައެކަނި ވަޢުޡާއި ނަސޭހަތުން ހިތްތަކުގައި ބިންވަޅުނެގޭ ވަރަށްވުރެ މާފުރިހަމަ މާވަރުގަދަ ފިލާވަޅެއް ދަސްކޮށްދެއްވުމުގެ ވަސީލަތަކަށެވެ. މިހާދިޘާއިން މުސްލިމުންނަށް ދަސްކޮށްދެއްވީ އަސްބާބުތަކުގެ ދުނިޔޭގައި އިލާހީ ސުންނަތަކީ އެއްވެސް އިސްތިސްނާއެއްނެތި ހިނގާކަމެއްކަމެވެ. އެސުންނަތާ ޚިލާފުވެއްޖެނަމަ ކިތަންމެ ރަނގަޅު ބަޔަކަށްވިޔަސް އެކަމުގެ "އަދަބު" ލިބިގަންނަންޖެހޭނެކަމެވެ.

އުޙުދު ހަނގުރާމައިގެ ހުރިހާ މަރްހަލާތަކަކަށް ކީރިތި ޤުރުއާނުގައި ވަނީ ވަރަށް ފުރިހަމައަށް އަލިއަޅުއްވައިލައްވައިފައެވެ. އެސަބަބުތަކަކާހުރެ މުސްލިމުންނަށް މިފަދަ ހައިބަބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ސަބަބުތައް ތަފްޞީލުކޮށްވަނީ ބަޔާންކޮށްދެއްވައިފައެވެ. ނުހަނު މަތިވެރި މަޤްޞަދުތަކެއް ހާޞިލުކުރާނެ ހެޔޮއުންމަތެއްގެ ގޮތުން މާތްﷲ އިންސާނުންގެ މެދަށް ފޮނުއްވި އުންމަތުގައި ހުރި އެކިއެކި ބަލިކަށިކަމަށް ވަނީ އިޝާރާތްކުރައްވައިފައެވެ. އިސްލާމީ އުންމަތަށްވަނީ ކެތްތެރިވުމަށް އިންތިހާއަށް ބާރުއަޅުއްވައިފައެވެ.

( އާލުޢިމްރާނު :125)

ފައިސާއާއި މުދަލަށް ނިވައްތައިގަތުމުން އެއްކިބާވެ ދުރުހެލިވުމަށް ވަނީ ނަސޭހަތް ދެއްވައިފައެވެ. ރިބާކާން މެދުވެރިވާ ހަޤީޤީ ސަބަބަކީ އެއީއެވެ. ހަނގުރާމައިގެ މައިދާނުގައި ޣަނީމާ މުދަލަށް ފެންބޮވައިގަނެވުމުގެ ސަބަބަކަށްވީ އެކަންތަކެވެ. މުސްލިމުންނަށް އިޝާރަތުން ވިސްނައިދެއްވައިފައިވަނީ ރިބާކެއުމުގެ ޒިހުނިއްޔަތާއެކު (މިޒާޖާއެކު) ކެތްތެރިކަން ދެމިނޯންނާނެކަމެވެ. ރޭވުންތެރިކަމާއި ނިޒާމަށް ތަބާވުމުގެ ޝަރުޠުތައް ފުރިހަމަ ނުކުރެވޭނެކަމެވެ. މަތިވެރި އަމާޒަކަށް ވާޞިލުވުމުގެ ތާރީޚީ ހަނގުރާމައެއްވެސް ، މަސައްކަތެއްވެސް ކާމިޔާބުނުކުރެވޭނެކަމެވެ. މިދެންނެވި ނަފްސިއްޔާތީ ޙާލަތާ ގުޅުއްވައިގެންވަނީ ރިބާ ޙަރާމުކުރައްވައިފައެވެ. (އާލުޢިމްރާނު :130)

މުސްލިމުންނަށް އަންގަވައިދެއްވައިފައިވަނީ ރިބާގެ މުދާ ބައްކުރުމަށާއި މުދަލާއި ފައިސާއެއްކުރުމަށް ކެތްނުލަވައިގެންފައި ތިބޭބަޔަކަށް އިސްލާމީ އިންޤިލާބުގެ ދިދައުފުލާ ބަޔަކަށް ނުވެވޭނެކަމެވެ. އެއާ ޚިލާފަށް އިސްލާމީ އިންޤިލާބުގެ ޤާއިދުންކަމުގައިވެވޭނީ މަތިވެރި މަޤްސަދުތަކަށް ތިމާމެންގެ މުދާ ހޭދަކުރަން ތައްޔާރަށް ތިބޭ މީހުންނަށްކަމެވެ. ޖަޒުބާތުގެ އޮއިވަރުގައި ބެހިގެން ނުގޮސް ތިމާމެންގެ އިހްސާސްތަކާއި ޝުޢޫރުތައް ބުއްދީގެ ބާރުގެ ދަށުގައި މަތަކޮށް ކިޔަމަންކުރުވާ މީހުންނަށްކަމެވެ. (އާލުޢިމްރާނު :134)

މުސްލިމުންނަށް ހަނދާންކޮށްދެއްވީ ދުނިޔަވީ ބޭނުންތައްފުއްދައި ފައިދާތައް ހޯދައިގަތުމަށް އަބަދު ފާރަވެރިވެގެން ތިބޭމީހުންނަށް ލިބެންވާ އެއްޗެއް މިދުނިޔެއިން ލިބި ހިސާބުހަމަވާނެކަމެވެ. އާޚިރަތް ދުވަހުން އެފަދަ މީހުންނަށް ލިބޭނެ އެއްޗެއް ނޯންނާނެކަމެވެ. ދުނިޔަވީ މަޞްލަހަތުތަކަށް ލިބޭ ގެއްލުން ބަރުދާސްކުރުމާއެކު ތިމާގެ ޢާޤިބަތު އުޖާލާކުރަން އެދޭމީހުންގެ މަސައްކަތުގެ އަގު ޤިޔާމަތް ދުވަހުން ވަޒަންކުރެއްވޭނެކަމެވެ. (އާލުޢިމްރާނު :145)

މުސްލިމުންނަށް ނަސޭޙަތްދެއްވައިފައިވަނީ ދިމާވި ޙާދިޘާއަކުން މުސްލިމުންނަށް ހާނިއްކައާއި ވޭންލިބުނު ކަމުގައިވިޔަސް ހިތްވަރު އެލުވައިނުލުމަށެވެ. މިއަދު (އުޙުދު ހަނގުރާމައިގައި ) މުސްލިމުންނަށް ހާނިއްކަ އާއި ވޭން ލިބުނު ފަދައިން އިއްޔެ (ބަދުރު ހަނގުރާމައިގައި) މުސްލިމުންގެ އަތުން މުޝްރިކުންނަށް ދެގުނަ ހާނިއްކައާއި ވޭން ލިބުނުކަމެވެ. ދެފަރާތެއްގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގަމުންދާއިރު އެއްވަތުމަތީން އަނެއް ވަތު ދަށުން ދިޔުމުގެ ނުވަތަ އެރުމާއި ވެއްޓުމުގެ ދައުރު އަންނަމުންދާނެކަމާއި މިފަދަ އިމްތިހާނުތަކަށް ހުށަހެޅުނުކަމުގައިވިޔަސް އެންމެ ފަހުން ނަސްރާއި ކާމިޔާބީ ލިބޭނީ މުއުމިނުންނަށްކަމެވެ. (އާލުޢިމްރާނު : 139،140)

ހަމައެއާއެކު ނުހަނު ސާފުބަސްފުޅުން ހަނދާންކޮށްދެއްވައިފައިވަނީ އަރަހުށި މާތްﷲގެ ރުހިވޮޑިގަތުމާއި، އެކަލާނގެ ނިޢުމަތްތަކުގެ ސުވަރުގެއަކީ މާއާދައިގެ އަގުހެޔޮ އެއްޗެއްސެއް ނޫންކަމެވެ. އެބާއްޖަވެރިކަމުގެ ނަސީބު ލިބޭނީ މާތްﷲ ގެ މަގުގައި ފުރާނަތައް ޤުރުބާންކޮށް ކެތްތެރިކަމާއި ސާބިތުކަމުގައި ތިބޭ މީހުންނަށްކަމެވެ. ވަރަށް ވަރުގަދަ އިމްތިހާނުތަކެއްގެ ޒަރީއާއިން އަޖުމަބެއްލެވޭނެކަމާއި، ތެދުވެރި އީމާންކަމަކުން އިމާންވެގެން ތިބި މީހުންނާއި، ތެދުވެރީންނަކީ ކޮބައިކަމަށް ހެކިދޭން އެކަށީގެންވާ މީހުން ފާޅުވެ އެނގޭނެގޮތް މެދުވެރިކުރައްވާނެކަމެވެ. (އާލުޢިމްރާނު : 142-140)

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަހީދުކުރެވުނު ޚަބަރު ފެތުރުމާއިވިދިގެން އިތުރުސާހިބާދެކެ ވެވަޑައިގަންނަވާ ތެދުވެރި ލޯބިފުޅުގެ އަސަރުގައި މުސްލިމުންގެ ތެރެއިން ބައެއްބޭކަލުންނަށް ފާޅުކުރެއްވުނު މާޔޫސްކަމުގެ ރައްދު ޢަމަލާމެދު ރުހިވޮޑިނުގަންނަވާކަންވެސް ވަނީ ބަޔާންކުރައްވައިފައެވެ. އަންގަވައިފައިވަނީ ކައުސާހިބާއަކީވެސް ރަސޫލު ބޭކަލެއްކަމެވެ. އެހެންވެސް ރަސޫލުބޭކަލުން ފަދައިން އެކަލޭގެފާނުވެސް ކޮންމެވެސް ދުވަހަކުން އުންމަތާ ވަކިވެވަޑައިގަންނަވާނެކަމެވެ. އެކަލޭގެފާނު އަވަހާރަވެއްޖެނަމަ ނުވަތަ ޝަހީދުކުރެވިއްޖެނަމަ މުސްލިމުން "މެދުރި އޮޅައިލައި ފިލާގަނޑު ކިހިލިޖަހައިގެން ދަނޑުން ފައިބާންވީތޯ" ވަނީ ސުވާލުކުރައްވައިފައެވެ.

(އާލުޢިމްރާނު :144)

މުސްލިމުންނަށް ދެން އިރްޝާދު ދެއްވައިފައިވަނީ ކުރީގެ ތާރީޚުތަކުގައި ނަބީބޭކަލުންގެ އަރިހުގައި ހަނގުރާމަކުރި ތައުހީދުގެ އަހްލުވެރީން ނަމޫނާއަކަށް ބެލުމަށެވެ. އެމީހުން ބާޠިލުގެ ކުރިމަތީގައި ބޯލަނބައިނުލާކަމެވެ. ފިނޑިވެ، ނިކަމެތިވެ، ބަލިކަށިވެނުގަންނަކަމެވެ. މާތްﷲ ލޯބިވެވޮޑިގެންވަނީ އެފަދަ ކެތްތެރީން ދެކެކަމެވެ. (އާލުޢިމްރާނު :146)

އިސްވެދެންނެވުނު އުޞޫލީ ތަފްސީލުކޮށްދެއްވުންތަކާއެކު ކީރިތި ޤުރުއާނުގައިވަނީ އުޙުދު ހަނގުރާމައިގައި ނިޒާމަށް ތަބާނުވުމުގެ ސަބަބުން އިސްލާމީ ލަޝްކަރަށް ކަންދިމާވިގޮތުގެ ވަރަށް ފުރިހަމަ ލަފުޒީ ތަސްވީރެއްވެސް ކުރައްސަވައިދެއްވައިފައެވެ. ކީރިތި ޤުރުއާނުގައިވަނީ މިދަންނަވާގޮތަށެވެ.

" ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް، އެކަލާނގެ ވަޢުދުފުޅު ފުއްދަވައި ދެއްވިއެވެ. އެކަލާނގެ އިޒުނަފުޅާލައިގެން ތިޔަބައިމީހުން އެ ކާފިރުން ޤަތުލުކޮށް ނެތިކުރަމުން ދިޔަހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުނަށް ތިމަންރަސްކާލާނގެ ދެއްކެވުމަށްފަހު، ތިޔަބައިމީހުން އުރެދި، އަދި (ރަސޫލާ އެންގެވި) ކަންތަކުގައި ތިޔަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި ، ތިޔަބައިމީހުންގެ ތެރޭގައި އާޚިރަތް އެދޭ މީހުންވެސްވެއެވެ. ދެން، އެ ކާފިރުންގެ ކިބައިން ތިޔަބައިމީހުން އެއްކިބާ ކުރެއްވިއެވެ. (ތިޔަބައިމީހުން ފަހަތަށް ޖެހޭނެގޮތް މެދުވެރިކުރެއްވިއެވެ. – ތަފްހީމުލް ޤުރުއާން. ޖިލްދު: 1 ، ޞަފުޙާ: 294) އެއީ ، ތިޔަބައިމީހުން އިމްތިޙާނުކުރެއްވުމަށްޓަކައެވެ. އަދި، ހަމަކަށަވަރުން އެކަލާނގެ ތިޔަބައިމީހުންނަށް ޢަފޫކުރެއްވިއެވެ. ﷲ އީ ، މުއުމިންތަކުންގެ މައްޗަށް ފަޟުލުވަންތަވެރި ރަސްކަލާނގެއެވެ. (އެއީ) ތިޔަބައިމީހުން އެކަކަށްވެސް އެނބުރި ބަލައިނުލައި ދުރަށްދިޔަ ހިނދުގައެވެ. ތިޔަބައިމީހުންގެ ފަހަތުން ރަސޫލާ ތިޔަބައިމީހުނަށް ގޮވާލައްވާ ޙާލުގައެވެ. ދެން، މޮޅިވެރިކަމަކާ ވިދިގެން މޮޅިވެރިކަމަކުން ތިޔަބައިމީހުން ޖަޒާދެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް (ޣަނީމާއިން) ފާއިތުވީ އެއްޗެއްގެ މައްޗަށާއި، ތިޔަބައިމީހުންނަށް ޖެހުނުކަންތަކުގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށްޓަކައެވެ. ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކާލާނގެއެވެ." (އާލުޢިމްރާން : 152،153)

ކީރިތި ޤުރުއާނުގެ މިތަބްޞިރާއަކީ އިސްލާމީ ލަޝްކަރަށް ކުރިމަތިވި ޙާލަތުގެ އެންމެ ފުރިހަމަ ބަޔާނެވެ. ވަޙީ ބާވައިގަންނަވާ ސާހިބާގެ ދޫފުޅުން އުންމަތަށް ބަޔާންކޮށްދެއްވި ބަޔާންކޮށްދެއްވުމުގައި ވަނީ މުޅީން ޙަޤީޤަތެވެ. އަރަހުށި މާތްﷲ ގެ ރަސްކަންފުޅަށް ބޯލަންބުވައި ކިޔަމަންތެރި ކުރެއްވުމުގެ ރޫޙެވެ. މަޤްޞަދަކީ އަޚްލާޤީ (ޚާއްޞަކޮށް އަސްކަރީ އަޚްލާޤިއްޔާތުގެ) ތަރްބިޔަތުދެއްވުމެވެ.

(ނުނިމޭ)

comment ކޮމެންޓް