ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޕެނަލްޓީ ކާމިޔާބުކުރި ކުޅުންތެރިޔަކަށް ރޮނާލްޑޯ

ރެއާލްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ: އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޖުމްލަ 12 ޕެނަލްޓީ ކާމިޔާބުކޮށްފައި -- ފޮޓޯ/ އޭޕީ

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ ޕެނަލްޓީ ކަމިޔާބުކުރި ކުޅުންތެރިޔަކަށް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ރޭ އަޕޮއެލް ނިކޮސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖަހާފައިވާއިރު އޭނާގެ ދެވަނަ ލަނޑަކީ ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ އަކީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 12 ވަނަ ޕެނަލްޓީއެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ޕެނަލްޓީ ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި އޮތީ ރޮނާލްޑޯގެ ވާދަވެރިޔާ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެވެ. އޭނާ ވަނީ 11 ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.

ރޮނާލްޑޯ ކާމިޔާބު ކޮށްފައިވާ 12 ޕެނަލްޓީގެ ތެރެއިން 11 ޕެނަލްޓީ ކާމިޔާބު ކޮށްދީފައިވަނީ ރެއާލަށެވެ. އަނެއް ޕެނަލްޓީ އަކީ އޭނާ މެންޗެސްޓާ ޔުނައިޓެޑަށް 2007 ވަނަ އަހަރު ކާމިޔާބު ކޮށްދިން ޕެނަލްޓީ އެކެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުގައި ވެސް އޮތް ރޮނާލްޑޯ ވަނީ ރޭ ޖެހި ދެ ލަނޑާއެކު ޗެމްޕިއަންސް ލީގުގައި ޖުމްލަ 107 ލަނޑު ޖަހައިފައެވެ. އެ މަގާމަށް ރޮނާލްޑޯއާ އެންމެ ކައިރިން ވާދަކުރަނީ މެސީއެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 96 ލަނޑު ޖަހައިފައެވެ.

comment ކޮމެންޓް