ފީވަކުގައި ބެހެއްޓި ރޮހިންޔާ މުސްލިމުންގެ ފަންޑުފޮށި ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ށ. ފީވަކުގައި ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބެހެއްޓި ފަންޑު ފޮށި ވަގަށް ނެގުމަށްފަހު ގެވަޅަކަށް އެއްލާލާފައި --- ފޮޓޯ: ފީވަކު ކައުންސިލް

މިޔަންމާގެ އަސްކަރިއްޔާ އާއި ބުޑިސްޓުންގެ ފަރާތުން ލާ އިންސާނީ އަނިޔާ ލިބެމުންދާ ރޮހިންގޔާ މުސްލިމުންނަށް އެހީވުމަށް ށ. ފީވަކުގައި ބެހެއްޓި ފަންޑު ފޮށި ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށު މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑުފޮށި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރީ އިއްޔެ ކަމަށެވެ.

އުމުރުން 21 އަހަރުގެ އެމީހާ ހައްޔަރުކުރީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ފީވަކު ކައުންސިލްގެ ރައީސް ހަސަން ޝުޖާއު ވިދާޅުވި އެވެ.

"ރަށުގެ ރައްޔިތުންނާއި ފުލުހުން ނުކުމެ ފަންޑު ފޮށި ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ. ފަނޑު ފޮށި ފެނުނީ މިސްކިތާއި ދުރު ނޫން ހިސާބެއްގެ ގެވަޅަކަށް އެއްލާލާފައި އޮއްވައި،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެނުނު އިރު، އެ ފަންޑު ފޮއްޓަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރާތީ ފަންޑް ފޮށި އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެންކަމުން މާދަމާ އިތުރު ފަންޑް ފޮއްޓެއް އެރަށުގައި ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް ފީވަކު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ވަގަށް ނެގި ފަންޑް ފޮއްޓަކީ ފީވަކު ކައުންސިލުން ހުޅުވި ފަންޑު ފޮއްޓެކެވެ. ފަންޑް ފޮއްޓަށް ފައިސާގެ އެހީ ދިން މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު އޭގައި 10،000 ރުފިޔާ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"އަނިޔާލިބެމުންދާ މިޔަންމާގެ މުސްލިމުންނަށް އެހީވުމަށް މިރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. އެ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް މިރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވާ ހިނގާލުމެއް ބާއްވަން އަޅުގަނޑުމެން މިހާރު ނިންމައިފިން،" ޝުޖާއު ވިދާޅުވި އެވެ.

comment ކޮމެންޓް