ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

ފުވައްމުލައް ސިޓީގައި ފެން ހިންދުމުގެ މަސައްކަތުގައި- ފޮޓޯ/އެމްއެންޑީއެފް

ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެއެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު އުތުރު ދާއިރާގެ ކައުންސިލަރު ހަމަދު އަބްދުﷲ ވިދާޅުވީ، ފުވައްމުލައް ސިޓީއަށް މެދުކެނޑުމެއް ނެތި ވާރޭ ވެހޭތާ 10 ދުވަސް ވެއްޖެކަމަށެވެ.

"މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ ހުއްޓާ ނުލާ ވާރޭ ވެހޭތާ. ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއްގަ ވާރޭ ވެހެނީ،" އޭނާ ވިދާޅުވިއެވެ.

ހަމަދު ވިދާޅުވީ މަގުތަކުގައި ފެންގަނޑު ހެދިފައިވާ ކަމަށާއި މިހާރު ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެގޮތުން އެރަށު މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށްޓަކައި އެމްއެންޑީއެފުން ޕަމްޕު ބޭނުންކޮށްގެން މަސައްކަތް ކުރަމުން ގެންދާއިރު ފެން ބޮޑުވުން ހުއްޓުވުމަށް ހަދާފައިވާ ކާނުތައް ހުޅުވާލައި ފެން ހިންދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުގެ މެދުގައި ޗަކަ ބިން ހިމެނޭ ސަރަހައްދުގެ ގެތަކަށް ކޮންމެވެސް ވަރަކަށް ފެންވަދެފައިވާ ކަމަށާއި އެކަންވެސް އިތުރަށް ބަލަމުން ގެންދާކަމަށް ހަމަދު ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު މެޓް އޮފީހުން ވަނީ ވައިގަދަވެ ރާއްޖޭގެ ކަނޑުތައް އާއްމުކޮށް ގަދަވާނެތީ މޫސުމަށް ސަލާމުވެގެން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް