ފަހަތުން އަރާ މޮޅުވާން ދަނިކޮށް، ސެވިއްޔާއިން ލިވަޕޫލް ހިފަހައްޓައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހަތުން އަރާ މޮޅުވާން ދަނިކޮށް، ސެވިއްޔާއިން ލިވަޕޫލް ހިފަހައްޓައިފި އެވެ.

ލިވަޕޫލްގެ ދަނޑުގައި ސެވިއްޔާއާއި ލިވަޕޫލް ކުޅުނު 'ގްރޫޕް އީ'ގެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދީ ސެވިއްޔާ އިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ސާޖިއޯ އެސްކުޑޭރޯ ނަގައިދިން ހުރަސް، ލިވަޕޫލްގެ ޑެޖާން ލޮވްރެންއަށް ރަނގަޅަށް ދިފާއު ނުކުރެވުމާ އެކު ލިބުނު ބޯޅައިން ސެވިއްޔާއަށް ލީޑު ހޯދައިދިނީ ވިސާމް ބެން ޔެޑާއެވެ.

ލިވަޕޫލްގެ ހަމަލާތަކަކަށް ފަހު އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 21 ވަނަ މިނެޓުގަ އެވެ. އަލްބާޓޯ މޮރޭނޯ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯ އެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ސެވިއްޔާގެ ގޯލަށް އެ ބޯޅަ ފޮނުވާލައިފަ އެވެ.

ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ 37 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ފުރަތަމަ ފަހަރަށް ލީޑު ހޯދައިފަ އެވެ. ސެވިއްޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސެވިއްޔާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ސެވިއްޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސާޑިއޯ މާނޭއަށް ނިކޮލަސް ޕަރޭޖާ ކުރި ފައުލަކާ ގުޅިގެން ލިވަޕޫލަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ފާމީނޯ ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ސެވިއްޔާ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ސެވިއްޔާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ތެރޭގަ އެވެ. މެޗުގެ 72 ވަނަ މިނެޓުގައި ލުއިސް މުރިއެލް ދިން ބޯޅައަކުން ސެވިއްޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އާޖެންޓީނާ ފޯވަޑް އެންހޭލް ކޮރޭއާ އެވެ.

comment ކޮމެންޓް