ރޮނާލްޑޯގެ ދެ ލަނޑާއެކު އަޕޮއެލް އަތުން ރެއާލަށް ފަސޭހަ މޮޅެއް

ޗެމްޕިއަންސް ލީގުގައި ރެއާލްއާއި އަޕޮއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު ސައިޕްރަސްގެ ޗެމްޕިއަން އަޕޮއެލް ނިކޯސިއާ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ އަޕޮއެލްއާ ދެކޮޅަށް ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުން ރެއާލް މޮޅުވެފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރީކޮޅު އަޕޮއެލްގެ ފަރާތުން ވަރަށް ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. މެޗުގެ ދިހަވަނަ މިނެޓުގައި އަޕޮއެލްގެ ރޮބާޓޯ ލާގޯ 30 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާ، ރެއާލްގެ ކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގެރެތު ބޭލް ނަގައިދިން ހުރަހަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަޕޮއެލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮނާލްޑޯއަށް ބޯޅަ ލިބުނުއިރު އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލްއާއި އަޕޮއެލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ލަނޑަށްފަހު ވެސް ރެއާލަށް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ބޭލްއާއި ރޮނާލްޑޯއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާ ވެސް އަޕޮއެލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުން ރެއާލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރެއާލަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮނާލްޑޯއެވެ. އެ ލަނޑުގެ ކުރިން ވެސް ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ރެއާލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޭލް ބޮލުން ފޮނުވާލި ހަމަލާއެއް އަޕޮއެލްގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި ލިބުނު ބޯޅައަކުންނެވެ.

comment ކޮމެންޓް