އުމަރުގެ އަބުރަށް ފަލާހް އަރައިގަތް ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުން ޗެނަލް 13 ޖޫރިމަނާއެއް ނުކުރި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅުގެ ސަބަނުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ޖޫރިމަނާ ކުރި ނަމަވެސް ހަމަ އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރި ޗެނަލް 13 ޖޫރިމަނާ ނުކުރަން ބްރޯޑްކާސިޓިން ކޮމިޝަނުން ނިންމައިފިއެވެ.

މީގެ ފަސް މަސް ކުރިން އުމަރު ނަސީރު ހުށަހެޅި މައްސަލާގައި ޕީއެސްއެމް ދެ ލައްކަ ރުފިޔާއިން ޖޫރުމަނާކުރަން ނިންމީ އޭގެ ދެ މަސް ފަހުންނެވެ. އަދި މިހާރު ޕީއެސްއެމުން ވަނީ އެ ފައިސާ ވެސް ދައްކައި ޚަލާސްކޮށްފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމުގައި ވަނީ އެ މައްސަލާގައި ޖަވާބުދާރީވުމުގެ ގޮތުން ޗެނަލް 13 އިން ފޮނުވި ސިޓީގައި، އެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރާ ހުރިހާ ކޮންޓެންޓްތަކަކީ ވެސް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުން ރައްކާތެރިކުރާ އެންމެހައި ކަންކަމަށް ފުރިހަމައަށް ރިއާޔަތްކުރުމަށްފަހު، ބްރޯޑްކާސްޓްކުރުމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ކޮންޓެންޓްކަމަށް ޔަގީންކޮށްދޭކަމަށް ބެނެފައިވާ ކަމަށެވެ.

އަދި އެ ދުވަހު ފޮނުވި ކޮންޓެންޓް ޗެނަލް 13 ހިންގާ އިމާރާތް ބަދަލުވުމުން ގެއްލިފައިވާ ކަމަށް ބުނެފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި މިއީ ޗެންލަ 13 އިން ކޮންޓެންޓަށް ރައްކާތެރިނުވި ދެ ވަނަ ފަހަރުކަން ވެސް ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

އަދި އެކަމަށް ފިޔަވަޅު އެޅުމުން ވެސް އެކަށީގެންވާ އިސްލާހެއް ގެނެސްފައިނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ލައިސަންސް ދިނުމުގެ ޝަރުތަކާ ޚިލާފުނުވުމަށް ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

އެ އެންގުމާ ޚިލާފުވެއްޖެނަމަ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރާނެކަމުގެ އިންޒާރު ވެސް އެ ކޮމިޝަނުން ވަނީ ދީފައެވެ.

ޗެނަލް 13 ޖޫރިމަނާ ނުކޮށް ދެވަނަ ފަހަރަށް ދޫކޮށްލާފައި މިވަނީ އެޗެނަލުން އެމަންޒަރުތައް ރެކޯޑްކޮށްފައި ނުވާތީ އެކަމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ކަމަށް އެ ނިންމުމުގައި ވަނީ ބުނެފައެވެ. ނަމަވެސް އުމަރުގެ އަބުރަށް ހުތުރުވާ ކޮންޓެންޓެއް ދައްކައިގެން ޕީއެސްއެމް ޖޫރިމަނާ ކުރިއިރު ހަމަ އެ ކޮންޓެންޓް ދައްކައިގެން ޗެނަލް 13 އަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގެ މީހަކު ދެއްކި ވާހަކައަކާއި ރައީސް ޔާމީންގެ އަބުރަށް ހުތުރުވެފައިވާފަދަ ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެ ޓީވީ ވަނީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް