ފުރަތަމަ ފަހަރަށް ބަލިމީހެއް ގޮވައިގެން އުސްފަސްގަނޑުގައި ހެލިކޮޕްޓަރު ޖައްސައިފި

އުސްފަސްގަނޑުގައި މިއަދު ހެލިކޮޕްޓަރު ޖައްސައި ބަލި މީހާ ގޮވައިގެން އެމްއެންޑީއެފްގެ އޮފިސަރުން ދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޭލޭ ދެކުނު ފަރާތުގެ އުސްފަސްގަނޑު ހެލިޕޭޑްގައި ފުރަތަމަ ފަހަރަށް ބަލިމީހެއް ގޮވައިގެން ހެލިކޮޕްޓަރު ޖައްސަައި އެތަން ބޭނުން ކުރަން ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް އިން ވަނީ އުސްފަސްގަނޑުގައި ހެލިކޮޕްޓަރު ޖެއްސުމުގެ ކުރިން ޓެސްޓް ދަތުރުތަކެއް ކޮށްފައެވެ. އަދި އެ ދަތުރުތަކަށްފަހު ބަލަންޖެހޭ ބެލުންތަކެއް ބެލުމަށްފަހު އެ ތަން ފައިނަލް ކުރާނެ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އުސްފަސްގަނޑުގައި ހެލިޕޭޑެއް ހަދުމަށް ފައިނަލްކޮށް އެތަން މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި މިއަދު ވެސް ދެ ދަތުރު ކޮށްފައިވާ ކަމަށެވެ.

އުސްފަސްގަނޑުގައި މިއަދު ހެލިކޮޕްޓަރު ޖައްސާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ގޮތުން އެންމެ ފުރަތަމަ މާލެ ގެނައިސްފައިވަނީ މިއަދު މެންދުރު 12:30 ގައި ދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މާބަނޑު އަންހެނެއް އިތުރު ފަރުވާއަށް ކުއްލިއަކަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިނުމުންނެވެ. އަދި ދެވަނަ މީހާއަކީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މާލެގެނައީ ގދ. ފަރެސްމާތޮޑާއިން މިއަދު 5:00 ގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން އަތޮޅުތެރިން ހާލުބޮޑުވެގެން ގޮވައިގެން އަންނަ ބަލިމީހުންނާއި އެކު ހެލިކޮޕްޓަރު ޖައްސަމުން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ހެލިކޮޕްޓަރު މާލެއަށް ޖެއްސުމަށް ހަމަޖެއްސީ އެއާޕޯޓަށް ޖެއްސުމަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވެ ބަލިމީހުނަށް ވެސް ފަސޭހައަކަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް