ހަތަރު ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އަންނަ މަހު ފަށަނީ

2014 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް ޓިޗާސް ކޮންފަރެންސްގެ ތެރެއިން. ފޮޓޯ/ ނޭޝަނަލް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން

ހަތަރު ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބުނެފިއެވެ.

އަންނަ މަހުގެ 12 އަދި 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްގައި ބޭރުގެ ތަރުޖިބާކާރުން ބައިވެރިވާނެ ކަމަށް އެންއައިއީ އިން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ޣާޒީ ބިލްޑިންގްް ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިޔާ ޕޮލިސީ އެގްޒެކެޓިވް ޑރ. އަހްމަދު ރިޔާޒް ވިދާޅުވީ، ކަންތައްތައް ދިރާސާ ކުރުމުގެ ރޫހު ސުކޫލް ތަކުގައި އާލާ ކުރަންޖެހޭނެ ކަމަށެވެ.

އެ ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ހުށަހަޅާ ދިރާސާތަކުގެ އަލީގައި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމުގެ ކުރިމަގު ބައްޓަން ކުރުމަށް ދިރާސާ ކުރުމުގެ ރޫހު ސުކޫލުތަކުގައި ގާއިމުކުރަންޖެހޭނެ،" ރިޔާޒް ވިދާޅުވިއެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އެ ކޮންފަރެންސް ގައި އަތޮޅު ތަކުގެ ސްކޫލުތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ. ހަމައެހެންމެ މަތީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ވެސް އެ ކޮންފަރެންސްގައި ބައިވެރިވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސުކޫލް އޮފް ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ ހެޑް، އާނިޔަތު އަލީ ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ކޮންފަރެންސްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެ ކޮންފަރެންސްގައި ބައިވެރިވުމަށް އަތޮޅުތަކުގެ ސްކޫލްތަކަށް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންފަރެންސްގައި ބައިވެރިވާނެ ދުނިޔޭގެ ސަރަހައްދުގެ ޕްރޮފެޝަނަލް މީހުން. ކޮންފަރެންސްގެ އިތުރުން ކެޕޭސިޓީ ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި. އާނިޔަތު ވިދާޅުވިއެވެ.

ކޮންފަރެންސްގެ މޭޖަރ ޕާޓްނަރަކީ ކެމްބްރިޖް ޔުނިވާސިޓި ޕްރެސް ކަމަށް އެންއައިއީ އިން ބުންޏެވެ.

comment ކޮމެންޓް