އިންތިހާބަކާ ނުލައި ސިންގަޕޫރުގެ ފުރަތަމަ ރައީސާ ވެރިކަމަށް ހޮވިއްޖެ

ސިންގަޕޫރުގެ ފުރަތަމަ ރައީސާ ހަލީމާ ޔައުގޫބު -- ފޮޓޯ: އީޕީއޭ

ސިންގަޕޫރު (ސެޕްޓެމްބަރު 13): ސިންގަޕޫރުގައި ރިޔާސީ އިންތިހާބެއް ނުބާއްވަނީސް އެގައުމުގެ ވެރިކަމަށް ހަލީމާ ޔައުގޫބު ހޮވިއްޖެ ކަމަށް އެގައުމުގެ އިލެކްޝަންސް ޑިޕާޓްމެންޓުން ބުނެފި އެވެ.

ސިންގަޕޫރުގެ ފުރަތަމަ އަންހެން ރައީސްގެ މަގާމު ހަލީމާއަށް ލިބުނީ ވެރިކަމަށް ދެން ވާދަ ކުރި ކެނޑިޑޭޓުންގެ ޝަރުތު ހަމަ ނުވާ ކަމަށް އެގައުމުގެ އިލެކްޝަންސް ޑިޕާޓްމެންޓުން ނިންމުމުންނެވެ.

ތަފާތު ނަސްލުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސިންގަޕޫރުގެ ސަރުކާރުން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނި ހަމައެކަނި މެލޭ ކޮމިއުނިޓީއަށް ނިސްބަތްވާ މީހުންނަށް ކަމަށް ނިންމާފަ އެވެ. އެގަވާއިދުގެ ސަބަބުން އެގައުމުގައި ނުތަނަވަސްކަން އުފެދިފައި ވަނިކޮށް، އިންތިހާބަކާ ނުލައި ހަލީމާ ރައީސްކަމަށް ހޮވުމުން ސަރުކާރަށް ފާޑު ކިޔާ ފަރާތްތައް ވަނީ އިތުރުވެފަ އެވެ.

ނަމަވެސް ހަލީމާ ވަނީ އޭނާ ވެރިކަމަށް ހޮވުނީ އިންތިހާބަކުން ނޫން ކަމަށްވީ ނަމަވެސް އޭނާއަކީ "ހުރިހާ ރައްޔިތުންގެ ރައީސެއް" ކަމަށް ވިދާޅުވެފަ އެވެ. އުމުރުން 63 އަހަރުގެ ހަލީމާ މާދަމާ ރައީސްކަމުގެ ހުވާ ކުރައްވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (އޭއެފްޕީ)

comment ކޮމެންޓް