ސައުދީ ޕްރިންސެއް ސިއްރު ދަތުރުފުޅެއްގައި ވަޑައިގެންނެވިކަމަށް އިސްރާއިލުުގެ ރޭޑިއޯއަކުން ބުނެފި

އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ސައުދީ ޕްރިންސެއް ސިއްރު ދަތުރުފުޅެއްގައި އިސްރާއިލަށް ވަޑައިގެންނެވި ކަމަށް އިސްރާއިލުގެ ވޮއިސް އޮފް އިސްރާއިލް ރޭޑިއޯއިން ބުނެފިއެވެ.

ިއިސްެރާއީލްގެ ވޮއިސް އޮފް ރޭޑިއޯ ސްޓޭޝަނުން ގެނެސްދިން ޕްރޮގްރާމެއްގައި ބުނެފައި ވަނީ ސައުދީ ޕްރިންސެއް ސިއްރުން ކުރެއްވި އެ ދަތުރުފުޅުގައި މެދުއިރުމައްޗަށް "ސުލްހަ" ގެނައުމާ ބެހޭގޮތުން އިސްރާއިލްގެ ސީނިއާ އޮފިޝަލުންނާ އެކީ މަޝްވަރާ ކުރެއްވި ކަމަށެވެ.

އެކަމާމެދު ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެއްވެސް މައުލޫމާތެއް އިސްރާއިލުގެ ފޮރިން މިނިސްޓްރީން އަދި އިސްރާއިލުގެ ބޮޑުވަޒީރު ނުދިންކަމަށް އެ ރޭޑިއޯ ސްޓޭޝަނުން ބުންޏެވެ.

އިސްރާއިލުގެ ބްރޮޑްކާސްޓިން ކޯޕަރޭޝަނުން ވެސް ވަނީ އެ ޚަބަރު ރިޕޯޓުކޮށްފައެވެ. އެ ކޯޕަރޭޝަނަށް ވެސް އެކަމުގެ ތަފްސީލު ލިބިފައެއްނުވެއެވެ.

ސައުދީގެ ޕްރިންސެއް އިސްރާއިލަށް ސިއްރު ދަތުރުފުޅެއް ކުރެއްވި ކަމަށް އިސްރާއިލުގެ މީޑިއާއިން ރިޕޯޓްކުރިތާ އެއް ދުވަސް ކުރިން ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އިސްރާއިލާ ގަލްފުގެ އަރަބި ގައުމުތަކާ މިއިން ޒަމާނަކުވެސް ގުޅުން ބަދަހި ނުވާ ވަރަށް ގުޅުންތައް ބަދަހިވެފައިވާ ކަމަށް ވިދާޅުވެފައެެވެ.

"އަރަބިންނާ އިސްރާއިލާ ދެމެދު މިހާރު ހިނގަމުންދާ ކަންތައްތަކަކީ ތާރީޚާ ނުބައްދަލު ކަންތައްތަކެއް. ބޭރުފުށުން އަދި މާބޮޑަށް ފެންނަން ނެތް ކަމުގައި ވިޔަސް އިސްރާއިލާ އަރަބިންނާ ދެމެދު ތަފާތު ގޮތްގޮތަށް އެކި ހަރުފަތްތަކުގެ ގުޅުން އޮވޭ. މިއީ ވަރަށް ބޮޑު ބަދަލެއް. މުޅި ދުނިޔެވެސް މި ދަނީ ބަދަލުވަމުން " ނަތަންޔާހޫ ވިދާޅުވިއެވެ.

comment ކޮމެންޓް