އިސްލާމީ ބައެއް ގައުމުތަކުން އަނެއްބައި ގައުމުތަކުގެ ހަލާކަށް ބިލިޔަން ޑޮލަރުން ޚަރަދު ކުރޭ: ތުރުކީ

ތުުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް އާ ބައްދަލުކުރައްވަނީ

އަންކަރާ (ސެޕްޓެމްބަރ 13): އިސްލާމީ ބައެއް ގައުމުތަކުން އަނެއްބައި ގައުމުތަކުގެ ހަލާކަށްޓަކައި ބިލިޔަން ޑޮލަރުން ޚަރަދު ކުރަމުން ގެންދާ ކަމަށާއި އިސްލާމީ ގައުމުތަކުގެ އުފެދިފައިވާ ފިތުނައާއި ރުޅިވެރިކަމާއި ހަސައިގެ ބޮޑުކަމާމެދު ހިތާމަ ކުރައްވާ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ ވިދާޅުވެއްޖެއެވެ.

ތުރުކީއަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޚަވާޖާ އާސިފް އާ އަންކަރާގައި ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޗާވްޝް އޮގްލޯ ވިދާޅުވީ އިސްލާމީ ގައުމުތަކުން އެއްގައުމު އަނެއް ގައުމުގެ ހަލާކަށްޓަކައި ބިލިޔަން ޑޮލަރުން ޚަރަދުކުރަމުން ގެންދާއިރު އޭގެތެރެއިން ކުޑަމިންވަރެއް އިސްލާމީ ގައުމުތަކުގެ ފަގީރުންނަށާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ޚަރަދުކުރިނަމަވެސް އެމީހުން އެހާލުން ސަލާމަތް ކުރެވުނީސް ކަމުގައެވެ.

އޮގްލޯ މިއިޝާރާތް ކުރެއްވީ ގަތަރާއި ގަލްފުގެ ބައެއް އަރަބި ގައުމުތަކާ ދެމެދު އުފެދިފައިވާ ދުޝްމަންކަމާއި އިސްލާމީ ބައެއް ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވާދެވެރި އިސްލާމީ ގައުމުތައް ވަނުމުން އެގައުމުތައް ހަލާކުވެފައިވާ މައްސަލައަށް ކަމަށްވަނީ ބެލެވިފައެވެ.

އޮގްލޯ މިމޭރުމުން ވާހަކަ ދެއްކެވިއިރު ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން އިއްޔެވަނީ ގަތަރާ ދެކޮޅަށް ލަންޑަންގައި ބާއްވާ ބައްދަލުވުމަކަށް އެތަށް މިލިޔަން ޑޮލަރެއް ޚަރަދު ކުރަން ނިންމާފައެވެ. އަނެއްކޮޅުން ގަތަރުންވެސް ގެންދަނީ ސައޫދީ އާއި ޔޫއޭއީ މިސްރު އަދި ބަހްރައިން ބަދުނާމުކުރުމަށްޓަކައި ވަރުގަދަ ޕްރޮޕަގެންޑާތަކެއް ހިންގަމުންނެވެ.

އދ. ގެ ރިޕޯޓްތައްކަށްބަލާއިރު ދުނިޔޭގައި ރެފިއުޖީންނާއި ހާލުގައިޖެހިފައިވާ މީހުން އެންމެ ގިނައީ މުސްލިމުންގެ ތެރޭގައިކަން އޮގްލޯ ފާހަގަ ކުރެއްވިއެވެ. އަދި އިސްލާމީ ގައުމުތަކުގައި ރެފިއުޖީން ގިނަވުމުގެ މައިގަނޑު ސަބަބަކީ އިސްލާމީގައުމުތަކުގެ އެތެރޭގައި ހިނގާ އަރާރުންތަކާއި ތަޅާފޮޅުންތަށްކަމަށް ވިދާޅުވިއެވެ. ރޮހިންގާ މުސްލިމުންނަކީ ޣައިރު މުސްލިމުންގެ ޝިކާރައަކަށްވެ ހާލުގައިޖެހި ރެފިއުޖީންނަށް ވީނަމަވެސް އިސްލާމީ އެތަށް ގައުމެއްގައި (އިރާގާއި ސޫރިޔާއާއި ލީބިޔާއާއި ޔަމަން ފަދަ) ރައްޔިތުންގެ ގިނަބަޔަކު ހާލުގައިޖެހި ރެފިއުޖީންނަށް ވެފައިވަނީ އިސްލާމީ ގައުމުތަކުގެ ދެމެދުގައި އޮންނަ ކޯޅުންތަކާއި ވާދަވެރިކަމާއި ހަސަދައިގެ ސަބަބުން އުފެދުނު ހަނގުރާމަތަކުގެ ސަބަބުން ކަމަށް އޮގްލޯ ވިދާޅުވިއެވެ.

ރޮހިންގާ މުސްލިމުންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އޮގްލޯ ވިދާޅުވީ އިސްލާމީ ގިނަ ގައުމުތަކުން އަދި ޚާއްސަކޮށް މުއްސަނދި އިސްލާމީ ގައުމުތަކުން ރޮހިންގާ މުސްލިމުންގެ ވޭންތައް ކުޑަކޮށްދީ އެމީހުންނަށް މުސްތަގްބަލެއް ހޯދައިދިނުމަށް މާބޮޑު މަސައްކަތެއް ކުރަމުން ގެންދާތަން ނުފެންނަކަމުގައެވެ.

އިސްލާމީ ބައެއް ގައުމުތަކުން އަނެއްބައި ގައުމުތަކުގެ ހަލާކަށްޓަކައި ބިލިޔަން ޑޮލަރުން ޚަރަދު ކުރަމުން ގެންދާ ވާހަކަ ތުރުކީގެ ޚާރިޖީ ވަޒީރު ދައްކަވާފައިވާއިރު ސޫރިޔާ، ލީބިޔާ، ޔަމަން ފަދަ ގައުމުތަކުގައި ދާޚިލީ ހަނގުރާމަތައް ފެށުމާއި އެހަނގުރާމަތައް ދިގުލައިގެން ދިޔުމުގައި އިސްލާމީ ގައުމުތަކުގެ ދައުރު ވަރަށް ބޮޑެވެ. މިގައުމުތަކުގައި ހަނގުރާމަކުރާ އެގައުމުތަކުގެ ސަރުކާރުތަކާއި އިދިކޮޅު ޖަމާއަތްތަކަށް ޣައިރު މުސްލިމް ބާރުތަކުން އެހީތެރިވިނަމަވެސް ބޮޑަށް އެހީތެރިވަނީ ވާދަވެރި އިސްލާމީ ގައުމުތަކުންނެވެ.

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ކަންތައްތަކަށް ބަލާއިރުވެސް އިސްލާމީ މަދު ގައުމަކުން ނޫނީ އެކަމާމެދު ކަންބޮޑުވެގެން އުޅޭތަނެއް ނުފެނެއެވެ. އަދި ރޮހިންގާއިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައިވެސް އެންމެ ކުރީ ސަފުގައި އުޅޭތަން ފެންނަނީ ތުރުކީންނެވެ. ތުރުކީގެ ފަސްޓް ލޭޑީއާއި ޚާރިޖީ ވަޒީރު މައުލޫދު ޗާވްޝް އޮގްލޯ ވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ވަޑައިގެން ރޮހިންގްޔާ ރެފިއުޖީ މުސްލިމުންނާ ބައްދަލުކުރައްވައި އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް