ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދުބާއީއިން ދިވެއްސަކު ހައްޔަރުކޮށްފި

މީގެ ކުރިން ދިވެހި ފުލުހުން އަތުލާގަނެފައިވާ މަސްތުވާތަކެތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުބާއީ އިން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ދުބާއީގެ ފުލުހުން އެގައުމުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދިވެހި ފުލުހުންނާ ދުބާއީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ އެތަކެތި އެތެރެކުރަން އުޅުނީ ވައިގެ މަގުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދުބާއީ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކުރި އިރު އެ އޮޕަރޭޝަނުގައި އަތުލައިގަނެފައި ވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި އެ އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ދައުރަކީ ކޮބައިކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

ފުލުހުން ބުނީ ބައިނަލްއަގްވާމީ ފެންވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގުމުގައި ދިވެހި ފުލުހުން އަނަންނީ އައްވަޓެރި ގައުމުތަކާއި ދުބާއީއާ އެކު ވެސް ހަރަކާތްތެރި ވަމުން ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ވަނީ ދުބާއީން މާލެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފަ އެވެ. އެ ފަހަރު އުމުރުން 25 އަހަރުގެ ފިރިހެނެއް ހައްޔަރުކުރީ 578 ގްރާމްގެ ހެރޮއިންއާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

comment ކޮމެންޓް