ޕީޕީއެމުން ފޮނުވި ސިޓީ ސައްހަތޯ ބެލުމަށް އެމްޑީޕީގެ ސިޓީއެއް މައުމޫނަށް

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް އެމްޑީޕީއަށް ފޮނުވި ސިޓީއަކީ ސައްޚަ ސިޓީއެއްތޯ ސާފުކޮށްދިނުމަށް އެދި އެމްޑީޕީން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ސޮއިކުރައްވާ ރައީސް މައުމޫނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޕީޕީއެމްގެ ނަމުގައި ޑރ. އަބްދުﷲ ހަލީލް ސޮއިކުރައްވާ ފޮނުވި ސިޓީއަކީ ޕީޕީއެމްގެ ސިޓީއެއްތޯ ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ.

ޕީޕީއެމުން އިއްޔެ އެމްޑީޕީއަށް ސިޓީ ފޮނުވާފައި ވަނީ އެ ޕާޓީ އިސްވެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ޕީޕީއެމްގެ ނަން ބޭނުންކޮށްފައިވާތީ އެ ނަން ބަޔާނުން އުނިކޮށް ދިނުމަށް އެދި އެވެ.

ހަލީލް ވިދާޅުވީ އެ ބަޔާނުން ޕާޓީގެ ނަން ނަގާފައިވާކަން އެމްޑީޕީން އެޕާޓީއަށް އަންގާފައި ނުވާ ކަމަށާއި އެހެންކަމުން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނަކީ 54 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެކެވެ.

comment ކޮމެންޓް