އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި އަންގް ސަން ސޫޗީ ބައިވެރިވެ ވަޑައިނުގަންނަވާނެ

މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީ ވަނީ މިދިޔަ އަހަރުގެ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

ނޭޕީޑޯ (ސެޕްޓެމްބަރު 13): އަންނަ ހަފްތާގައި ބާއްވާ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީ ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ސޫޗީގެ ތަރުޖަމާނު ޒޯ ޓޭ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ތަގުރީރު ކުރެއްވި ސޫޗީ މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ އެވެ. އެކަމާ ބެހޭ ގޮތުން އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިޔަންމާ ސަރުކާރުން އެފަދައިން ބުނެފައި ވަނީ އެގައުމުގެ އަސްކަރިއްޔާއިން މުސްލިމުން ދިރިއުޅޭ ރަޚީން ސްޓޭޓުގައި ކުރިއަށްގެންދާ އަނިޔާވެރި އޮޕަރޭޝަނަކީ ނަސްލެއް ނައްތާލަން މަސައްކަތް ކުރުން ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ބުނި ފަހުންނެވެ.

ނަމަވެސް މިޔަންމާއިން އދށް ކަނޑައަޅާފައި ހުންނަ މަންދޫބު ވަނީ ރަޚީން ސްޓޭޓުގައި ކުރިއަށްދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ރޮހިންޔާ ހަނގުރާމަވެރިންތަކެއް ކަމަށާއި، އެގައުމުން އެފަދަ ހަމަނުޖެހުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

އެއާ ހިލާފަށް، މިޔަންމާގެ ސިފައިންގެ އަނިޔާއިން ސަލާމަތްވުމަށް ބަންގްލަދޭޝަށް ދާ ގިނަ ރޮހިންޔާ މުސްލިމުން ބުނާ ގޮތުގައި އެގައުމުގެ އަސްކަރިއްޔާއިން ދަނީ މުސްލިމުން މަރައި، އެމީހުންގެ ގެތަކުގައި ރޯކުރަމުންނެވެ. އޭގެ ސަބަބުން މިދިޔަ މަހުގެ 25ގެ ފަހުން ބަންގުލަދޭޝަށް ދިޔަ ރޮހިންޔާ މުސްލިމުންގެ އަދަދު ވަނީ 370،000ށް އަރައިފައެވެ.

އެ އަނިޔާތަކާ ބެހޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހަނު ހުންނެވި ސޫޗީ ވިދާޅުވި ގޮތުގައި ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާއާ ބެހޭގޮތުން މީޑިއާތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެވެ. އަދި އެއީ ޓެރަރިޒަމް ޕްރޮމޯޓް ކުރަން ބަޔަކު ކުރާ ކަމެކެވެ. (ބީބީސީ)

comment ކޮމެންޓް