ފިލިޕީންސްގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ އަހަރީ ބަޖެޓަށް 20 ޑޮލަރު

ފިލިޕީންސްގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ދަނީ އެގައުމުގައި "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ" ތަހުގީގު ކުރަމުން -- ފޮޓޯ: އޭއެފްޕީ

މެނީލާ (ސެޕްޓެމްބަރު 13): ފިލިޕީންސްގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ އަންނަ އަހަރުގެ ބަޖެޓަކީ 20 ޑޮލަރު ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ފާސްކޮށްފި އެވެ.

އެކޮމިޝަނުގެ ބަޖެޓު ކުޑަ ކުރަން ކޮންގްރެސް އިން ފާސްކުރީ 119 މެމްބަރުންގެ ވޯޓުންނެވެ. އެބަޖެޓާ ދެކޮޅަށް ވޯޓު ދިނީ އެންމެ 32 މެމްބަރުންނެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޕެންޓާލިއޮން އަލްވަރޭޒް ވަނީ ހައްގުތަކާ ބެހޭ ކޮމިޝަނަކީ "އެއްވެސް ބޭނުމެއް ނެތް" ކޮމިޝަނެއް ކަމަށް ވިދާޅުވެފަ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އަލްވަރޭޒް ވަނީ "ކުށްވެރިންގެ ހައްގުތައް ރައްކާތެރި ކުރަން ބޭނުން ނަމަ، އެމީހުންގެ އަތުން ފައިސާ ނެގުމަށް" ވިދާޅުވެފަ އެވެ. އަދި އެކޮމިޝަނުގެ މުވައްޒަފުން އެމީހުންގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށާއި ވީމާ އެމީހުންނަށް ސަރުކާރުގެ ފައިސާ ދޭންވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

ނަމަވެސް ފިލިޕީންސްގެ ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެއީ އެގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ މަސްތުވާތަކެއްޗާ ދެކޮޅަށް ފެއްޓެވި 'ހަނގުރާމައަށް' އެކޮމިޝަނުން ފާޑު ކިޔުމުން ދިން އަދަބެކެވެ.

ފިލިޕީންސް އިން މަސްތުވާތަކެތީގެ ވިޔަފާރި ނައްތާލުމަށް މިދިޔަ އަހަރު ފެށި އެ އޮޕަރޭޝަނުގެ ސަަބަބުން އެތައް ހާސް މީހުން ވަނީ މަރުވެފަ އެވެ. އެމަރުތައް ތަހުގީގު ކުރަމުން އަންނަ ފިލިޕީންސްގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން އެންމެ ފުރަތަމަ އެދުނީ 34 މިލިއަން ޑޮލަރުގެ ބަޖެޓަކަށެވެ. ނަމަވެސް ސަރުކާރުން ހުށަހެޅީ އޭގެ ދެބައި ކުޅަ އެއްބައި އެކޮމިޝަނަށް ދިނުމަށެވެ.

އަދި ބަޖެޓާ ބެހޭ ގޮތުން ބަހުސް ކުރި ދެވަނަ ޖަލްސާގައި މަޖިލީހުގެ ތިރީގެއިން ވަނީ އެކޮމިޝަނުގެ ބަޖެޓު 20 ޑޮލަރަށް ކުޑަ ކުރަން ނިންމާފަ އެވެ. އެކޮމިޝަނުގެ މިއަހަރުގެ ބަޖެޓަކީ 15 މިލިއަން ޑޮލަރެވެ.

ފިލިޕީންސްގެ ބަޖެޓު ބިލް ދެން ދާނީ މަތީ ގެއަށެވެ. އަދި މަތީގޭގެ ވެސް މެޖޯރިޓޯ އޮތީ ސަރުކާރަށް ކަމުން އެބިލް ފާސްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)

comment ކޮމެންޓް