ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައި ގެޒެޓްކޮށްފި އެވެ.

ފުލުހުންގެ ވަޒީފާ އަށް ވަނުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ކަމަށް ފުލުހުން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީސީއީ އޯ ލެވެލް އިމްތިޙާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިޙާނު ނުވަތަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާ އެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ފުލުހުން ބުންޏެވެ.

އިއުލާނުގައި ބުނެފައި ވަނީ ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ މީހަކީ މީލާދީ ގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވާން ޖެހޭނެ ކަމަށެވެ. ފިރިހެނެއް ނަމަ ފަސް ފޫޓް ތިން އިންޗި، އަންހެނެއް ނަމަ ފަސް ފޫޓަށް ވުރެ ކުރުނުވުމާއި ވަޒީފާ އަށް ކުރިމަތިލާ މީހަކީ އިސްމާލް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ވަޒީފާއަށް ކުރިމަތިލާ މީހަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގަ ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް