މެސީގެ ދެ ލަނޑާއެކު ބާސާއިން ޔުވެންޓަސް އަތުން ބަދަލު ހިފައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ދެ ލަނޑާއެކު ބާސެލޯނާއިން ޔުވެންޓަސް އަތުން ބަދަލު ހިފައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގު 'ގްރޫޕް ޑީ'ގެ މެޗުގައި ޔުވެންޓަސް އަތުން ބާސާ މޮޅުވެފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލާ ހިސާބުން ޔުވެންޓަސްއިން ބާސާ ކަޓުވާލީ 3-0 ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައިގެންނެވެ.

ރޭ ކުޅުނު މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ބާސާއިންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ބާސާއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ ކުރީކޮޅު ބާސާގެ ލުއިސް ސުއަރޭޒަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު އަދި ކެޕްޓަން ޖިއާންލުއިޖީ ބުފޮންއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބާސާއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ސުއަރޭޒް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީއެވެ. އެއީ ބުފޮން ބަލަހައްޓަމުންދިޔަ ގޯލުގެ ތެރެއަށް މެސީއަށް ބޯޅައެއް ފޮނުވާލެވުނު ފުރަތަމަ ފަހަރެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ބާސާ ކުރީގައި އޮވެގެންނެވެ.

މޮޅު ކުޅުމަކާއެކު ދެވަނަ ހާފު ވެސް ފެށި ބާސާއިން ލީޑު ފުޅާކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ބާސާއަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެސީ ފޮނުވާލި ހަމަލާއެއް ޔުވެންޓަސްގެ ސްޓެފާނޯ ސްޓުރާރޯ ދިފާއުކުރުމާއެކު ލިބުނު ބޯޅައިންނެވެ.

މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 69 ވަނަ މިނެޓުގައެވެ. ކައުންޓާ އެޓޭކެއްގައި އަންދްރޭސް އިނިއެސްޓާ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މެސީއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އޮލިމްޕިއާކޯސް އަތުން ރަށުން ބޭރުގައި ކުޅެމުންދިޔަ ސްޕޯޓިން ވަނީ 3-2 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ސްޕޯޓިންގެ ތިން ލަނޑު ވެސް ފެނިގެންދިޔައިރު، އެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޑޫމްބިއާ އާއި، ގެލްސަން މާޓިންސް އަދި ބްރޫނޯ ފެނާންޑޭސްއެވެ.

އޮލިމްޕިއާކޯސްގެ ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދަނިކޮށެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައިރު، އެ ޓީމުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. އެ ދެ ލަނޑު ވެސް އޮލިމްޕިއާކޯސްއަށް ކާމިޔާބުކޮށްދިނީ ޕާޑޯއެވެ.

comment ކޮމެންޓް