މާނޭއަށް ދިން އަދަބު ލުޔެއް ނުކޮށްދިން

މާނޭއަށް ރަތް ކާޑު ދެއްކި ހާދިސާ: ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ މާނޭއަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާއަށް ތިން މެޗު ގެއްލޭނެ ---

ސާޑިއޯ މާނޭއަށް ދިން އަދަބު، އިނގިރޭސި އެފްއޭ އިން ލުއި ކޮށްދޭތޯ ލިވަޕޫލުން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގެ 37 ވަނަ މިނެޓުގައި ލިވަޕޫލްގެ ސެނަގޯލް ފޯވަޑް މާނޭއަށް ރަތް ކާޑު ދެއްކީ އޭނާގެ ބޫޓު މާ މައްޗަށް ނެގުމާއެކު ގޯލްކީޕަރު އެޑާސަންގެ ބޮލަށް އަނިޔާވި ހާދިސާއަށްފަހުއެވެ. އެކަމުގެ ސަބަބުން އެޑާސަންއަށް އެ މެޗުގެ ބާކީބައި ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

ލިވަޕޫލްގެ މާނޭއަށް ރަތް ކާޑު ދެއްކިއިރު، ސިޓީ ކުރީގައި އޮތީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗު ސިޓީން ނިންމާލީ 5-0 ލަނޑުގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ. މާނޭއަށް ދިން ތިން މެޗުގެ ސަސްޕެންޝަން ލުއި ކޮށްދޭނެ ކަމަށް ބަލައި، ލިވަޕޫލުން އެކަމަށް އެދުނު ނަމަވެސް އިނގިރޭސި އެފްއޭ އިން މާނޭގެ އަދަބު ލުއި ކޮށްދީފައެއް ނުވެއެވެ.

"ލިވަޕޫލުން މައްސަލަ އިސްތިއުނާފް ކުރުމުން އިންޑިޕެންޑަންޓް ރެގިއުލޭޓަރީ ކޮމިޝަންގެ އަޑު އެހުމެއް ވަނީ ބާއްވާފައި. އެ އަޑު އެހުމުގައި ނިންމާފައިވަނީ މާނޭއަށް ދިން ތިން މެޗުގެ ސަސްޕެންޝަން ކުރިއަށްގެންދަން ޖެހޭނެ ކަމަށް،" އިނގިރޭސި އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މާނޭއަށް ޕްރިމިއާ ލީގުގެ ދެ މެޗާއި ލީގު ކަޕްގެ މެޗެއް ގެއްލޭނެއެވެ. ޕްރިމިއާ ލީގުގައި މިމަހުގެ 16ގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗާއި މިމަހުގެ 23 ވަނަ ދުވަހު ލެސްޓާއާ ދެކޮޅަށް ކުޅޭ ލީގު މެޗުގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ލެސްޓާއާ ދެކޮޅަށް ކުޅޭ ލީގު ކަޕް މެޗު ވެސް ގެއްލޭނެއެވެ.

ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މައާފަށް އެދުނު މާނޭއަށް ޑޮމެސްޓިކް މުބާރާތްތަކުގެ މެޗުތައް ގެއްލުނު ކަމުގައިވިޔަސް، މިރޭ ސެވިއްޔާއާ ދެކޮޅަށް ލިވަޕޫލް ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގު މެޗުގައި އޭނާއަށް ކުޅެވޭނެއެވެ.

comment ކޮމެންޓް