ފުލެޓް ލިބުނު މީހުންގެ ވަނަވަރު އާންމުކުރަން ޖެހޭ: އިދިކޮޅު ޕާޓީތައް

މަހްލޫފް މީޑިއާއަށް މައުލޫމަތު ދެއްވަނީ: އޭނާ ވިދާޅުވީ ސަރުކާރުން ފްލެޓް ދިން ފަރާތްތަކުގެ މައުލޫމަތު އާންމުކުރަން ޖެހޭ ކަމަށް --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ޚާއްސަކޮށްގެން ދޫކުރި ފްލެޓް ލިބުނު މީހުންގެ ވަނަވަރު އާންމުކުރަން ޖެހޭނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ފުލެޓް ލިބުނު މީހުންގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެއް އަދި ދޭއްގެ ފްލެޓްތަކަށް ޝަރުތުހަމަވެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ރޭ އާންމުކުރީ ފުލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ފޯމް ނަންބަރުތައް އާއްމުކޮށްގެންނެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް ދޫކުރި ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެހާ އެކު ތަފްސީލްކޮށް އާންމުކޮށްފައިވާނެ ކަމަށާއި ނަމަވެސް އިއްޔެ އާންމުކުރި ލިސްޓުގައި އެ މައުލޫމާތު ނެތުމަކީ ބޮޑެތި ގިނަ ސުވާލުތަކެއް އުފެދޭކަމެއް ކަމަށެވެ.

ރޭ އާންމުކުރި ލިސްޓްގައި ފްލެޓް ލިބުނު މީހުންގެ ތަފްސީލް ހާމަނުކުރީ އެފަރާތްތަކުގެ މަސްލަހަތަށްޓަކައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި މަހްލޫފް ވިދާޅުވީ އެ ފަރާތްތަކުގެ ހައްގާ އެއްގޮތަށް ފްލެޓް ނުލުބުނު މީހުންގެ ވެސް ހައްގުތަކެއް ވާ ކަމަށާއި އެމީހުނަށް ފްލެޓް ނުލިބުނު ސަބަބުތައް އެނގެން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ފްލެޓަށް އެދިފައިވާނަމަ އަޅުގަނޑަށް އެނގެން ޖެހޭނެތާ ކީއްވެކަން އަޅުގަނޑަށް ފްލެޓް ނުލިބުނީ. އަޅުގަނޑުމެން އެއްކުރި މައުލޫމާތުތަކުން އެބަހުރި އެނގިފަ 100 ޕޮއިންޓް ލިބުނު ބައެއް މީހުނަށް ފްލެޓް ނުލިބި 60 ޕޮއިންޓް ލިބުނު ބައެއް ފަރާތްތަށް ލިބިފަ،،" މަހުލޫފް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ތެރެއިން ފްލެޓު ބަހާފައިވާ ކަމަށް ތުހުމަތުކޮށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ މަހްލޫފް ވިދާޅުވީ އެ މައްސަލަތައް ބެލޭނެ ކަމަށެވެ.

"މި ލިސްޓް އާންމު ނުކުރަން އުޅޭ އެންމެ މައިގަނޑު އެއް ސަބަބަކީ މިގޮތަށް ހިންގާފައިވާ ޖަރީމާތައް މީގެން ވަރަށް ރީއްޗަށް ފެންނަން ހުންނާނެތީ ކަމަށް އަޅުގަނޑުމެނަށް ވަނީ މައުލޫމާތު ލިބިފައި،" މަހުލޫފް ވިދާޅުވިއެވެ.

މިސަރުކާރުން ކުރާ ކޮންމެ ކަމަކީ ވެސް ދެފުށް ފެންނަ ގޮތަށް އެއްވެސް އޮޅުވާލުމެއް ނެތި ކުރާ ކަމެއްކަން ރައީސް ޔާމީން ވިދާޅުވެފައިވާކަން ފާހަގަކުރައްވައި މަހުލޫފް ވަނީ އެ ސިޔާސަތުގެ ދަށުން ފްލެޓް ލިބުނީ ކާކަށް ކިހިނެތް ކަން ހާމަކޮށްދޭން ގޮވާލައްވައިފައެވެ.

ހައުސިން މިނިސްޓްރީން އާންމުކުރި އެ ލިސްޓުގައިވާ ގޮތުން ކެޓަގަރީ އެކެއް އަދި ދޭކުން 661 މީހަކަށް ފްލެޓް ލިބޭއިރު، އެ އެންމެންގެ ވެސް އާއްމު ކޮށްފައިވަނީ ފޯމު ނަންބަރެވެ.

comment ކޮމެންޓް