ރެފްރީ ނިއުޝާދު ސަސްޕެންޑްކޮށް، އަމީޒު މަގާމުން ވަކިކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގައި ރެފްރީ ނިއުޝާދުގެ ނިންމުމަކާ ގުޅިގެން މެޗު ހުއްޓުމަކަށް ދިއުމާއެކު ރެފްރީން އަދި މެޗު ކޮމިޝަނަރު މަޝްވަރާކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރެފްރީ މުހައްމަދު ނިއުޝާދު ސަސްޕެންޑްކޮށް، އެފްއޭއެމްގެ ރެފްރީސް ޑިފާޓްމަންޓާ ހަވާލުވެހުރި އަހްމަދު އަމީޒު މަގާމުން ވަކިކޮށްފިއެވެ.

އެފްއޭއެމުން އެ ނިންމުން ނިންމާފައިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި ރެފްރީ ނިއުޝާދުގެ ނިންމުމަކާ ހިތްހަމަ ނުޖެހިގެން ގްރީނުން ރެފްރީ ނިއުޝާދު ލައިގެން މެޗު ކުރިއަށް ގެންދަން ބޭނުން ނުވުމުން އެ މެޗު ނިންމާލަން ޖެހުމާއެކުއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ގިނަ ކްލަބުތަކަކުން ތަކުރާރުކޮށް ނިއުޝާދުގެ މައްސަލަތަކެއް ހުށަހަޅާފައިވާތީ އެ މައްސަލަތައް އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓުން ބަލައި، ވަކި ގޮތެއް ނިންމަންދެން އެ އެސޯސިއޭޝަނުން ހިންގާ އެއްވެސް މުބާރާތެއްގެ ރެފްރީކަން ނުކުރެވޭ ގޮތަށް އޭނާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.

ރެފްރީ ނިއުޝާދު ސަސްޕެންޑް ކުރުމުގެ އިތުރުން އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ ރެފްރީސް ޑިޕާޓްމަންޓް ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެފްއޭއެމްގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް އަލުން އެކުލަވާލުމަށް ހަމަޖެހިފައިވާތީ ކަމަށް ބުނެ، އެ ޑިޕާޓްމަންޓާ ހަވާލުވެ ހުރި ތަޖުރިބާކާރު ރެފްރީ އަމީޒު މަގާމުން ވަކިކޮށްފައެވެ.

ލީގުގައި ރޭ މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ކުޅުން ހުއްޓުމަކަށް ދިޔައީ މެޗުގެ 53 ވަނަ މިނެޓުގައި ގްރީންގެ ސުބޮލް އިލިއާ، ރެފްރީ ނިއުޝާދާ ދިމާލަށް ހުތުރު ބަހެއް ބުނި ކަމަށްބުނެ ދެވަނަ ރީނދޫ ކާޑެއް ދެއްކުމާ ގުޅިގެންނެވެ. ރެފްރީ ނިއުޝާދު އެގޮތަށް ނިންމި ނަމަވެސް، އިލިއާ އަދި ގްރީނުގެ އޮފިޝަލުންނާއި ކުޅުންތެރިން ވެސް ބުނަމުންދިޔައީ އޭނާ ބުނީ ހުތުރު ބަހެއް ނޫން ކަމަށެވެ. ކުރިން ވެސް ނިއުޝާދު ރެފްރީކަން ކުރި މެޗުތަކުގައި އޭނާގެ ނިންމުންތަކާ މެދު ގްރީނުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ.

އިލިއާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކި ހާދިސާގެ އިތުރުން ދެވަނަ ހާފަށް އެހެން ރެފްރީއެއް އެރުމުން، އެކަމުގެ ޝަކުވާތައް ވެސް ގްރީނުން ހުށަހަޅަމުންދިޔައެވެ. ގްރީނުން ބުނަމުންދިޔައީ ދެވަނަ ހާފުގައި ރެފްރީ ބަދަލު ކޮށްފައިވަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ. ކުޅުން މެދުކެނޑުމަކަށް ދިއުމަށްފަހު އަލުން ފެށުމަށް ރެފްރީ އިޝާރާތްކުރި ނަމަވެސް، ރެފްރީ ނިއުޝާދާއެކު މެޗު ކުރިއަށްގެންދަން ގްރީނުން ބޭނުންނުވާކަން އެ ކްލަބުން ނިންމިއެވެ.

އެ މެޗު ކުރިއަށް ގެންދަން ގްރީނުން ބޭނުންނުވާކަން އެންގުމުން އެ މެޗު އަލުން ކުޅޭނީތޯ ނުވަތަ މެޗުގެ ތިން ޕޮއިންޓު ލިބޭނީ މާޒިޔާއަށްކަން ކަށަވަރުވާނީ އެފްއޭއެމްގެ ނިންމުމަށްފަހުއެވެ.

comment ކޮމެންޓް