މިޔަންމާ ދިފާއުކޮށް ޗައިނާއިން ވާހަކަ ދައްކައިފި

މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ މުސްލިމުންގެ އަދަދު ވަނީ 300،000ށް ވުރެ އިތުރުވެފައި -- ފޮޓޯ: އީޕީއޭ

ބެއިޖިން (ސެޕްޓެމްބަރު 12): މިޔަންމާއިން ރޮހިންޔާ މުސްލިމުންނާ މެދު އަމަލު ކުރާ އަނިޔާވެރި ގޮތާ ބެހޭ ގޮތުން އެގައުމަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް ޗައިނާއިން އެގައުމު ދިފާއުކޮށް ވާހަކަ ދައްކައިފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއަންގް ވިދާޅުވި ގޮތުގައި ރަޚީން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތައް އެގައުމުން ކުށްވެރިކުރެ އެވެ. އެހެންކަމުން އެ ސްޓޭޓުގައި "ސުލްހަވެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މިޔަންމާއިން ކުރާ މަސައްކަތަށް" ޗައިނާއިން ތާއިދު ކުރެ އެވެ.

އަދި އެމަސައްކަތަށް ބައިނަލްއަގުވާމީ މުޖުތަމައުންވެސް ތާއިދު ކުރަން ޖެހޭ ކަމަށް ޝުއަންގް ވިދާޅުވި އެވެ.

ޗައިނާއިން އެފަދައިން ބުނެފައި ވަނީ، މިޔަންމާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނަކީ "ނަސްލެއް ނެތިކޮށްލުމުގެ ރަނގަޅު މިސާލެއް" ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ފަހުންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ އޮގަސްޓް މަހު ރަޚީން ސްޓޭޓުގައި ފެށި އަނިޔާވެރި އޮޕަރޭޝަނެއްގެ ފަހުން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންޔާ މުސްލިމުންގެ އަދަަދު ވަނީ 300،000ށް ވުރެ އިތުރުވެފައެވެ. (ސްޓްރެއިޓްސްޓައިމްސް)

comment ކޮމެންޓް