ބާސެލޯނާ - ޔުވެންޓަސް: ބާސާ ނިކުންނާނީ ބަދަލު ހިފަން؟

ބާސާގެ ލިއޮނަލް މެސީ(ކ) އަދި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ(ވ) ---

ޔޫރަޕުގެ އެންމެ ބޮޑު ކްލަބް މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު މިރޭ ފެށިގެންދާއިރު، ގިނަ މީހުން އަޅައިގަންނާނެ އެންމެ ފޯރިގަދަ މެޗަކަށް ވާނީ ޔޫރަޕުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ޔުވެންޓަސް ބައްދަލު ކުރާ މެޗެވެ. ގްރޫޕް ޑީ ގެ މި މެޗަކީ ބާސާއިން ޔުވެންޓަސްގެ ކިބައިން ބަދަލު ހިފާނެ މެޗެއް ކަމަށް ގިނަ ބަޔަކު ދެކެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގައި ޔުވެންޓަސް އާއި ބާސާ ބައްދަލުކޮށްފައިވާއިރު، އެފަހަރު ބާސާގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ސެމީއަށް ދަތުރު ކުރީ ޔުވެންޓަސް އެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅުވެ ޔުވެންޓަސްގެ ކިޔަބައިން ބަދަލު ހިފަން ބާސާ އޮތީ ކެންމަދުވެފަކަން ޔަގީނެވެ.

މެޗަށް ނިކުންނައިރު، ދެ ޓީމު ވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސާ އޮތް އިރު، ޔުވެންޓަސް އޮތީ ސެރިއާ އޭގެ އެއްވަނަ މަގާމުގައެވެ. އެހެންކަމުން މި މެޗު ހުރިހާ ގޮތަކުން ވެސް ފޯރިގަދަ ވާނެ ކަމަށް ލަފާކުރެވެއެވެ. މެޗުން މޮޅުވާނެ ޓީމެއް ލަފާ ކުރަން އުނދަގޫ ނަމަވެސް ބުރަ ވެވޭނީ ބާސާ ކޮޅަށް ކަމަށް ގިނަ ފުޓުބޯޅަ ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ މެޗު ކުޅޭނީ ބާސާގެ ދަނޑު ކޭމްޕް ނޫ ގައެވެ. އެ ދަނޑަކީ ގިނަ ޓީމުތަކަށް ރަނގަޅު ނަތީޖާއެއް ނެރެން އުނދަގޫ ދަނޑެކެވެ.

ޔޫރަޕުގައި މިވަގުތު އެންމެ ފޯމުގައި ތިބި ދެ ކުޅުންތެރިންގެ ކުރިމަތިލު ވެސް މިރޭގެ މެޗުން ފެނިގެންދާނެ އެވެ. ބާސާގެ ލިއޮނަލް މެސީ ވަނީ ލީގުގައި ބާސާ އެންމެ ފަހުން ކުޅުނު މެޗުގައި ހެޓްރިކް ހަދައިފައެވެ. ހަމަ މިގޮތަށް މެސީ އާއެކު އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅޭ ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑިބާލާ ވެސް ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ބައެއް މައްސަލަތައް ޔުވެންޓަސްއަށް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އަނިޔާގެ ސަބަބުން މި މެޗުގައި ޔުވެންޓަސްގެ ތަޖުރިބާކާރު ޑިފެންޑަރު ކިއެލީނީ އާއި މާރިއޯ މަންޒުކިޗް ނުކުޅޭނެއެވެ. އަދި މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ ކްލައުޑިއޯ މާކީޒިއޯ އާއި ސާމީ ކެދީރާއަށް ވެސް ނުކުޅެވޭނެކަން އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ކަށަވަރުކޮށްދީފި އެވެ.

ބާސާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 23:45 ގައެވެ.

comment ކޮމެންޓް