ގެއްލުނު ދެ ޑައިވަރުން ފެނިއްޖެ، ހާލު ރަނގަޅު: ކޯސްޓް ގާޑު

އެމްއެންޑީއެފް ކޯސްޓްގާޑުގެ މަނަވަރެއް -- ފައިލް ފޮޓޯ: އެމްއެންޑީއެފް

ޑައިވިން އަށް ފޭބި ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ޑައިވަރުން ފެނިއްޖެ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފި އެވެ.

މިއަދު ހެނދުނު 11:20 އެހާކަންހާއިރު ގެއްލިގެން ހޯދަމުންދިޔައީ ސަން އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިޔަކާއި އެ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި ޑައިވިން އިންސްޓުރަކްޓަރެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވި އެ ދެ މީހުން ގެއްލުނީ އދ. ދިގުރަށާއި އެ އަތޮޅު ދަގެއްޗާ ދޭތެރޭ އޮންނަ "ކުޑަރަށް ތިލަ" ކިޔާ ތިލައަކަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ދެމީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު އަދި ސަން އައިލެންޑް ރިސޯޓުގެ ޑައިވަރުން ކުރި މަސައްކަތުން ފެނުނުއިރު ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އެ މީހުން ފެނިފައި ވަނީ އޮއި ގަދަވެގެން ޑައިވިން އަށް ފޭބި ސަރަހައްދުން ދުރަށް ދެވިފައި ވަނިކޮށް ކަމަށް ބުންޏެވެ.

comment ކޮމެންޓް