މަޝްވަރާތައް ފެއިލްކޮށްލީ ސަރުކާރުން ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ: ޝައިނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރާއި އިދިކޮޅު ފާރަތްތަކާ ޖެހިފައިވާ މައްސަލަތައް ހައްލު ހޯދުމަށް ކުރެވުނު މަޝްވަރާތްތައް ސަރުކާރުން ފެއިލްކޮށްލި ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް މަޝްވަރާތަކުގައި ސަރުކާރު ތަމްސީލު ކުރައްވާ އެންމެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާ ބައްދަލުވުންތަކާ ބެހޭ މައުލޫމަތު ދިނުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ސަރުކާރުން ދޫދެވެން އޮތް އެންމެ ބޮޑަކަށް ދޫ ދިންކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފާރާތްތަކުން މަޝްވަރާތަކުގައި ކުރީގެ ރައީސް ނަޝީދު ދޫކޮށްލުމަށާއި އަދި އެމަނިކުފާނަށް 2018ގައި ބާއްވާ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް ޝަތުރުކުރި ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި އިދިކޮޅު ފަތާތްތަކުން މަސައްކަތްކުރަމުން ދަނީ ވަކިވަކި ފާރާތްތަކެއްގެ މަސްލަހަތު އިސްކުރުމަށް ކަމަށާއި އަދި ގައުމީ މަސްލަހަތު އިސްނުކުރާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"ޕާޓީތަކުގެ މަޝަވަރާތައް ފެއްޓުމަށް ޓަކައި ސަރުކާރުން ދޫދިން މިންވަރު ތިޔަ ބޭފުޅުންނަށް އެނގިވަޑައިގެންނަވާނެ. ޖަލަށް ލާފައި ހުރި މީހަކާ މެދު މަޝްވަރާ ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔައީ. އެހެންނަމަވެސް ސަރުކާރުން އެކޮންޑިޝަން ވެސް ދޫކޮށްލީ މަޝްވަރާތަކުގައި ޕްރީކޮންޑިޝަންއެއް ލައިގެން ހުށައެޅި ޝަރުތެއް 2018ގައި ރައީޝް ނަޝީދަށް ކުރިމަތިލެވެންވާނެ. އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން އެބީދައިން ހުށައެޅި ކަންތައްތަކާ އެބޭފުޅުންނެއް ހިތްހަމަޖެހިވަޑައެއް ނުގަންނަވާ. މުޅިން ވެސް މިދަނީ އެއްފަރާތަކަށް. އެބޭފުޅުން ބޭނުންވާ ހައްލުތައް ނުލިބޭނެކަން އެނގުމުން އެ މަޝްވަރާތަކުން ބޭރުވެގެން ދިޔައި،" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު ފާރާތްތަކާ މަޝްވަރާކޮށް އިސްލާހީ ބަދަލުތައް ގެނައުމަށް ޓަކައި ސަރުކާރުން ވަނީ ޕާޓީތަކަށް ސިޓީ ފޮނުވައިފަ އެވެ. އެހެންނަމަވެސް އެ ސިޓީތައް ފޮނުވިތާ ހަފްތާއެއްވީ އިރު ވެސް ޕާޓީތަކުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް މިއަދުގެ ނިއުސް ކޮންފަރެންސްގައި ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅުފަރާތްތަކާ ދެމެދު ކުރެވުނު މަޝްވަރާތައް ފެއިލްވި ކަމުގައި ވިޔަސް އެ މަޝްވަރާތަކުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ. އަދި ރައީސް ނަޝީދު ފަދަ ޖަލުތަކުގައި ތިއްބެވި ބޭފުޅުންގެ ވަކިވަކި މައްސަލަަތައް ގާނޫނުގެ ތެރެއިން ހައްލުކުރުމަށް މަސައްކަތް ކުރުމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

comment ކޮމެންޓް