ނޭޝަނަލް އެންސީޑީ ކެމްޕޭން ''25 އަށް 25'' އިފްތިތާހުކޮށްފި

"25 އަށް 25"ގެ ނަމުން ކެމްޕޭނެއް އިފްތިތާހުކޮށްފި. ފޮޓޯ/ ހެލްތް ޕްރޮޓެކްޝަން އެޖެންސީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާއި ރާއްޖޭގެ ސިއްޙަތާބެހޭ ވުޒާރާ ގުޅިގެން، ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ، "ރިޑިއުސިންގ ނޮންކޮމިއުނިކަބަލް ޑިޒީސަސް" (އެންސީޑީ) ކެމްޕޭން "ފަންސަވީހަށް ފަންސަވީސް" މިއަދު އިފްތިތާހުކޮށްފިއެވެ.

ޕެރެޑައިސް އައިލޭންޑް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިންގ އަދި މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީރު ވިދާޅުވީ، 2025 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއިން ގައިން ގަޔަށް ނާރާ ބަލިތައް %25 އަށް ދައްކުރުމަށް މަސައްކަތްކުރާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި އަހަރެއްގެ މައްޗަށް %81 މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށެވެ.

"އަހަރެއްގެ ތެރޭގައި %81 މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގަ. ގިނަ މީހުން މަރުވަނީ ލޭނާރަށް ޖެހޭ ބަލިތަކުގަ. ސިނގިރޭޓުގައި ހަތްދިހަ ހާސް ވިހަ ހުރޭ. އޭގެ ތެރެއިން ހަށިގަނޑަށް 250 ވިހަ ގެއްލުންދޭ. އެއިން 70 މާއްދާއަކީ ކެންސަރަށް މަގުފަހިވާ މާއްދާއެއް،" އޭނާ ވިދާޅުވިއެވެ.

މިއަދު އިފްތިތާހް ކުރި "25 އަށް 25" ކެމްޕޭނުގައި އެންސީޑީ ކެމްޕޭންގެ ޒަރިއްޔާއިން ދައުލަތުގެ އެންމެހާ މުއައްސަސާތަކާ މަދަނީ އެކި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މިކަމަށް މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިހާރު ކުރެވެމުންދާ މަސައްކަތް ހަރުދަނާކޮށް އިތުރު މުހިއްމު މަސައްކަތްތަކެއްވެސް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"25 އަށް 25"ގެ ނަމުގައި އިފުތިތާހު ކުރެވިގެންދިޔަ އެންސީޑީ ކެމްޕެއިން އަކީ މި ގޮތުން ކުރެވޭ މަސައްކަތުގެ ނަތީޖާ ހާސިލުކުރުމަށް މަގުފަހިވާ، އަދި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް މަދުކުރުމުގެ ޤައުމީ މަސައްކަތަށް އިތުރު ވެގެންދާނެ ބޮޅެކެވެ.

comment ކޮމެންޓް