ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރިކަން އެންގީ އެ ހަބަރު ލީކުވީ ފަހުން: ވެންހާލް

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއިސް ވެންހާލް:--- ފޮޓޯ: އޭޕީ

މެންޗެސްޓަ ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއިސް ވެން ހާލް އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ވަކި ކުރިކަން އަންގާފައި ވަނީ މީޑިއާގައި އެ ހަބަރު ލީކު ކުރުމަށް ފަހު ކަމަށް އޭނާ ތުހުމަތު ކޮށްފިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން ވެން ހާލް ވަކި ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ކަމިޔާބު ކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. އޭގެ ހަފްތާއެއް ފަހުން ހޯޒޭ މޮރީނިއޯ ވަނީ ޔުނައިޓެޑްގެ ކޯޗު ކަމަށް ހަމަޖައްސައިފައެވެ.

ވެން ހާލްގެ ކޯޗު ކަމުގެ ދަށުން ޔުނައިޓެޑް ވަނީ ލީގުގެ ހަތަރު ވަނަ ހޯދައި ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފައެވެ. ނަމަވެސް 2015/16 ސީޒަނުގައި ޔުނައިޓެޑް ލީގު ނިންމާލާފައި ވަނީ ފަސް ވަނައިގަ އޮވެގެންނެވެ.

"އެ މީހުން އަހަރެން ކައިރީ ބުނީ ހަބަރު ލީކުވި ފަހުން، އެއީ އަހަރެންގެ ހަޔާތުގެ ވެސް އެންމެ ހިތްދަތިވި ދުވަސް، އަހަރެންނަށް ކުރިމަތިވި ޕްރެޝަރު ވަރަށް ވެސް ބޮޑު،" ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ އޭނާ މަގާމުން ވަކި ކުރުމަށް ޔުނައިޓެޑުން ކުޅުނީ ބޮޑު ފިލްމެއް ކަމަށާއި އެ ހުރިހާ ކަމެއް ވެސް ކުރީ އޭނާއަށް އެއްވެސް އެންގުމެއް ނެތި ކަމަށެވެ.

"އަހަރެންނާއި މަޝްވަރާ ކޮށްލި ނަމަ ރަނގަޅު، މޮރީނޮއޯ ގެންނަން ބޭނުންވާ ވާހަކަ ވެސް ބުނެލަން ރަނގަޅު، އަހަރެން އެކަން ގަބޫލުކޮށް ކޮންޓްރެކްޓުގައި ބާކީ އޮތް ދުވަސްތަކުގައި ރަނގަޅަށް މަސައްކަތް ކުރެވުނީސް،" ވެން ހާލް ބުންޏެވެ.

ވެން ހާލް އާއި ޔުނައިޓެޑާ ދެމެދު ހަދާފައި ވާ ތިން އަހަރުގެ ކޮންޓްރެކްޓުގެ ތެރެއިން ދެ އަހަރު ވެންހާލް ފުރިހަމަ ކޮށްފައިވާއިރު، އޭނާ މަގާމުން ވަކި ކުރުމުން ބާކީ އޮތް އަހަރުގެ މުސާރަ ކަމަށް ވާ 8.4 މިލިއަން ޕައުންޑު ވަނީ ވެން ހާލްއަށް ދޭން ޖެހިފައެވެ.

comment ކޮމެންޓް