އިދިކޮޅު ލީޑަރުން މިނިވަން ނުކުރަނީސް މަޝްވަރާތަކުގައި ބައިވެރިނުވާން ނިންމައިފި

އިދިކޮޅު އިއްތިހާދުން މ.ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސިޔާސީ ފަރާތްތަކާ ދެކޮޅަށް ކުރަމުންދާ ދައުވާތައް އަނބުރާ ގެންގޮސް، މިހާތަނަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންތައް މިނިވަން ނުވާހާ ހިނދަކު ސަރުކާރާ އެކު މަޝްވަރާ ނުކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ހިމެނިވެޑައިގަންނަވާ ގޮތަށް ސަރުކާރުން ވަނީ މިދިޔަ މަހު 30 ވަނަ ދުވަހު އިދިކޮޅު ހުރިހާ ޕާޓީތަކަކަށް މަޝްވަރާއަށް ސިޓީ ފޮނުވައިފަ އެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަސްވަރާއަށް ކަނޑައަޅުއްވާފައިވާ ޗީފް ނެގޯޝިއޭޓަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ހަތް ދުވަސް ތެރޭގައި، އިސްލާހު ކުރަން ހުރި ކަންކަން ސިޓީއަކުން ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ހަތް ދުވަސް ހަމަވެގެން ދިޔައިރު އެއްވެސް ސިޔާސީ ޕާޓީއަކުން އެކަމަށް އިޖާބަދީފައެއް ނުވެ އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޝްވަރާތަކަށް ގޮވާލި އިރު އެކަމުގައި އެއްވެސް އިހްލާސްތެރިކަމެއް އަދި ހެޔޮ ނިޔަތެއް ސަރުކާރުގައި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ގާނޫނާ ހިލާފަށް އިދިކޮޅު ގިނަ ލީޑަރުންތަކެއް ޖަލަށްލާފައިވާ ކަމަށެވެ.

"ގާނޫނު އަސާސީ އަށާއި ގާނޫނަށް ބެއްލެވުމެއް ނެތި ރައީސް ޔާމީންގެ ސަރުކާރުން އެވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުހައްޤުން ދައުވާކުރައްވައި ޖަލަށްލައްވައިފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ގެންދަވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ކުރައްވައި ދައުވާތައް އުފުއްލަވަމުން،" ބަޔާނުގައިވެ އެވެ.

މަޝްވަރާތަކަށް ގޮވާލުމުގައި ސަރުކާރުގައި އިހްލާސްތެރިކަމެއް ނެތްކަން ސިފަކުރައްވައި ގުޅިފައިވާ ޕާޓީތަކުން ބުނީ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމުގައިވާ ނަމަ އިސްލާހުކުރަން ހުރި ކަންކަން މިހާރުން މިހާރަށް ވެސް އިސްލާހުކުރަން ޖެހޭ ކަމަށެވެ.

"މީގެ ކުރިން ވެސް އެކި ފަހަރުމަތިން ވަނީ ސިޔާސީ ޕާޓީތަކުން ރައީސް ޔާމީންގެ ސަރުކާރާ އެކު މަޝްވަރާގެ މޭޒުދޮށަށް ގޮސްފަ އެވެ. އަދި އދ.ގެ ސީދާ ބައިވެރިވުމާ އެކު އެޖަމްއިއްޔާ އިން މީޑިއޭޓް ކުރައްވައިގެން ވެސް ސަރުކާރާ އެކު މަޝްވަރާތައް ހިންގޭތޯ ޕާޓީތަކުން ވަނީ ބައްލަވާފަ އެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް، ސަރުކާރުން ބަހަނާތަކެއް ދެއްކެވުމަށް ފަހު އެ މަޝްވަރާތައް ވަނީ ފެއިލްކޮށްލައްވާފައި،" އެ ބަޔާނުގައިވެ އެވެ.

މިފަހަރުގެ މަޝްވަރާތަކަށް ސަރުކާރުން ގޮވާލީ ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ އެހީ ހޯދުމުގެ ބޭނުމުގައި ކަމަށް ވަނީ އިދިކޮޅު ޕާޓީތަކުން ތުހުމަތުކޮށްފަ އެވެ. އަދި ސަރުކާރުގައި އިހްލާސްތެރިކަމެއް އޮތް ނަމަ މިހާރުން މިހާރަށް އިދިކޮޅު ލީޑަރުން ދޫކޮށްލުމަށް ވަނީ ގޮވާލައިފަ އެވެ.

"ރައީސް ޔާމީންގެ އިޚްލާސްތެރިކަން ދެއްކެވުމުގެ ގޮތުން އިދިކޮޅު ސިޔާސީ ލީޑަރުން މިހާރުން މިހާރަށް ދޫކޮށްލެއްވުމަށް ގޮވާލަމެވެ. އަދި އޭގެފަހުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކުރެއްވުމުގެ ވާހަކަ ދެއްކެވުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

comment ކޮމެންޓް