ސާބަހޭ ދިވެހީން، މުޅި އިސްލާމީ އުންމަތަށް ތިޔަ ދައްކަނީ ފުރިހަމަ ނަމޫނާއެއް!

ދިވެހި ކުޑަކުދިން ރޮހިންޔާ މުސްލިމުންނަށް އެހީވަނީ--ފޮޓޯ/ފޭސްބުކް

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ދިވެހީންގެ ތެރޭގައިވެސް ސިޔާސީ ކަންކަމުގައި ކޯޅުންތައް ބޮޑެވެ. އެހެން ނަމަވެސް އެއްބައިވަންތަކަން ދައްކަންޖެހޭ ހާލަތްތަކުގައި ދިވެހީން ނަމޫނާ ދައްކާކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ދިވެހިންނަކީ ހިތްތިރި، އެހީއަށް އެދި ގޮވާލާ ފަރާތްތަކަށް ފަސް ޖެހުމެއް ނެތި، ދީ ލަތިކަމާއެކު އެހީ ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބޭ ބައެކެވެ.

މާޒީން ދައްކަނީ ވެސް މިފަދަ ސާބިތު ކަމެވެ. 2004 ގެ ސުނާމީ ކާރިސާ އަކީ މި ދެންނެވިފަދަ އެއްބައިވަންތަކަން އޭގެ އެންމެ މަތީ ދަރަޖައަށް ފެނިގެން ދިޔަ ކާރިސާއެކެވެ. އެ ކާރިސާ އަކީ ދިވެހީން ގުދުރަތީ ކާރިސާ ތަކަށް ހޭލައްވައިލި ކާރިސާއެކެވެ. އެފަދަ ކަމަކުން ލިބިދާނެ ބޮޑެތި ގެއްލުންތަކާ މެދު ދިވެހީންގެ ލޯތައް އިތުރަށް ހުޅުވާލަދިން އިބްރަތުން ފުރިގެންވީ ހާދިސާއެކެވެ.

އޭގެ ފަހުން، މި ދިވެހި އުންމަތަށް އެފަދަ ބޮޑު ގުދުރަތީ ކާރިސާއަކާ ކުރިމަތިލާން ނުޖެހުނު ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ދިމާވާ ބޮޑެތި މުސީބާތްތަކުގައި، އެ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަށް ދިވެހިން އަތުގުޅާލައެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހިންގާ ލާއިންސާނީ އަމަލު ތަކާ ދެކޮޅަށް އަބަދުވެސް ދިވެހިން އަޑު އުފުލައެވެ.

ގެމަނަފުށީ ރައްޔިތުން ރޮހިންޔާގެ ރައްޔިތުންނަށް ދުއާ ކުރުމުގައި. ފޮޓޯ: ރަށު ކައުންސިލަރު ޝިޔާން

ފަލަސްތީނުގައި ޒަމާނުއްސުރެ އިސްރާއީލުން ހިންގަމުން ދިޔަ ލާއިންސާނީ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން ނުކުތީ އިސްލާމީ އުންމަތް އެކަމާ ދެކޮޅަށް އެއްޗެކޭ ބުނަން ނުކެރިފައި ތިއްބައެވެ. ހަތަރު ލައްކަ ހަމަނުވާ މި ކުޑަ އިސްލާމީ އުންމަތުން ފަލަސްތީނުގެ ދިފާއުގައި އެއްވުންތައް ބާއްވައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ނަމޫނާ ދެއްކިއެވެ.

ފަލަސްތީނާ މެދު ދިވެހީން ބެހެއްޓި ގާތްކަން ރަމްޒުކޮށްދޭ އެއް ހަނދާނަކީ 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ފަލަސްތީނުން ހިފައިގެން ދިޔައިރު ގަލޮޅު ދަނުޑުން އެމީހުންނަށް ދިން ފުރިހަމަ ތަރުހީބެވެ. އެ ގައުމުގެ ފުޓްބޯޅަ ޓީމުންވެސް ވަނީ އޭގެ ފަހުން އެކަން ފާހަގަކޮށްފައެވެ. އެމީހުން ކިޔައިދިން ގޮތުގައި ދިވެހި ފަސްގަނޑުގައި، ދިވެހީންގެ ކުރިމަތީގައި ކުޅުމަކީ އަމިއްލަ ބިމުގައި ކުޅެވޭ ފަދަ އިހްސާސެއް ކުރެވޭ ކަމެކެވެ. "ސާބާހޭ ދިވެހީން"ނެވެ.

އިސްލާމީ އުންމަތަށް ދިމާވެފައިވާ ލާއިންސާނީ އަނިޔާ ތަކުގެ ތެރެއިން ސީރިޔާގައި އެތައް ބައިވަރު މުސްލިމު އަޚުންނާއި އުޚުތުން މަރަމުން ދިޔައިރު އެކަމާ ދެކޮޅަށް ވެސް އެންމެ ފުރަތަމަ އަޑު އުފުލި ބަޔަކީ ދިވެހީންނެވެ. ދިވެހީން ފާޅުގައި އެ އަނިޔާވެރިކަަން ކުށްވެރި ކުރިއެވެ. އެއް ބައެއްގެ ގޮތުގައި ނުކުމެ ސީރިޔާ ރައްޔިތުންނަށް އެހީވުމަށް އެކިއެކި ހަރަކާތްތައް ހިންގިއެވެ. އަދި އެ ހަރަކާތްތަކުގައި ފައިސާ ހޯދައި އެހީތެރިކަންވެސް ފޯރުކޮށްދިނެވެ. ދިވެހީންނަށް ހަމަ ސާބަހެވެ.

ދިވެހިން ތަކެއް ރޮހިންޔާ މުސްލިމުންނަށް އެހީ ވަނީ -ފޮޓޯ/ ފޭސްބުކް

ދިވެހީންގެ ހިތްހެޔޮކަމާއި، ދީލަތިކަމާއި އިންސާނިއްޔަތުކަން ދައްކުވައިދީފައި ވަނީ ހަމައެކަނި މުސްލިމު އުންމަތަކަށް ނޫނެވެ. ރާއްޖެއިން އެހީވީ ހަމައެކަނި މުސްލިމު ގައުމުތަކަކަށް ނޫނެވެ. މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އެހީތެރިކަން ފޯރުކޮށްދިން ޖަޕާނަށް ބިންހެލުމެއް އައިސްގެން ލިބުނު ބޮޑެތި ގެއްލުން ތަކާ ގުޅިގެންވެސް ދިވެހީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެތައްހާސް މަސްކޭހާއި ފައިސާ، އެ ގައުމަށް ހަދިޔާ ކުރި އިރު ބޮޑެތި ގައުމު ތައް އޮތީ ނިދާފައެވެ. ގުދުރަތީ އެއްވެސް ވަސީލަތެއް ނެތް މި ގައުމުން ލިބެން ހުރި އެއްޗަކުން، ވީ ވަރަކުން އެފަހަރުވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސަރަހައްދީ ގައުމު ތަކަށް ދިމާވާ ހާދިސާތަކުގައިވެސް ދިވެހީން ވަނީ އެއްބައިވަންތަ ކަމާއިއެކު ނަމޫނާ ދައްކައިފައެވެ. އަދި އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. އެގޮތުން އަވަށްޓެރި ނޭޕާލަށް ދިމާވި ބިންހެލުމާ ގުޅިގެން ދިވެހީން ވަނީ ވަރަށް ފުރިހަމައަށް އެފަހަރުވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަމިއްލަ ގައުމުގައި އޮތް ހިތްހަމަނުޖެހުމާއި ތަޅާފޮޅުން އެއްފަރާތް ކޮށްލައި އެއްބައެއްގެ ގޮތުގައެވެ. ދިވެހީންނަށް ހަމަ ސާބެހެވެ.

މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް މިހާރު ދިމާވެގެން އުޅޭ ހިތާމަވެރިކަމާއި، ލާ އިންސާނީ އަނިޔާތަކާ ދެކޮޅަށް ނުކުންނަން ޖެހިލުންވެފައި ތިބި އެތައް މުސްލިމު ގައުމުތަކެއް އޮތް އިރު އެކަމަށްވެސް އިސް ނެގީ ދިވެހީންނެވެ. ދިވެހީން ވަނީ އެކަން ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. އެތެރޭގައި ދިމާވެފައިވާ ސިޔާސީ ކޯޅުންތައް ހަންދާން ނައްތާލާފައެވެ. އެއްބައެއްގެ ގޮތުގައެވެ. ސިޔާސީ ގޮތުން އެންމެ އިދިކޮޅު މީހާއާއެކުވެސް ރޮހިންޔާ މުސްލިމުންނަށް އެހީ ވުމަށް ދިވެހީން ވަނީ އެއް ބަސްކިޔައިފައެވެ.

ދިވެހީންގެ މި ކެރުމާއި، ރޮހިންޔާ މައްސަލައިގައި ދިވެހި ސަރުކާރުން މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑަލުން ބައިނަލްއަގުވާމީ މީޑީޔާ ތަކުންވެސް ވަނީ ފަހަގަ ކޮށްފައެވެ. ބައިނަލްއަގުވާމީ މީޑީޔާތަކުން ބުނާ ގޮތުގައި އެތައް ބައިވަރު މުސްލިމު ގައުމުތައް އޮތް އިރު އެފަދަ ކަމަކަށް ދިވެހީން ފާޅުގައި ނުކުތުމަކީ ސެލިއުޓް ނަގަންޖެހޭ ވަރުކަމެކެވެ. ދިވެހިންނަށް ހަމަ އައްސަރި ބަހާސާބަހެވެ.

ރާއްޖޭގެ ރެޑް ކްރެސެންޓް ޖަމިއްޔާގެ ރައީސް އަލީ ނާޝިދު ވިދާޅުވީ ދިވެހިންނަކީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ރެޑް ކްރެސެންޓުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިފަދަ ކަންތައްތަކަށް ދިވެހީން ވަރަށް ފުރިހަމަ އިޖާބައެއް ދީފައިވާ ކަމަށެވެ. އަދި އެކަމަށް ދިވެހީންނަށް ޝުކުރު އަދާ ކުރާކަމަށެވެ.

ދިވެހި ރެޑްކްރެސެންޓުގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އެމްއާރުސީ

" ސިޔާސީ ހުރިހާ ވިސްނުމެއްވެސް ދޫކޮށްލުމަށްފަހު އެއްބައެއްގެ ގޮތުގައި ދިވެހީން އެހީ ވާކަން އެއީ ފާހަގަކޮށްލެވޭ ކަމެއް. އެހީ ފޯރުކޮށްދިނުމުގައި ދިވެހީންނަކީ ނަމޫނާ ބައެއް. ހާއްސަ ގޮތެއްގައި މުސްލިމު އުންމަތަށް ދިމާވާ ކަންތައްތަކުގައި ދިވެހީން ވަރަށް އެހީތެރިވޭ،" އަލީ ނާޝިދު ވިދާޅުވިއެވެ.

އިސްލާމް ދީނުގައި އޮންނަނީ އެކަކު އަނެކަކަށް އެހީވުމެވެ. ހަށިގަނޑުގެ އެއް ގުނަވަނުގައި ވޭން އަޅާނަމަ މުޅި ހަށިގަނޑު ހޭލާ ހުރުމުންނާއި ހުން އައުމުގައި ބައިވެރިވާ ފަދައިން، އަހަރަމެންގެ މުޅި އިސްލާމީ އުއްމަތަކީ އެއްބައެކެވެ. ބަޔަކު މުސްލިމު ގައުމަކަށް އެހީ ނުވިޔަސް އެފަދަ ގައުމު ތަކަށް އެހީ ވުމުގައި ދިވެހީން ތިޔަ ދައްކާ ނަމޫނާއަށް ތައުރީފް ހައްގެވެ. ސާބަހެވެ.

comment ކޮމެންޓް