އަހަރެންގެ ހިތް އަނބުރާދީ

އަމިއްލަ އުފާތައް އެއްފަރާތްކޮށްފައި އަޒަލްގެ އުފަލަށް އިސްކަންދެވުނުނަމައެވެ. މި ލޯބި ލޯބި މަލެއްފަދަ އަންހެންކުއްޖާގެ ހިތުގައި ނުޖައްސާ ގެންގުޅެވުނުނަމައެވެ. އަޒަލްއަށް އޭނަގެ ވަގުތުތައް ހުސްކޮށްދެވުނުނަމައެވެ. ރައްކާތެރިކަންދެވުނު ނަމައެވެ. ހިމާޔަތްދޭން ކައިރީގައި ހުރިމީހާ އަޒަލްއަށް ކެހިދިނީއެވެ. ރަގަޅު ފުރުސަތެއް ލިބިފައި އަތުން ދޫވެގެން ދިޔައީއެވެ. އެއެއްޗެއްގެ އަގު ވަޒަންކުރެވޭނީ ދޫކޮށްފައި ދިޔުމުންނޭ ބުނަނީ މިހެންވެއެވެ. އޭނައާއި އަޒަލްއަކީ މިސާލެކެވެ.

ވިޝާމް ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. އެދިގު އެސްފިޔަތަކުގެ ފުރަގަހުގައި ފިލާފައިވާ ކަރުނަތައް އޮހިގެން ދިޔަނުދޭން އޭނަ ހިތްވަރުކުރަމުން އިސްޖަހައިލިއެވެ. މާއިޒް ވިޝާމްގެ އަތުގައި ހިފާ ބާރުކޮށްލީ ވިޝާމްގެ ހިތާމަ އިހުސާސްކުރެވިފައެވެ.

"ބީ ސްޓްރޯންގް ބްރޯ ........."މާއިޒްއަށް ބުނެވުނެވެ. "ގޯޑް ކޯލްޑް ހާ ހޯމް. އެއީ ޒެލްއަށް މާ އުފާވެރިތަނަކަށްވާނެ ކަމާއިމެދު އަހަރެން ޝައްކެއްނުކުރަން. މިތަނުން ހާޓްބްރޭކް ނޫން އެހެން ކަމެއްނުވާނެ...."

މާއިޒްގެ ޖުމްލައާއިއެކު އޭނަ ވިޝާމްގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. ވިޝާމްގެ ކައިރީގައި ހިތްވަރުކުރަން ދެވަނަފަހަރަށް ބުނެލިއެވެ. އެ މަންޒަރުފެނިފާ އަސަރުކުރިމީހުންވެސް ތިއްބެވެ.

އަރީން ލިފްޓުން ފޭބިތަން ފެނިފާ މެހެރީނާ އަރާހަމަވެފާ ގޮވާލިއިރު ދުރުކަމެއް ހުއްޓެވެ. މަޖުބޫރުވުމުން ބައެއްފަހަރު ދުޝްމަނުންގެ އެހީ ހޯދަންޖެހޭ ހާލަތްތައްވެސް އާދެއެވެ. އޭނަ ހުރީ ވިޝާމް ހޮސްޕިޓަލުން ނެރެލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނުފޫޒު ފޯރުވޭނެގޮތަކާއިމެދު އޭނަ ވަރަށް ވިސްނިއެވެ. ވިޝާމް އަޒަލްއާއި ދޭތެރޭ ކަންތައްކުރި ނިކަމެތިގޮތްތައް އަރީންގެ ކަންފަތާއި ހަމަޔަށް ފޯރައިފިއްޔާ އަރީން ފިޔަވަޅުއަޅާނެއެވެ.

"އައި ނީޑް ޓު ޓޯކް......"މެހެރީނާ ވަށައިގެން ހޯދައިލިއެވެ.

"އަހަރެންގެ ޕްރޮޕޯސަލް އެކްސެޕްޓްކުރިވާހަކަ ބުނަންތަ ތިއައީ. އެކަމަކު އިޓްސް ނޮޓް ދަ ރައިޓް ޓައިމެއްނު...." އަރީން ބުނެލީ ތޫނު ނަޒަރަކުން މެހެރީނާގެ މޫނަށް ބަލައިލަމުންނެވެ. ބޭކާރު މޭކަޕްތަކުން މޫނުގެ ރީތިކަން ގެއްލިފައިވިނަމަވެސް މެހެރީނާގެ ރީތިކަން އަދިވެސް ފަނޑެއްނުވެއެވެ. އުޅުމާއި ޚަސީލަތް ރީތިކޮށްލައިފިއްޔާ މެހެރީނާ ވަރެއް ނުހުންނާނެއެވެ. ނަމަވެސް އޭނައަކީވެސް މާ މާތްމީހެއްނޫނެވެ. އެވަގުތު އޭނައާއި މެހެރީނާ އަޅާކިޔުނެވެ.

"އަހަންނާއި އިންނަން ބޭނުމިއްޔާ ވިޝާމް ވަޒީފާއިން ވަކިކުރޭ...." މެހެރީނާ ވާހަކަދެއްކީ އަމުރުވެރިގޮތަކަށެވެ. އަރީންއަށް ލިބުނު ސިހުމާއިއެކު ފާޑަކަށް ހީގަތެވެ.

"ގޯޑް. ސީރިއަސްލީ؟ ތިހާ ފައްކާ ތްރެޓެއް ދޭކަށް އެހެން މީހަކަށް ނޭގޭނެ. މެހެރީނާ ތިއީ މަގޭ ބޮސްތަ؟ އަހަރެންގެ މުވައްޒަފުން ވަކިކުރަން އަންގަންފެށީމަ ހަމަ ޝޮކެއްގައި މިހިރީ. އަދި އަހަރެން މިހާ ހިނި އައިކަމެއް އެނގޭތަ؟ އިންނަން ބޭނުމިއްޔާއޭ ބުނީމަ. ދެން މެހެރް ތިހިރީ މީހަކާއި ނީދެ މުސްކުޅިވެފައެއްނު. މިއޮތް ބޮޑު ދުނިޔެއިން އިންނާނެ މީހަކު ނުވެ ބާކީވެފަ. އަހަންނާއި އިނދެފާނެ ފަނަރައަހަރުކުއްޖެއްވެސް. ވީއިރު އަދި ތިހާ ކަޑަވެގެން ބެގްކުރާކަށް ނޫޅެމޭ މެހެރް ޑާލިން. ޕްލަސް ޔޫ އާ ސޯ ފަނީ. ބޭބެގެ ދަރިއަކު މަރަށް ބާއްވާފައި އޮތްއިރު މެހެރް ތިއުޅެނީ ކޮންފާޑަކަށް؟ " އަރީން ގަސްތުގައި މެހެރީނާ ދެރަކޮށްލަން ވެގެން ދެއްކި ވާހަކަތައް އޭގެ އަމާޒަށް ވާސިލުވިއެވެ.

މެހެރީނާ ރަކިވެ އަނގަ އޮޅުނެވެ. ފުރާވަރު ކުއްޖެއްހެން މޫނު ރަތްވެގެން ދިޔުމާއިއެކު މެހެރީނާ ނިކަން އަވަހަށް ނަފުސް ހަމަޔަކަށް އަޅުވާލައިފިއެވެ.

ސީރިޔަސްކޮށް އަރީން އޭނަ ލަދުގަންނަވާލައިފިއެވެ. އޭނަގެ ޒުވާންކަން ނެތިގެން ދިޔަކަން އަރީންވެސް ދެނެގެންފިއެވެ. އަރީން ކައިރީ އެހެން ބުނެވުނުކަމުގެ މޮޔަހީވިޔަސް އަދި މެހެރީނާ އެހާ ފަސޭހައިން ނާކާމިޔާބު ގަބޫލުކުރާކަށް ނޫޅުނެވެ.

"އަހަރެން ހީކުރީ މަޖުނޫނުވިވަރުން މަގޭ ޑެޑް ބޮޑީއާއިވެސް އިންނާނެކަމަށް. މިހާރު އެނގިއްޖެ ދޯ ފައިސާ ހުއްޓަސް އަހަރެން ކަހަލަ މުސްކުޅިއަކުވެސް ނީންނާނެކަން...." މެހެރީނާ މަލާމާތްކޮށްފައި ދުރަށް ދާން ހިނގައިގަތުމުން އަރީން ހުރީ ތަފާތު ނަޒަރަކުން ބަލާށެވެ. ކުޑައިރު ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ވަކި ހިސާބަކުން ހީނަރުވާންޖެހުނީ އޭނަ އަންހެންކުދިން ހޯދަން ފެށުމުންނެވެ. މެހެރީނާގެ ފަރާތުން އޭނަ ބޭނުންވާ ކަންތައް ކޮށްދޭން ދެކޮޅުހެދުމުން އަރީން އޭނަގެ ބާރު ބޭނުންކުރިއެވެ. ބްލެކްމެއިލްކޮށްގެން އެތައް ދުވަހެއްވާންދެން އޭނަ މެހެރީނާ ލޯބީގެ އަޅެއްހެން ގެންގުޅުނެވެ. ބިރުދައްކައިގެންނެވެ. އަދި މެހެރީނާ ދެރަކޮށްލަން ރޯޒްލީންއާއި ރައްޓެހިވިއެވެ. އެގޭގެ ނޯކަރެއްކަމަށްވާ ފާގިޔާގެ ކައިރިއަށްވެސް ވަނެވެ. އަންހެންކުދިންގެ ފަރާތުން އޭނަ ބޭނުންވާހާ އުފާތަކެއް ހޯދަމުން ދިޔަސް ހަގީގަތުގައި ލޯބިވީ އެކަނި އަންހެނަކީ މެހެރީނާއެވެ. ބައެއްފަހަރު ޅައިރުގެ ލޯބި ހަދާން ނައްތާލުން ފަސޭހަނުވަނީއެވެ. ހަޔާތަށް އެތައް އަންހެނުންނެއް އައިސް ގޮސްފިއެވެ. އޭނައާއިހެދި މޮޔަވެގެން އުޅޭ ޅަދޮޅު އަންހެންކުދިން ތިބިއިރުވެސް އަރީން އެއިން އަންހެންކުއްޖަކު ހަޔާތުގެ ބައިވެރިޔަކަށް ހަދާކަށް ބޭނުމެއްނުވިއެވެ. އަމިއްލަ ނަފުސް ކުށްވެރި ކުރެވެނީއެވެ. މެހެރީނާއަށް ދިރިއުޅުމެއް ނުލިބުނީ އޭނައާއިހެދިއޭ ހިތަށް އަރާވަރުން ހަމަނިދިވެސް ނުލިބެއެވެ. ކާފަ ކިޔާނެ ދަރިން ނުލިބިގެން ބައްޕަ އެކަމާއި އޭނައަށް މަޖުބޫރުކުރާ ހިސާބަށް ގޮސްފިއެވެ. ނަމަވެސް އެހެންމީހަކަށް ދެރައެއް ދީފައި އެހެން ބައިވެރިޔެއް ހޯދުން ފަސޭހައެއްނުވިއެވެ. މެހެރީނާ މީހަކާއި އިން ދުވަހަކުން ނޫނީ އޭނަ ކައިވެންޏެއް ނުކުރާނެއެވެ.

ވިޝާމް ރެސްޓްރޫމްގައި އިންދާ ލިބުނު ސިޓީއަކުން އޭނައަށް ކުޑަވަރެއްގެ ޝޮކެއްލިބުނެވެ. އޭނަގެ ބައްޕަ ބަލިކަމާއިއެކު ދައްކަންޖެހޭ ލޯނެއް އޮތުމުން ވަޒީފާ ކިތަންމެހާވެސް މުހިއްމެވެ. ނަމަވެސް އޭނަ މިތަނުން ކަނޑާލިކަމުގެ ލިޔުން އައުމާއިއެކު ކުށަކީ ކޮބާތޯ ދެނެގަންނަން ބޭނުންވިއެވެ. އޭނަގެ ބޮލުގައި އަޅުވާފައިވަނީ އޭނަގެ އިހުމާލުން ކުއްޖަކު މަރުވިކަމަށެވެ. އެއީ ތަންކޮޅެއްކުރީގެ ހާދިސާއެކެވެ. އެބުނާ ކުއްޖާ މައްސަލަޖެހުނީ ދިން ބޭސް ގޯސްވެގެނެއް ނޫނެވެ. އެކުއްޖާ ޖީ ސިކްސް ޕީ ޑީ ޑެފިޝަންސީކަން އެނގޭއިރުވެސް އާއިލާމީހުން އެވާހަކަ ބުނާކަށް ހަދާނެއްނުވިއެވެ. ހުންގަދަކަމުން ދޭންޖެހުނީ ޕެރެސަޓްމޯލާއި އެއްޗެއްސެވެ. ތިންދުވަހުން ހުން ރަގަޅުނުވުމުން ޓެސްޓްތައް ހަދާފައި ވިޝާމް އެކުއްޖާ ކުޑަކުދިންގެ ޑޮކްޓަރަށް ރިފާކުރިއެވެ. ނަމަވެސް އެކުއްޖާ އެންމެފަހުން ހާލުދެރަވެ ނިޔާވުމުން އެމައްސަލަ ބަލަންފެށިއިރު ވިޝާމް ކުށްވެރިވެދާނެކަމަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއްނުވެއެވެ. ނިމުނުއިރު އެކުއްޖާގެ އާއިލާއިން ބުނެފައިވަނީ ވިޝާމްކައިރީ އެކުއްޖާގެ އެފަދަ މައްސަލައެއް ހުންނަ ވާހަކަ ބުނިކަމުގައެވެ.

މުއްސަދިކަމާއި ނުފޫޒުގަދަބަޔަކު ބޭނުންވާގޮތަށް ދުނިޔޭގެ ކޮންމެކަމެއް އަނބުރާލެވިދާނެއެވެ. އާދައިގެ މީހުން އިނދަޖައްސާ އެއަށްވުރެ ނިކަމެތިކޮށްލުން އެފަދަ މީހުންނަށް ނިކަން ފަސޭހަވާނެއެވެ. ވިޝާމްއަށް ހުރިހާ ދޮރެއް ބަންދުވަމުންދާތަން ފެނުމުން މާޔޫސްވެ އިސްޖެހިފައި އިންދާ މާއިޒްއަށް އެތަނަށް ދެވުނެވެ.

"މާބޮޑުކަމެއްނުވޭ. ޖޮބުން ކަނޑާލީ....." ވިޝާމް ހިތާމަވެރިގޮތަކަށް ހީލިއެވެ.

"އިސް ދިސް އެ ޖޯކް؟ " މާއިޒް ނުރުހިފައި ބުނެލިއެވެ.

"މިއީ ޖޯކުޖަހާ ކަހަލަ ވަގުތެއްނޫނޭ މާޒް. މިއޮތީ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން......" ވިޝާމް އިސްތަށިގަނޑުގެ ތެރެއަށް އަތްމަހައިލިއެވެ. އެއާއިއެކު އަމިއްލަ ހިތަށް ވިސްނާދިނެވެ. ވަޒީފާއިން ވަކިކުރިޔަސް އެންމެރަގަޅެވެ. އޭނަ ހުރީ ކިޔަވައިގެންނެވެ. ސަރުކާރުގެ ވަޒީފާއެއްވެސް އޭނައަށް ލިބިދާނެއެވެ. އެންމެ ބޮޑު ފިކުރަކީ އަޒަލްއެވެ. އަޒަލްގެ ކުއްލި ވަކިވުމެވެ. އޭނަ އަޒަލް ހިމާޔަތްނުކުރެވުނީތީ އެ ހިތާމައެވެ. ދެރަވެފައި އިންދާ މާއިޒް ބާރުބާރަށް ނުކުމެގެން ދިޔައީ ކޮންތާކަށް ކަމެއް ވިޝާމްއަކަށް ނޭގުނެވެ. އޭނަގެ ހައްގުގައިގޮސް މާއިޒް އިސްތިއުފާ ސިޓީ އަރީންގެ މޭޒުމައްޗަށް ޖެހިއެވެ. އަރީންއިނީ ހިމޭނުންނެވެ. މާއިޒް އެހާގަދަޔަށް ރުޅިއައިސްފާ ހުރެ އެއްޗެހި ކިޔުމުން ދެނެހުރިކަމަށް ހަދާނުލިއެވެ. ވިޝާމްއާއި މާއިޒް އެހާ ލޯބިން އެއުޅެނީ ކީއްވެބާވައޭ އެވަގުތު ހިތަށް އެރިއެވެ. އެންމެން އެދައްކަނީ ހަމަ ރަގަޅު ވާހަކައެއް ބާވައެވެ.

"ބްރެއިންޑެޑް" ކަމަށް ދެތިން ޑޮކްޓަރުން ސެޓްފިކެޓްދީފައި ވާ ހާލަތްތަކުގައި މަދުފަހަރެއްގައި ކަރާމާތްތައް ހިގާނޫންހެއްޔެވެ؟ ހަމައެކަނި އީއީޖީ ފްލެޓްލައިން ވުމަކުން ސިކުނޑި މަރުވީކަމަކަށް ނުބެލެވޭނެއެވެ. ނަމަވެސް އެޕްނިއާ ޓެސްޓް އަދި ބްރެއިން ސްޓެމް ރިފްލެކްސްއިންވެސް އަޒަލްގެ ސިކުނޑި މަރުވެފައިވާކަން ކަށަވަރުވިއެވެ. އިރުކޮޅަކަށް ވެންޓިލޭޓާއިން ކަނޑާލުމުންވެސް އަޒަލް އަމިއްލައަށް ނޭވާލާކަށް އެއްވެސް މަސައްކަތެއްނުކުރިއެވެ. އެއިން ޔަގީންވީ އަޒަލް ދެން މިދުނިޔެއަށް ނޭވާ ނުލާނެކަމެވެ. އެކަމުގެ ސަބަބުން ހައިކަލް ހުރީ ގަނޑުވެފައެވެ. ލޯބިވާ ދަރިފުޅުގެ އެކުއްލި ވަކިވުމުން ބަރުދާސްތުނުކުރެވޭފަދަ ފުން ހިތާމައެއްލިބި ހިތް ހަލާކުވިއެވެ. ނަމަވެސް އޭނަ ކެތްކުރީ އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށެވެ. ނޫނީ ޝޮކެއްގައި ހުރުމުން ލޮލުން އެންމެ ކަރުނަ ތިއްކެއް އައުން ވެސް މަނާކުރީއެވެ. އަޒަލް އެ ބަރު އެސްފިޔަތައް ލައްޕާލީ މިއަނިޔާވެރި ދުނިޔެއަށް ދެލޯ ނުހުޅުވަން ވެގެންނެވެ. ވެންޓިލޭޓަރުގައި އޮތްވާ އަޒަލްގެ ހާލުދަށްވަމުންގޮސް އެންމެ ފަހު ނޭވާ ދުނިޔެއަށްލުމުން އެންމެންގެ ރުއިމުގެ އަޑުގަދަވިއެވެ. ރައުދާ ކަނޑައިލި ރުކެއްހެން ބިންމައްޗަށް ވެއްޓުނުއިރު ޒައިތޫންވެސް ހުރީ ވަރުބަލިވެ އަނބުރައިގަންނަގޮތްވެ އަބުދުލްއަޒީޒުގެ ގަޔަށް ލެނގުނުގޮތަށެވެ. ހައިކަލް އަޒަލްގެ ފިނި ނިތްކުރީގައި ބޮސްދިންއިރު އެދެލޮލުން ފެނުނީ ހިތް ހަލާކުވާފަދަ އަސަރުތަކެވެ. އެދެލޮލުން ކަރުނަ ނަޔަސް އޭނައަށްވެފައިވާ ވަރު އެމޫނަށް ބަލައިލި ކޮންމެ މީހަކު ދެނަގަތެވެ. އެހާވެސް އެ އިހުސާސްތައް މިއަދުވަނީ ހާމައަށެވެ. އެހިތް ރޮނީއެވެ.

އަޒަލް ވެލީގެ ދާނުގައި އަބަދަށްޓަކާ ނިދާލަން ދޫކޮށްފައި ހައިކަލް ސަހަރާއިން އައީ އެތަން ދޫކޮށްފައި އަންނަހިތަކުން ނޫނެވެ. ބައްޕަ ބާރު އެޅިވަރުންނެވެ. އެހެން މީހުންވެސް ރޯޒްމެހެލްއަށް އައިގޮތަށް އެމީހެއްގެ ކޮޓަރިއަށްވަދެ ދޮރު ތަޅުލައިގެން ބަންދުވެގެންފިއެވެ. އަބުދުލްއަޒީޒު ލޯބިވާ އަންހެނުންނަށް ވިސްނާދިނީ ކަރުނައިން މަރުވެފައިވާ މީހުންނަށް އަނިޔާލިބޭނެކަމުގައެވެ. މެހެރީނާވެސް ހުރީ އަޒަލްގެ މަރު ގަބޫލުކުރަން ދަތިވެފައެވެ. ސިކުނޑި މަރުވެއްޖެކަމަށް ޑޮކްޓަރުން ނިންމާފައިވަނިކޮށް ބައެއްމީހުން ސަލާމަތްވެފައި އެބަހުއްޓެވެ. އަޒަލް ސަލާމަތް ނުވީ ކީއްވެހެއްޔެވެ.

މަރަކީ ހިތި ހަގީގަތެކެވެ. ތަބީއީގޮތުން ނުރުހެވޭކަމަކަށް ވިޔަސް ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އައިގޮތަށް މަރުގެ ރަހަދެކޭނެއެވެ. އަޒަލްވެސް ފުރާވަރުގައި މަރު ލިޔުއްވާފައިވާކަމުން އެންމެން ރޮއްވާލާފައި ވަކިވެގެން ދިޔައީއެވެ. ފިލްމަކުން އަދި ވާހަކައެއްގާ ވިޔަސް ލޯބިވާ މީހަކު މަރުވުމުން އެއްވެސް ބަޔަކު އެކަން ބަލައިގަންނަން ބޭނުމެއްނުވާނެއެވެ. ނަމަވެސް އެއީ ހަގީގަތެވެ. ދުނިޔެއަށް އައުމަށްފަހު އެންމެ ގާތްމީހުނަށްވެސް މަރު އަންނާނެކަން ގަބޫލުކުރާންޖެހެއެވެ. ކިތަންމެ ލޯބިވާ އެއްޗަކަށްވެސް ނިމުން އަންނާނެއެވެ. ނޭގެނީ ނިމުން އަންނާނެ އިރެކެވެ.

އަޒަލްގެ މަރާއިއެކު އެތައް ބަޔެއްގެ ޕްރޮފައިލް ކަޅުވެ އެތައް ހާސް ހަމްދަރުދީގެ މެސެޖެއް އޮހެންފެށިއެވެ. ސޯޝަލްމީޑިއާގައި އެންމެ ގަދަޔަށް ދެކެވުނީ އަޒަލްގެ މަރުގެ ޚަބަރެވެ. އެއިން އެއްވެސް ކަމަކާއި ޚިޔާލުބަހައްޓާނެ ހިތްވަރެއް ހައިކަލްގެ ނެތެވެ. މިވަގުތު އެކަނިވެރިކަން ބޭނުންވާކަމަށް ބުނިގޮތުން އެކަކަށްވެސް ފަހަތުން ކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ. ކޮޓަރިއަށް ވަނުމާއިއެކު ދޮރުތަޅުލައިގެން ދޮރުކައިރިއަށް ތިރިވިއިރު އޭނަފަދަ ބަދުނަސީބު މީހެއް މިއުޑުހިޔާދަށުގައި ނުވާނެއޭހިތަށް އެރިއެވެ. އަމިއްލަ ދަރިފުޅަށް ހިމާޔަތާއި ރައްކާތެރިކަން ނުދެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. އެދަރިފުޅަށްޓަކާ އެއްވެސް ވަގުތެއް ހުސްކޮށެއް ނުދެވުނެވެ.

ސަލްވާ ހުރީ ހައިކަލްގެ ކުރިމައްޗަށް ދާން ނުކެރިފައެވެ. ނަމަވެސް އަބަދަށްޓަކާ ފިލައިގެނެއް ނޫޅެވޭނެއެވެ. ހައިކަލްއަށް ހިތްވަރުދޭން އެންމެ ކައިރީގައި ހުންނަންވީ މީހަކީ އޭނައެވެ. ނަމާދުގޭގައި އެތައް އިރެއްވާންދެން އިނދެފައި މޫނު ދޮވެލައިގެން ހައިކަލްގެ މާސްޓަބެޑްރޫމަށް ވަންނަން އައިތަން ބަލަން މެހެރީނާ ހުރިތަން ފެނުމުން ސަލްވާގެ ހިތަށް ބިރުވެރިކަން ވަނެވެ. މެހެރީނާގެ ދުލުގެ ހަމަލާތަކުން ހިތް ވީދޭލެއް ކުޑައެއްނޫނެވެ. ހިންދީ ޑްރާމާތަކުގައި ނުބައިބައިކުޅޭ ފަހަރިން ކައިރިން އެދުރުވެގެން ހުރި އަންހެނެކެވެ. ކޮންފަދަ ހިތްދަތިކުރުވާފަދަ ބަސްތައް މެހެރީނާ ބުނެލާހެއްޔެވެ؟ ކޮޓަރިއަށް ވަންއިރު ހައިކަލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އަޒަލް ސީސީޔޫގައި އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ހައިކަލްއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އެއޮތް ރީތި ފިރިހެންވަންތަ ކަމުގެ މިސާލެއްފަދަ މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. އެދެލޮލަށް ބަލައިފިއްޔާ ހިތްހަލާކުވާނެއެވެ. ތުނބުޅިމަތިމަސް ދިގުވެ ހިތާމައިގެ ތަސްވީރެއްކަމުގައި ހައިކަލް ވެއްޖެއެވެ. މިރޭވެސް ނުކައި އެހެން ފިކުރުކުރުމުގައި އޮތީއެވެ. އެދެލޮލުގައި އެތައް ހާސް ހިތާމައެއް ފޮރުވިފައިވެއެވެ.

ސަލްވާ ހިތްވަރުކޮށްފައި ކައިރިވެލިއެވެ. އެނދުގެ މަގަތުގައި އިށީދެ އެއަތުގައި ހިފާލުމުންވެސް ހައިކަލް ބަލައެއްނުލިއެވެ. ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮވެފާ ދެލޯ މަރާލީ ވޭނުން ފުރިފައިވާ ގޮތަކަށެވެ.

"ކޮފީއެއް ގެނެސްދެންތަ؟ "

"ނޫން......" ހައިކަލް އެނބުރުނީ އަނެއްފަރާތަށެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށިއެވެ. މެހެރީނާކަމަށް ހީކޮށް ސަލްވާ ބިރުގަތެވެ. އޭނަ އެއައީ ކޮންފަދަ ޚަބަރަކާއިގެން ކަމެއްވެސް އެނގެނީއެއް ނޫނެވެ. ދޮގުތަކެއް ހަދައިގެން އޭނައާއި ހައިކަލް ވަކިކުރުވަން އުޅެފާނެއެވެ. ބިރުންހުރެ ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުންނެވީ އަބުދުލްއަޒީޒުއެވެ. ކާފަދަރިފުޅުގެ ކުއްލި ވަކިވުމުން ހައިކަލްގެ ހިތަށް ކުރާނެ ފުންއަސަރު އިހުސާސްކުރެވި މިފިނިރޭ ތަންމަތިވެސް ވީ އަނގުރު އަލިފާނަށެވެ. އަނެއްކޮޅުން ލޯބިވާ އަނބިމީހާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އަޒަލްގެ ހަޔާތުގެ އެންމެފަހު ދުވަސްކޮޅު އެކުއްޖާވަނީ އެންމެންގެ ހިތްތައް އަތުލާ ލޯބި ހޯދާފައެވެ. ޒައިތޫންވެސް އިންނަނީ އަޒަލް ވާހަކަ ކިޔާދޭން ނައިސްގެންނެވެ. އިރުއިރުކޮޅާ އަޒަލް ގެނެސްދޭށޭ ކިޔާފައި ޒައިތޫން ރޯންފަށާގޮތުން ހިތަށް ދަތިވާވަރުވެއެވެ . ހައިކަލް އެންމެންގެ ކުރިމަތީގައި ހިތްވަރުކޮށްގެން ހުއްޓަސް އެހިތަށް ކުރާނެ ބާރު އޭނައަށް ވިސްނެއެވެ.

"ހައިކަލް. ދަރިފުޅާ. ހިތްވަރުކުރަންވާނެ އިނގޭ...." އަބުދުލްއަޒީޒު ހައިކަލްއާއި ދިމާލަށް ގުދުވެލަމުން އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

ހައިކަލް ވަކި ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟

"ދަރިފުޅާ. މިދުނިޔެ ހައްދަވާފައިވަނީ ހިތްތައް ހަލާކުވުމަށް. މިގޮތަށް މުދާ ހޯދައިގެން ރީތި ބޮޑުގެތައް އަޅައިގެން ތިބިކަމުގައިވިޔަސް މިއީ ދާއިމީ ގޮވަތްޗެއް ނޫން. ވަގުތީ ހިޔާވަހިކަމެއް. އަޅުތަކުން މިދުނިޔެއަށް ފޮނުއްވީ ހަމައެކަނި އެންމެ ބޭނުމަކު. އެފަރާތަށް އަޅުކަން ކުރަން. އެކަމަކު އެކަން ހަދާން ނައްތާލާފައި އެންމެން ވިސްނަނީ މިތާގައި އަބަދަށްޓަކާ ތިބެން. ހަތަރުދަމު ބުރަމަސައްކަތްކުރަނީ ހަމަ އެކަނި ދުނިޔޭގައި އުޅެން. އާޚިރަތް ހަދާނެއްނުހުރޭ. ހިތި ހަގީގަތަކީ މިއީ ރީތި ހުވަފެނެއްފަދަތަނެއް. މަރުވުމާއިއެކު މިހުވަފެނުން ހޭލެވިދާނެ. އޭރުން އެމީހަކު ކުރިކަމެއްގެ ސަޒާ އެމީހަކަށް ލިބި ރަގަޅަށް އުޅުނު މީހުންނަށް އެކަމުގެ ފޮނި އުފާލިބޭނެ. އަޒަލްއަކީ ބައްޕަމެންގެ ހަޔާތަށް އައި ބްލެސިންއެއް. ހެއްދެވިފަރާތުން ދެއްވި އެންމެ އަގުބޮޑު އެއްހަދިޔާ. އެންމެންގެ ހިތްތަކަށް ބުނަންނޭގޭފަދަ އުފާތައް ދިނުމަށްފަހު އެދިޔައީ. އެންމެންގެ ހިތްތަކުގައި އަޒަލްގެ ނަން އަބަދަށްޓަކާ ވާނެ. އަދި ގިޔާމަތްދުވަހު އެންމެން އެކީވާނެ."

" އެފަރާތުގެ ތަނަވަސް ރަހުމަތާއި ނިއުމަތް މިދުނިޔޭގެ އެއްވެސް އުފަލަކާ އަޅާނުކިޔޭނެ ދަރިފުޅާ. އިރާދަކުރެއްވިއްޔާ އަޒަލް ވާނީ ހެއްދެވިފަރާތުގެ ރަހުމަތުގައި. އަޒަލް މިދުނިޔެއިން އެންމެ ލޯބިވި ފަރާތަކީ ކޮބާ؟ އެއީ އަޒަލްގެ ބައްޕަ. ވީއިރު އަޒަލް މިއަދު ދުނިޔޭގައި ނެތަސް އަޒަލްގެ ފުރާނަވެސް ބޭނުމެއްނުވާނެ ބައްޕަގެ ލޮލުން އެންމެ ކަރުނަ ތިއްކެއް އަންނާކަށްވެސް. އަޒަލްގެ އުފަލަކަށްވާނީ ދަރިފުޅު ހިތްވަރުކުރުން. ގުރުއާނުގައި ވަހީކުރައްވާފައިވޭ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުކަން. ދަރިންނަކީ އެފަރާތުން ދެއްވާ އަމާނާތެއް. ދަރިންގެ ހައްގު އަދާކޮށްދިނުމައި ލޯބި ދިނުކަމީ މައިންބަފައިންގެ ވާޖިބެއް. ދަރިފުޅުވެސް އެކަން ކުރިގޮތަކީ މިސާލެއް. ދެން އެފަރާތުން ދެއްވި އެއްޗެއް ގެންދަވާނެ. ހިތްވަރުކުރޭ. ތެދުވެ އެއްޗެއް ކައިހަދާލައިގެން މަންމައާއި ވާހަކަދައްކާ ހަދާލާ. ނޫނީ މަންމަގެ ހިތާމަތައްވެސް އެހާ ބޮޑުވާނެ. އަދި އާޒީންވެސް މިހާރު ކިހާ ބޮޑަށް ބައްޕައަށް ބޭނުންވާނެ........." އަބުދުލްއަޒީޒު ގެ ފުރާނަފަދަ ލޯބިވާ ފިރިހެންދަރިފުޅަށް ހިތްވަރުކުރުމަށް އެދި ދެއްކި ވާހަކަތަކުން ހައިކަލްގެ ހިތަށް ބަޔާންކުރަން ދަތި އަސަރުތަކެއްކުރިއެވެ. އެދެލޮލަށް ކަރުނަ ޖަމާވިއެވެ.

"އަޒަލް ވޯޒް އެ ލަކީ ގާލް. ޝީ ވޯޒް ލަވްޑް އެންޑް ޝީ ނިއު ދެޓް. ސަން ޔޫ ވާ އޯލްވޭސް ދެއަރ. ހިތާމަނުކުރޭ.. އަޒަލް ގެ ފުރާނައަށް ދަތިކަން ލިބޭނެ...އަޒަލްވެސް ބޭނުންވާނީ ބައްޕަ ހިތްވަރުކުރަން.............." އަބުދުލްއަޒީޒު ބުނެލީ އޯގާތެރިކަމާއިއެކުގައެވެ.

ތެދެކެވެ. އަޒަލް މިދުނިޔޭގެ އެންމެފަހު ބަސްކޮޅަކަށްވެސް ވީ ބައްޕަ ހިތްވަރުކުރުމަށެވެ. ބައްޕަދެކެ ލޯބިވާކަމަށެވެ. މާތް ﷲ ބައްޕައާއިއެކު ވޮޑިގެންވުމަށް އަޒަލް ދުޢާކުރިއެވެ.

ހައިކަލްގެ ސިކުނޑީގެ ލޯގަނޑަށް އަޒަލްގެ ތަފާތު ހަނދާންތަކެއް ފިލްމެއްފަދައިން އަރަންފެށުމުން ހުރިހާ ހިތްވަރެއް ނެތިގެން ދިޔައެވެ. ދެލޮލުގައި ގިނަވެގަތް ކަރުނަތައްކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބައިގަތެވެ. އަބުދުލްއަޒީޒު ހައިކަލްގެ ގައިގާ ފިރުމާފައި އެކި ވާހަކަދެއްކިއެވެ. އެމަންޒަރު ބަލަން ފާރަށް ލައްވެގެން ހުރި ސަލްވާގެ ދެލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތައް އެއޮމާން ކޯތާފަތްމަތިން ތިރިއަށް ދެމެމުން ދިޔައެވެ.

"ސަލްވާ ދަރިފުޅާ. ހައިކަލްއަށް ޑިނާ ހިފައިގެން އާދޭ. ބައްޕައާއި ދެކުދިން އެކީކާނީ........"

އަބުދުލްއަޒީޒުގެ އެޖުމްލައިން ސަލްވާގެ ކަރުނަތައްވެސް އެއްފަހަރާ ހުއްޓުނެވެ. ދަރިފުޅާއޭ ކިޔާފައި ގޮވާލުމުން ހިތަށް ލިބުނު ފިނިކަމުން ހިތާމަވެސް ފަނޑުކޮށްލައިފިއެވެ. ދަރިއެއްގެ ގޮތުގައި އެމީހުން ސަލްވާ ބަލައިގަންނާނެ ދުވަހަކަށް ހާދަ އިންތިޒާރެއްކުރެވިއްޖެއެވެ. ތަފާތު ޖަޒުބާތެއްގައި ގެނބެވިގެން ގޮސް އަޒަލްގެ މަރުގެ މަތިންވެސް ފަޅި ސިކުންތުކޮޅަކަށް ހަދާންނެތުނެވެ. ބަސްއަހާ ކިޔަމަންތެރި ޚާދިމާއެއްފަދައިން ސަލްވާ އަވަސްއަވަހަށް ހިނގައިގަތީ ހައިކަލްއަށް ކާން ގެނައުމަށެވެ.

ސަލްވާ އެތަނުން ނުކުތުމާއިއެކު އަބުދުލްއަޒީޒު ސަލްވާއަށްވެސް ތައުރީފުކުރިއެވެ. ސަލްވާގެ ސަބަބުން އަޒަލްމެންނަށް ތެދުމަގު ފެނުނުކަމީ އަޒަލްގެ ދެދުނިޔޭގެ ބާއްޖަވެރިކަންކަމުގައި ދެކޭކަމަށް އަބުދުލްއަޒީޒު ބުނެލިއެވެ. އެއީ އެންމެން ބަދަލުވާން ލެއްވި ރަހުމަތެއްފަދައެވެ. އަދި ސަލްވާއަކީ ޖަވާހިރެއްފަދަ އަންބެއް ކަމަށާއި ދުވަހަކު ދޫކޮށްނުލާން ހައިކަލްކައިރީގައި އެދުނެވެ.

ބޯކޮށް ވާރޭވެހޭތީ ފަޒާގައި އެނޫން އަޑެއް ނެތެވެ. އެންމެންވެސް ހިތާމައިގެ ސާލު އޮޅާލައިގެން އެނދަށް އަރާފައި ތިބިކަމުން ގޭތެރެއޮތީ ނިކަން ހިމޭންކޮށެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. އާޒީން ކޮބާބާވައޭ ހިތަށް އަރާފައި އެކުއްޖާގެ ހާލުދެކެން ދާންވެސް ސަލްވާ ބޭނުންވިއެވެ. އަވަސް ފިޔަވަޅުތަކެއްގައިގޮސް ކާކޮޓަރިއަށްވަންއިރު މޭޒުމަތީގައި ކާން ހަދާފައި ހުރުމުން ސަލްވާ ހައިކަލްއަށް ގެންދަން ތަބައް ތައްޔާރުކުރަން ފެށިއެވެ. ސަލްވާގެ ބޯކޮޅުބަލައިގެން އުޅޭ ފުރޭތައެކޭ މެހެރީނާ ތަފާތެއްނެތެވެ. ސަލްވާއަށް ފެނުނީ މެހެރީނާ ދޮރުމަތީގައި ހުއްޓައެވެ.

"ސެހާދަތް. ސުބުހާނަ. މިގޭ ކުއްޖަކު މަރުވެގެން ވަޅުލާފައި އަދި މާގިނައިރެއްނުވޭ. އެކަމަކު މާކުންބެ އަޅާލާފައި ހުރި ކާއެއްޗެހި ބަލާލަ. ކުޑަކޮށް ހުއްޓަސް ފުންގޮހޮރެއް އޮވޭ ދޯ. ނިކަން ކައިބަލަ. ބަނޑަށް މަރުވިޔަސް ނުކެރޭނެ މިގެއިން ތި ބަނޑަށް އެއްޗެއް އަޅާކަށް. ޒެލް ކާލާފައި އެވަރުންވެސް ބަނޑު ނުފުރެނީތަ؟ " މެހެރީނާ އުދުހިލާފައި އައިގޮތަށް ތަބަކުގައި އަތުން ޖެހީނުން ވިއްސާލައިފިއެވެ. އަޑުފަށްގަނޑު ގަދަވިޔަސް ވާރޭތެރެއަށް އެއަޑު އޮބުނެވެ.

"އަހަރެން ކާކަށް ނޫނޭ. ބައްޕަ ބުނުއްވީމަ ހައިކަލްއަށް ކާންދޭން...."

"ބައްޕަވެސް ސިހުރުގައި ޖެހުނީތަ"

"ސިހުރުހަދާނަމަ އެންމެ ކުރިން މެހެރްދައްތަ މައިތިރިކުރަން ސިހުރުހަދާނީ. ކީއްވެ ތިހާ ހަސަދަލައިގެން އުޅެނީ؟ މެހެރްދައްތަ އާއި ވާހަކަދައްކާކަށްވެސް ބޭނުމެއްނޫން. ލެޓް މީ ސާވް މައި ހަޒްބެންޑް........" ސަލްވާ ރުޅިއަންނަގޮތްވިއެވެ. މެހެރީނާގެ ކަންތައް މާ މައްޗަށް ދިޔައީއެވެ. އޭނައަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟

ސަލްވާ އެގޮތަށް ޗެލެންޖުކުރުމުން މެހެރީނާގެ މޫނުމަތީގައި ކޮޅުފައިން ޖެހުމެކޭ އެއްވަރުވިއެވެ. ސަލްވާހާ ލަދުކުޑަމީހެއް ކައުނުގައި ނުވާކަމަށް ދެކުނެވެ. އޭނަގެ އިއްޒަތަށްވެސް ހުތުރު އަރުވާލައިފިއެވެ. މެހެރީނާ ސަލްވާގެ އަނގައިގެ ތެރެއަށް އަތްބޭނިގޮތަށް އަނގަ އިރާލަން އުޅުނެވެ. ސަލްވާއަށްވެސް ދިފާއުގައި ކުރެވުނީ ދުވަހަކުވެސް ކުރިކަހަލަ ކަމެއްނޫނެވެ. މެހެރީނާގެ އިނގިލިތަކުގައި އެތޫނު ދަތްތަކުން އަޅާ ބާރުކޮށްލެވުނުގޮތަށް މެހެރީނާ ހަޅޭއްލަވައިގަތީ ކަރުފަޅައިގެންދާހާ ބާރަށެވެ. ސަލްވާ ސިހިފައި ދޫކޮށްލުމާއިއެކު މެހެރީނާ އަތްދަމާފައި ސަލްވާގެ މޫނުމައްޗަށް އެއްފަހަރާ ދެތިން އެތިފަހަރު ބޭލިގޮތުން މޫނަށް އަނދިރިގެން ވެއްޓުނެވެ. އެވަގުތު އެތަނަށް ވަދެވުނީ ނާޒުމީއަށެވެ. މެހެރީނާގެ އެ އަމަލުން ނާޒުމީގެ ހިތަށް ހަމްދަރުދީ ވަނަސް ސަލްވާގެ ފަތިފުށް ހާމަވެފައިވާތީ އެހީވާކަށް ކައިރިއެއްނުވިއެވެ. ސަލްވާގެ އަނގަމަތިން ލޭފައިބަމުން ދިޔައިރުވެސް ހިތްވަރުކޮށްފައި ކަރުނުން ފުރިފައިވާ ދެލޮލުން ނާޒްމީއަށް ބަލައިލިއެވެ.

"ބައްޕަ އިންނެވީ ހައިކަލް ކައިރީ. ޑިނާ ގެނެސްދޭން ބައްޕަ އެދިލެއްވީ........" ސަލްވާގެ ޖުމްލައާއިއެކު ނާޒްމީ އަވަސްވެގަތީ ތަބައް ތައްޔާރުކުރާށެވެ.

ސަލްވާ އަނގަމަތީގައި އައިސްޕެކް ޖައްސާލައިގެން ގޮނޑިއެއްގައި ޖައްސާލިއިރު އެރީތި ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހުނެވެ. މިއަނިޔާވެރި މާހައުލުން އޭނަދެކެ އެންމެ ލޯބިވި ރަގަޅު އަންހެންކުއްޖާވެސް ވަކިވީއެވެ. އެއަށްވުރެ ބޮޑު ހިތާމައެއްނެތެވެ. އެހެންނޫންނަމަ މިރޭވެސް އަޒަލް އޭނައަށް އެހީވާނެއެވެ. އެއީ ހަމަ "އެންޖެލް" އެކެވެ. ނޫނެކެވެ. އެފަދަ ދަރަޖައަކަށް އިންސާނަކަށް ނުދެވޭނެއެވެ. ނަމަވެސް އިންސާނުންތެރޭގައި މާތް މީހުން ހިމެނޭއިރު އަޒަލް ހިމެނިގެންދާނީ އެފަދަ މީހުންނާއިއެކުގައެވެ. އޭނަ ބޭނުމީ މިދާގޮތަށްގޮސް ނެތުމުގެ ތެރެއަށް ގެއްލުމަށެވެ. އެއްވެސް އިންސާނެއްގެ ސޫރަ ނުފެންނަތާކަށް ގޮސް ގެއްލިގެން ދިޔުމަށެވެ. އަނގައިގާ މެހެރީނާ ލެއްވި ޒަޚަމްތަކަށްވުރެ ހިތުގައި އަޅާ ވޭން ބޮޑުވިއެވެ. ބައްޕަ އެދިލައްވައިގެން އޭނަ ކޮށްދޭން އުޅުނުކަންތައްވެސް މެހެރީނާގެ ސަބަބުން ނުވީއެވެ. ނާޒްމީގޮސް ބުނާނެ އެއްޗެއްވެސް ނޭގެއެވެ. ޔަގީނުންވެސް ނާޒްމީ އޭނަގެ ކޮއްކޮ ކުށްވެރިކޮށްފައި ވާހަކައެއް ނުދައްކާނެއެވެ.

ބޯ ވިލާތަކުގެ މައްޗަށް އިރު ކުރި ހޯދުމަށްފަހު ފަނޑު ދޯދިތަކުން ކޮންމެވެސް ވަރަކަށް ބިންގަނޑަށް އަލިކޮށްލައިފިއެވެ. ރޯޒްމެހެލްއަށް ވެރިވެފައިވާ ކަޅުކަމާއި ބަނަކަންވެސް ގަސްތަކުގެ ގޮފިތައް ފުރާނާލި އިރުގެ ދޯދިތަކުން ކުޑަ އުޖާލާކަމެއް ގެނުވިއެވެ. ދުނިޔެ އޮތްހާ ދުވަހަކު އުއްމީދުގެ ދާވަނީގައި ހުރިހާ އިންސާނުން ހިފަހައްޓަން ޖެހޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިންވަރަށް ރުހުމަކީ މުއުމިނުންގެ އީމާންކަމުގެ ބަޔެކެވެ. ސަލްވާ އެހެން ކޮޓަރިއެއްގައި ތަޅުލެވިގެން ނަމާދުކޮށް އަޅުކަމުގައި އިންދާ ވަރުބަލިވެގެންގޮސް ނިދިފައި ހޭލެވުނީ ރަންދޯދިތައް ފަރުދާތައް ފޫދުއްވާފައި ފައިތިލައިގާ ބޮސްދޭންފެށުމުން ކުޑަކޮށް ހޫނުވެގެންނެވެ. ދެލޯ ހުޅުވާލުމާއިއެކު ތެދުވެގެންގޮސް ކުޑަދޮރުކައިރީގައި ހުއްޓުނެވެ.

މި ތޫފާން މައިތިރިވިޔަސް ދެން އަންނަންއުޅޭ ކޮޅިގަނޑެއްގެ ބާރުމިން އަންދާޒާ ނުކުރެވޭނެއެވެ. ރޯޒްމެހެލްއަށް ދެން ބިންދާލާނެ ރާޅު މިއަށްވުރެ ބޮޑުވެދާނެކަމުގެ ހިލަމެއްވެސް ސަލްވާއަކަށް ނުވެއެވެ.

(ނުނިމޭ)

comment ކޮމެންޓް