ނަޝީދު އެންޓާޓިކާގައި ހުއްޓަސް، ބޭނުމިއްޔާ ހައްޔަރުކޮށްގެން ގެންނާނަން: މުންދު

މިރޭ ސަން ޓީވީގެ 50 މިނިޓް ޕްރޮގްރާމުގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުނިޔޭގެ ކޮންމެ ތާކު ހުއްޓަސް ހައްޔަރު ކުރަން ބޭނުން ވެއްޖެނަމަ ހައްޔަރު ކުރާނެ ކަމަށް ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ސަން ޓީވީގެ "50 މިނިޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުންދު މިރޭ ވިދާޅުވީ ނަޝީދު ސްރީލަންކާގައި ހުރިނަމަވެސް އެންޓާޓިކާގައި ހުރި ނަމަވެސް ހައްޔަރު ކުރަން ބޭނުން ނަމަ ހައްޔަރު ކުރެވޭނެ ކަމަށެވެ.

ޔަގީނެއް ނޫންތޯ، އެންޓާޓިކާގައި ހުންޓަސް ގެނެވޭނެ. ސްރީލަންކާ އެއީ އެންމެ ފަސޭހަ އެއްތަން ދެއްތޯމުންދު

ސްރީލަންކާގައި ނަޝީދު ހުންނަވަނިކޮށް ހައްޔަރު ކުރަން މާ ފަސޭހަވާނެ ކަމަށް މުންދު ވިދާޅުވި އެވެ. އެއީ ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ދެ ޓްރީޓީއެއްގެ ސަބަބުން ކަމަށް މުންދު ވިދާޅުވި އެެވެ.

އެ ޓްރީޓީގެ ދަށުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ދެ ގައުމުގެ ގައިދީން ބަދަލުކުރުމާއި ދެ ގައުމުން ވެސް ބޭނުންވާ "ވޯންޓެޑް" މީހުން ތިބި ނަމަ ދެ ގައުމުން ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

މުންދު ވިދާޅުވީ ނަޝީދަކީ ކޮން ބޭފުޅެއްކަން ރަނގަޅަށް އެނގިވަޑައި ގަންނަވާ ކަމަށާއި ނަޝީދަކީ ފޮތެއް ކަމަށް ވާނަމަ ފޮތުގެ ކޮންމެ ޗެޕްޓާއެއް ވަކިވަކިން ބުނެދޭން އެނގޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ މުއައްސަސާއަކުން އެކަން ކުރަން [ނަޝީދު ހައްޔަރުކޮށްގެން ގެންނަން] އަންގައިފިއްޔާ އަޅުގަނޑު އެކަން ކުރާނަން. ކަމާ ބެހޭ މުއައްސަސާއަކުން ހަމަ ވިދާޅުވާންވީ މިވެނި މީހަކު އެއީ މިހާރު ހޯދާލަން ޖެހޭ މީހެކޭ. ދިވެހި ރާއްޖޭގެ ގާނޫނު ތަންފީޒު ކުރަން އަންގައިފިއްޔާ އަޅުގަނޑު އަމިއްލަޔަށް މަގުމައްޗަށް ނުކުމެ ހޯދައިގެންވެސް ގެންނާނަން" މުންދު ވިދާޅުވި އެވެ.

މިހާތަނަށް ސަރުކާރުގެ މުއައްސަސާއަކުން އެފަދަ އެނގުމެއް އަންގާފައި ނުވާ ކަމަށް މުންދު ވިދާޅުވި އެވެ. ނަޝީދު ނޫނަސް ކޯޓުތަކަށް ނުވަތަ ގާނޫނުތަކަށް ފިއްލަވައިގެން އުޅޭ މީހަކު ހޯދަން މުއައްސަސާތަކުން އަންގައިފިނަމަ އެކަން ކުރާނެ ކަމަށް މުންދު ވިދާޅުވި އެވެ.

އިނގިރޭސިންގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަމަވެސް ދުނިޔޭގެ ކޮންމެތާކުން ވެސް ހައްޔަރުކޮށްގެން ނަޝީދު ގެނެވޭނެ ކަމަށް މުންދު ވިދާޅުވި އެވެ.

"ޔަގީނެއް ނޫންތޯ، އެންޓާޓިކާގައި ހުންޓަސް ގެނެވޭނެ. ސްރީލަންކާ އެއީ އެންމެ ފަސޭހަ އެއްތަން ދެއްތޯ" މުންދު ވިދާޅުވި އެވެ.

ނަޝީދު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. އެހެންނަމަވެސް ވަރަށް ގިނައިން އަވައްޓެރި ސްރީލަންކާއަށް ވަޑައިގެން ދިވެހިންނާ ބައްދަލު ކުރައްވާ ހައްދަވަ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުގައި ބެހެއްޓި މައްސަލާގައި ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ނަޝީދު ބޭރަށް ވަޑައިގެންނެވީ ބޭސްފަރުވާ އަށެވެ.

comment ކޮމެންޓް