ކުޑަހުވަދޫ އަތުން ތިނަދޫ ބަދަލު ހިފައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދުއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ތިނަދޫ މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދޫ އަތުން ގދ. ތިނަދޫ ބަދަލު ހިފައިފިއެވެ.

މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ކުޑަހުވަދޫގެ މައްޗަށް 2-0 ލަނޑުގެ ނަތީޖާއަކުން ތިނަދޫ މޮޅުވެފައިވާއިރު، މިދިޔަ ޖުލައި މަހު ކުޅުނު މިނިވަން ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި ހަމަ އެ ނަތީޖާއިން ކުރި ހޯދީ ކުޑަހުވަދޫއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދުއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ތިނަދޫ މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި ކުޑަހުވަދުއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ތިނަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުޑަހުވަދޫގެ ބިދޭސީ ކުޅުންތެރިޔާ އަފޮންޖާ ޖިބޯލާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިނަދޫން ވަނީ ލަނޑެއް ޖަހާ ލީޑު ހޯދައިފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ތިނަދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިއަހަރުގެ މާލޭ ލީގުގައި ކްލަބު އީގަލްސްގެ ކެޕްޓަންގެ ދައުރު އަދާކުރަމުންދިޔަ އިމްރާން ނަޝީދެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޑަހުވަދޫ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ތިނަދޫ ކުރީގައި އޮވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދުއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ތިނަދޫ މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 61 ވަނަ މިނެޓުގައި ތިނަދުއަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިޔާ ތެރެއިން ތިނަދޫގެ ބިދޭސީ ކުޅުންތެރިޔާ ހޯސޭ އެލެކްޒެންޑާ ހެނާންޑޭޒް އަވީލާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކުޑަހުވަދޫގެ ގޯލްކީޕަރު އަބްދުﷲ ޔަޒީދެވެ.

މެޗުގައި ތިނަދޫން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) ނަގައިދިން ކޯނަރަކުން ތިނަދުއަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯޖް އިވާން ކައިސޭޑޯ ރޮޑްރިގޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޑަހުވަދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ތިނަދުއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ތިނަދޫ މޮޅުވީ 2-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުން ތިނަދޫ މޮޅުވި ނަމަވެސް، ލީގު ތާވަލުގައި އެ ޓީމު އޮތް މަގާމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތިނަދޫ އަދިވެސް އޮތީ ތާވަލުގެ ފަސްވަނާގައެވެ. ތާވަލުގެ ހަތަރުވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. މިއަދު ހަވީރު ކުޅުނު މެޗުން ބަލިވި ކުޑަހުވަދޫ އޮތީ ކުޅުނު ފަސް މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ށ. މިލަންދޫއެވެ.

comment ކޮމެންޓް