މިއަހަރުގެ މެޑިކަލް އެކްސްޕޯ ނޮވެމްބަރުގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ބޭއްވި ފުރަތަމަ ހެލްތް އެންޑް މެޑިކަލް އެކްސްޕޯގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މެޑިކަލް ޓުއަރިޒަމް ފުޅާކުރުމުގެ އަމާޒާއެކު ސިއްހީ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މެޑިކަލް އެކްސްޕޯ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމައި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާ ހިދުމަތްތައް ދެވޭނެ ގޮތަށް ވިޔަފާރިތައް އަހުލުވެރިކުރުމާއި އެފަދަ ހިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް އަންގައިދިނުމަށް ބޭރުގެ ހޮސްޕިޓަލްތަކާ ސިއްހީ ހިދުމަތްތައް ރާއްޖޭގައި ޕްރޮމޯޓް ކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި މެޑިކަލް އެގްޒިބިޝަނެވެ.

މިއީ ބޭރުގެ ހޮސްޕިޓަލްތަކާ ސިއްހީ ހިދުމަތްތައް ރާއްޖޭގައި ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްވީ މެޑިކަލްސް އާއި އިންޑިއާގެ މެޑްލައިފް އޭޝިއާއާ ގުޅިގެން މެޑިކަލް އެކްސްޕޯ ބާއްވާ ދެވަނަ އަހަރެވެ.

އެމްވީ މެޑިކަލްސް އިން ބުނީ، މިއަހަރުގެ މެޑިކަލް އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ނުވަ އަކުން 11 އަށް، ނޭޝަނަލް އާޓް ގެލެރަރީގައި ކަމަށެވެ. އައި އެކްސްޕޯގައި ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ހިދުމަތެއް ދޭ ފަރާތްތަކަށް ވެސް އެ އެކްސްޕޯގައި ބައިވެރިވެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ފަރާތްތަކުގެ ތެރޭގައި:

  • ހޮސްޕިޓަލްސް/ކްލިނިކްސް
  • މެޑިކަލް ލެބްސް
  • ފާމަސޫޓިކަލްސް/ ފާމަސީ
  • ބިއުޓީކެއަރ / އޮޕްޓިކަލްސް
  • ފޫޑް އެންޑް ނިޔުޓްރިޝަން
  • ހެލްތް އިންޝުރެންސް
  • މެޑިކަލް އިންފޮމޭޝަން ޓެކްނޮލޮޖީ
  • ޓްރޭޑިޝަނަލް މެޑިސިން އަދި ސްޕާ
  • މެޑިކަލް ޓުއަރިސަމް ފެސިލިޓޭޓަރސް
  • ފިޓްނަސް ސެންޓަރސް

އެމްވީ މެޑިކަލްސް އިން ބުނީ، މިއަހަރުގެ މެޑިކަލް އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަންވީ ގޮތް ކިޔައިދޭނެ ކަމަށެވެ. އަދި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު 3330636 އަދި 7694749 އަށް ގުޅުމުން ލިބޭނެއެވެ.

މިދިޔަ އަހަރުގެ މެޑިކަލް އެކްސްޕޯގެ މެއިން ސްޕޮންސާއަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އެވެ. އޭޑީކޭއާއެކު އެކްސްޕޯގައި މުޅިއަކު 16 ފަރާތަކުން ބައިވެރިވިއިރު، އޭޑީކޭގެ ފަރާތުން ސިއްހީ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ހާއްސަ ކަންތައްތަކެއް އިންތިޒާމް ކުރިއެވެ.

comment ކޮމެންޓް