ޔާމީން މަރާލި މައްސަލައިގެ ހުރިހާ އަޑުއެހުންތައް ސިއްރެއް ނުކުރާނަން: ޕީޖީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގެ ހުރިހާ އަޑުއެހުންތައް ސިއްރުކުރަން ބޭނުންނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިއަދު 2:30ގައި ބޭއްވި އެ މައްސަލައިގެ އިބްތިތާއީ އަޑުއެހުން ވަނީ ޕީޖީ އޮފީހުން އެދިގެން ސިއްރުކޮށްފައެވެ.

އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ބާވަތުންް ބައެއް އަޑުއެހުންތައް ސިއްރު ކުރަން އެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދޭނެ ކަމަށެވެ. ނަމަވެސް ހުރިހާ އަޑުއެހުންތައް ސިއްރުކުރަން ބޭނުންނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނަކީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއިލް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަރާލިއިރު އޭނާ ދިރިއުޅޭ މ. ސްޕެކްޓިކިއުލާގެ ކައިރީ ފާރައަށް ހުރީ މ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަނެއް ހަ މީހުންނަކީ ގދ. ގައްދޫ ސިންދުބާދުގެ މުހައްމަދު ދިފްރާން އާއި މ. ކުދެހިގެ ހަސަން ޝިފާޒުގެ އިތުރުން މ. ކޮޅުފުށި އީސްޓް ހަސަން ޒިޔާދެވެ.

މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލި މީހުން ގަބޫލުކުރާގޮތުގައި އޭނާ އަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގެ އަޑީގައި ތިބި މީހުން ވެސް އެނގޭ ކަމަށާއި އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގައި ސިޔާސީ ކަމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް