ރާއްޖެއަށް ހެޔޮ އަގުގައި ބޭސް ލިބޭނެ ގޮތް ހަދަނީ

އެސްޓީއޯ ހެންވޭރު ފާމަސީގައި އެތަނުގެ ބައެއް މުވައްޒަފުން-- ފައިލް ފޮޓޯ

ރާއްޖެއަށް ހެޔޮ އަގެއްގައި ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއެކު ކުރައްވާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ނިމިގެންދިޔަ ޑަބްލިއުއެޗްއޯ ދެކުނުއިރުމަތީ އޭޝިއާގެ 70 ވަނަ ސަރަހައްދީ ބައްދަލުވުން ނިންމާލެއްވުމަށްފަހު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބައްދަލުވުމުގެ ތެރެއިން ސްރީ ލަންކާ އަދި އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް ހެޔޮ އަގުގައި ބޭސް ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

"ޑަބްލިއުއެޗްއޯއިން ވަނީ އިންޑިއާ އާއި ސްރީލަންކާ އޮންބޯޑްކޮށްގެން މިހާރަށްވުރެ އަގުހެޔޮކޮށް ބޭސް އަޅުނގަޑުމެންނަށް ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭއްވި ޑަބްލިއުއެޗްއޯ ދެކުނުއިރުމަތީ އޭޝިއާގެ 70 ވަނަ ސަރަހައްދީ ބައްދަލުވުން ނިންމާލެއްވުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ނާޒިމް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ އަފްރާހް

ލަންކާއަކީ އަގު ހެޔޮކޮށް ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކޮށްފައިވާ ގައުމެއްކަން ފާހަގަކޮށް މިނިސްޓަރު ނާޒިމް ވިދާޅުވީ އާސަންދައިގެ ދަށުން ރައްޔިތުންނަށް ހިލޭ ބޭސް ފޯރުކޮށްދެމުން ދިޔަ ނަމަވެސް، ރާއްޖޭގެ އެކިއެކި ފާމަސީތަކުން ވިއްކާ ބޭހުގެ އަގުތައް ތަފާތު ކަމަށެވެ.

ނަމަވެސް ޑަބްލިއުއެޗްއޯގެ ލަފައާއެކު މާރުކޭޓުގައި ބޭސްތަކުގެ އަގުތައް ހިމެނޭ ލިސްޓެއް ހަދާ އަގު ކޮންޓްރޯލް ކުރުމުން، ބޭހުގެ އަގުހެޔޮވެ ވަކި ބޭސްތަކެއްގެ ސްޓޮކް ހުސްނުވެ ލިބޭނެ ގޮތް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެކަމުގެ ސަބަބުން އެސްޓީއޯ އިން ގަންނަ ބޭހުގެ އަގުތައް ހެޔޮވެ، ބޭހަށް އާސަންދައިން ކުރާ ހަރަދު ކުޑަވެގެންދާނެ ކަމަށާއި ކުޑަވާ ހަރަދު ގައުމުގެ އެހެން ކަންތައްތަކަށް ބޭނުން ކުރެވިގެންދާނެ ކަމަށެވެ.

"މިހާރު ވެސް އެކި ފާމަސީތަކުގައި ހުންނާނެ އެކި ބޭސްތައް އަގު ތަފާތުކޮށް. ނަމަވެސް އާއްމު ރައްޔިތުންނަށާއި ބޭސް ވިއްކާ ފަރާތްތަކަށް އަދި އާސަންދަ އަށް ވެސް މާރުކޭޓުގައި ވަކި ބާވަތެއްގެ ބޭސް އުޅެނީ މި އަގުތަކުގައި އުޅޭ ލިސްޓެއް ގާއިމުކުރުމަށް މަޝްވަރާ ކުރެވުނު،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ ނިޒާމް ގާއިމު ކުރެވޭނެ ވަކި މުއްދަތެއް ވިދާޅުވާން ދަތިކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް