މުހައްމަދު ބިން ސަލްމާން ވަރަށް އަވަހަށް ސައޫދީ ރަސްކަމާ ހަވާލުވެ ވަޑައިގަންނަވަނީ!

ރިޔާޒް (ސެޕްޓެމްބަރު 10): ސައޫދީ ވަލީއުލްއަހްދު އަދި ސަލްމާން ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން ވަރަށް އަވަހަށް ސައޫދީ ރަސްކަމާ ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ޓީވީ ޗެނެލް އެއްކަމަށްވާ ސީއެންބީސީ ބުނެފިއެވެ.

ސައޫދީ ޝާހީ އާއިލާގެ ވަރަށް އިސް ބޭފުޅަކަ ހަވާލާދީ ސީއެންބީސީ ބުނގޮތުން ސަލްމާން ރަސްގެފާނު ބޭނުންފުޅުވަނީ ވީއެންމެ އަވަހަކަށް ދަރިކަލުން މުހައްމަދު ބިން ސަލްމާން އާ ރަސްކަން ހަވާލުކުރެއްވުމަށެވެ. ސަބަބަކީ މުހައްމަދު ބިން ސަލްމާން އާ އިދިކޮޅު ބައެއް ފަރާތްތައް ޝާހީ އާއިލާގައި ތިބުމާއެކު ރަސްކަން ހަވާލުނުކުރަނީސް ސަލްމާން ރަސްގެފާނު އަވަހާރަވެއްޖެ ނަމަ ޝާހީ އާއިލާގެ އިސް ބޭފުޅުންގެ ތެރޭގައި ވެރިކަމުގެ ކޯޅުމެއް ހިނގުމަށް މަގުފަހިވެދާނެތީއެވެ.

ސައޫދީ ރަސްކަމުގެ ނިޒާމު ފުރޮޅާލަން ސަލްމާން ރަސްގެފާނު ބޭނުންފުޅުވަނީ އޭނާގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ރަސްކަމުގެ ނިޒާމު ފުރޮޅާލުންކަމަށް ސަލްމާން ރަސްގެފާނު ނިންމަވާ ނިންމެވުންތަކުން ވަރަށް ރަނގަނޅަށް ހާމަވެއެވެ. ސައޫދީ ރަސްކަމުގެ ނިޒާމު ބައްޓަންކޮށްފައިވާ އަސާސީ ގާނޫނު ބުނަނީ އެގައުމުގެ ރަސްކަމުގެ މަގާމަށް އިސް ކުރެވޭނީ ސައޫދީ ރަސްކަމުގެ ނިޒާމުގެ މުއައްސިސް ކިންގް އަބްދުލްއަޒީޒް އާލް ސުޢޫދުގެ ފިރިހެން ދަރިންނާއި ކާފަދަރިންގެ ތެރެއިން ފިރިހެން ދަރިންނެވެ.

ކިންގް އަބްދުލްއަޒީޒްގެ ފިރިހެން ދަރިންގެ ތެރޭގައި ސަލްމާން ރަސްގެފާނަށްފަހު ރަސްކަން ކުރެވޭވަރުގެ ލަޔާގަތާއި ގާބިލިއްޔަތު ހުރި ބޭފުޅެއްނެތް ކަމާއި އަބްދުލްއަޒީޒްގެ ފިރިހެން ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުން ގެ އުމުރު މަތިކަމުންނާއި އާލާސްކަންފުޅުގެ ބޮޑުކަމުން އެއިން އެއްވެސް ބޭފުޅަކީ ރަސްކަމުގެ ޒިންމާތައް އަދާކުރެއްވޭވަރުގެ ބޭފުޅުން ނޫންކަމަށް ވެއެވެ.

ސައޫދީ ޝާހީ އާއިލާ އާ ގުޅުންތައް ބޮޑު އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޔޫރޭސިޔާ ގްރޫޕްގެ މެދުއިރުމަތީގެ ގޮފީގެ ވެރިޔާ އައިޔަމް ކާމިލް ވިދާޅުވެފައިވާ ގޮތުން މި ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނޫނީ އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅު މުހައްމަދު ބިން ސަލްމާން އާ ރަސްކަން ހަވާލުކުރެއްވުމަށް ސަލްމާން ރަސްގެފާނު ވަނީ ނިންމަވާފައެވެ. ޝާހީ އާއިލާގެ ތެރެއިން އިތުރު މައްސަލައެއް ކުރިމަތިނުވާނަމަ މި ދެ ތާރީޚުން ކުރެ ކޮންމެވެސް އެއްތާރީޚެއްގައި މުހައްމަދު ބިން ސަލްމާނަށް ރަސްކަމުގެ ބައިއަތު ހިފުން ރަސްމީގޮތެއްގައި ބާއްވާނެއެވެ.

އަނެއްކޮޅުން ސައޫދީން ދެހާސް ސޯޅަ ވަނައަހަރުގެ ކުރީކޮޅު އެކުލަވާލި ސައޫދީ "ވިޝަން 2030 "ގެ މޭސްތިރިއަކީ މުހައްމަދު ބިން ސަލްމާން އެވެ. ނަމަވެސް އެ ޕްލޭން ތަންފީޒު ކުރުމަށް ސައޫދީގެ އެތެރޭން ކުރިމަތިވާ ހުރަސްތަކާ ގުޅިގެން ބިން ސަލްމާން ވަނީ އެޕްލޭނަށް ބައެއް ބަދަލުތައް ގެނައުމަށް އެއްބަސްވެ ވަޑައިގެންފައެވެ. އިނގިރޭސިވިލާތުގައި ޝާއިޢުކުރާ ފައިނޭންޝަލް ޓައިމްސް ނޫހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ސައޫދީ "ވިޝަން 2030 " އެކުލަވާލާފައިވަނީ ސައޫދީ އިގްތިސާދު ތެލަށް ބަރޯސާވާ މިންވަރު 90 އިންސައްތައިން 50 އިންސައްތައަށް ކުޑަ ކުރުމަށެވެ. މިގޮތަށް ކުޑަކުރަށް އެޕްލޭންގައި އެކަށައަޅާފައިވާ ގިނަ ކަންކަމަށް ސައޫދީ އާންމުންނާއި އެގައުމުގެ ރަސްކަމުގެ ނިޒާމު ދެމެހެއްޓުމުގައި އިސް ދައުރެއް އަދާކުރާ ސަލަފީ ފިކުރުގެ ދީނީ އިލްމުވެރިންގެ ތާއީދު ނެތުމަކީ ދިގުމުއްދަތުގެ މި ޕްލޭނަށް ބަދަލުގެންނަން މުހައްމަދު ބިން ސަލްމާން ނިންމެވި މައިގަނޑު ސަބަބު ކަމަށް "ފައިނޭންޝަލް ޓައިމްސް" ބުނެއެވެ.

ސައޫދީ މުޖްތަމައު އަދި އޮތީ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ އިސްލާހްތައް ބަލައިގަންނަ ވިސްނުމުގައި ނޫންކަމަށްވެސް އެނޫސް ބުނެއެވެ.

"ވިޝަން 2030 "ގައި ސައޫދީ ސަރުކާރުގެ ގިނަ ކުންފުނިތަކާއި ބައެއް ސެކްޓަރުތައް ޕްރައިވެޓައިޒް ކުރުމާއި ބޭރު މީހުންނަށް ޝަރުތުތަކާއެކު ސައޫދީގެ ރަށްވެހިކަން ދިނުމާއި ޔޫރަޕްގައި އޮންނަ ފެންވަރަށް ސައޫދީ ބައެއް ޚާއްސަ ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރުމާއި މިހާރު ސަރުކާރުން ރައްޔިތުންނަށް ދޭ ބައެއް ސަބްސިޑީތައް ކަނޑާލުން ހިމެނެއެވެ.

މީގެއިތުރުން ސައޫދީ މުޖްތަމައުގައި ދީނުގެ ނަމުގައި ހިފަހައްޓަމުން ގެންދާ ބައެއް އާދަކާދަތައް ހިފެހެއްޓުމަށް ސަރުކާރުން މިހާރު އަޅާގޮތަށް ބާރުނޭޅުންވެސް މި ޕްލޭން ތަންފީޒު ކުރުމުގެ އިޖުރާއާތުގައި ވެއެވެ. (ސީއެންބީސީ)

comment ކޮމެންޓް