ޖަލުން އެކަށީގެންވާ ފަރުވާ ނުލިބި، އީރާން ނޫސްވެރިއެއްގެ ލޮލަށް ކެންސަރު ޖެހިއްޖެ

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ރަޖައީ، ހޮސްޕިޓަލެއްގެ އެދެއްގެ މަތީގައި ---

ޖަލުގައި އޮތް ދުވަސްވަރު އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އިރާނުގެ މަޝްހޫރު ނޫސްވެރިއެއްގެ މޫނާއި ލޮލުގެ ބަޔަކަށް ސައިނަސް ކެންސަރު ޖެހި، އެއް ލޯ ހަލާކުވެއްޖެއެވެ.

އުވާލާފައިވާ އީރާނުގެ އެތައް ނޫހެއްގެ ކުރީގެ ޕޮލިޓިކަލް އެޑިޓަރުކަން ކޮށްފައިވާ އުމުރުން 54 އަހަރުގެ އަލީ ރިޒާ ރަޖައީ އަކީ އީރާނުގެ ގައުމީ ސަލާމަތާ ދެކޮޅަށް މަސައްކަތްކުރާ ކަމަށާއި ދައުލަތާ ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުމުގެ ތުހުމަތުކޮށް ހަތަރު އަހަރަށް ޖަލަށް ލީ ނޫސްވެރިއެކެވެ.

ރަޖައީއަށް ކެންސަރު ޖެހިފައިވަނީ 2015 އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖަލު ހުކުމުން މިނިވަންވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އޭނާގެ ދަތްދޮޅިއާއި ކަނާތު ލޯ އަދި އަނގަމައްޗަށް ކެންސަރުގެ އަސަރު މިހާރު ކޮށްފައިވާއިރު ހަ ފަހަރެއްގެ މަތިން ކީމޯތެރަޕީ އަދި ލޮލުގެ ލޭޒާ ތެރަޕީ ސެޝަންތަކެއް ވަނީ ނަގާފައެވެ.

އީރާނުގެ އެކްޓިވިސްޓުން ބުނާ ގޮތުގައި، ޖަލުގައި އޮތްއިރު ބޭސްފަރުވާއަށް އެދި ތަކުރާރުކޮށް ރަޖައީ އެދުނު ނަމަވެސް ފަރުވާ ދިނުމަށް ޖަލުން ވަނީ ދެކޮޅު ހަދައިފައެވެ.

ރަޖައީގެ މައްސަލަ ބަލަމުންދާ އިރާނުގެ އިދާރާތަކުގެ އަމަލުތައް ކުށްވެރިކޮށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޖައީއަށް އެކަށީގެންވާ ފަރުވާ ދެވިފައިނުވާތީ އެކަމުގެ ޒިންމާ އިރާނުގެ ޖުޑީޝަރީން އުފުލަންޖެހޭނެ ކަމަށެވެ.

"ރަޖައީގެ އަންހެނުން ލެއިލާ ލިއާގަތް މައުލޫމާތުދޭ ގޮތުގައި، ރަޖައީއަށް ކެންސަރު ޖެހިފައިވަނީ ޖަލުގައި އޮތްއިރު. އަދި ކަމާބެހޭ އިދާރާތަކުން އޭނާއަށް އާއްމު ހޮސްޕިޓަލަކުން ފަރުވާ ދިނުމަށް ވަނީ ދެކޮޅު ހަދާފައި،" އައިއެފްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އިރާނުގެ ހިއުމަން ރައިޓްސް ސެންޓަރަށް ރަޖައީއާއެކު ޖަލުގައި އުޅުނު އެހެން ގައިދީއަކު ވެސް ވަނީ، ރަޖައީގެ ކަނާތު ލޯ އަދި ދަތްދޮޅީގައި ރިއްސާ ކަމުގެ ޝަކުވާ ކޮންމެ ދުވަހަކު ކުރަމުންދިޔަ ކަމަށް ބުނެފައެވެ. އަދި އެކަމުގައި ޖަލުގެ ޑޮކްޓަރުންނަށް ދެއްކުމުން އޭނާގެ އެއްވެސް ބައްޔެއް ނެތްކަމަށް ބުނެ ޕެއިންކިލާސް ދީފައިވާ ބުނެފައިވެއެވެ.

ރަޖައީގެ މައްސަލައިގާ ތުހުމަތުގެ އިނގިލި އިރާނުގެ ޖުޑީޝަރީއަށް އަމާޒު ވަމުންދިޔަ ނަމަވެސް އެތަނުގެ ތަރުޖަމާން ގޮލަމް ހުސެއިން މުހްސެނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. ތަރުޖަމާން ވިދާޅުވި ގޮތުގައި، ރަޖައީއަށް ކެންސަރު ޖެހުނީ އޭނާގެ ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު ކަމަށެވެ.

ރަޖައީގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށްލާ ގައުމުގެ ގޮތުގައި ފާހަގަކުރެވޭ އިރާނުގެ ޖަލު ތަކުގައި ހައްޔަރުކޮށްފައި ތިބޭ ސިޔާސީ ކުށްވެރިންގެ ސިއްހީ ހާލަތާމެދު އެގައުމުގެ ހިއުމަން ރައިޓްސް ސެންޓަރުންނާއި އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަންކަން ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް