ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފިއެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:30 އަށެވެ. އިބްތިތާއީ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ކަމެއް ހުށަހަޅަން ބޭނުންވާނަމަ އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ދައުލަތުން އެދިގެން އެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފައިވާ ކަމަށެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނަކީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއިލް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަރާލިއިރު އޭނާ ދިރިއުޅޭ މ. ސްޕެކްޓިކިއުލާގެ ކައިރީ ފާރައަށް ހުރީ މ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަނެއް ހަ މީހުންނަކީ ގދ. ގައްދޫ ސިންދުބާދުގެ މުހައްމަދު ދިފްރާން އާއި މ. ކުދެހިގެ ހަސަން ޝިފާޒުގެ އިތުރުން މ. ކޮޅުފުށި އީސްޓް ހަސަން ޒިޔާދެވެ.

މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލި މީހުން ގަބޫލުކުރާގޮތުގައި އޭނާ އަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގެ އަޑީގައި ތިބި މީހުން ވެސް އެނގޭ ކަމަށާއި އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގައި ސިޔާސީ ކަމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް