ސިއްހީ ކުރިއެރުންތައް ފާހަގަކޮށް ޑަބްލިއުއެޗްއޯގެ އެކްސެލެންސް އެވޯޑް ރާއްޖެއަށް

ސިއްހީ ކުރިއެރުންތައް ފާހަގަކޮށް ޑަބްލިއުއެޗްއޯގެ އެކްސެލެންސް އެވޯޑް ރާއްޖެއަށް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމަށް ޑރ. ޕޫނަމް އެވޯޑް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ހެލްތު މިނިސްޓްރީ

އާއްމު ސިއްހަތުގެ ރޮނގުން ރާއްޖޭން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންދޭ އެކްސެލެންސް އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

އެ އެވޯޑް ރާއްޖެއަށް ލިބިފައިވަނީ، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯ ދެކުނުއިރުމަތީ އޭޝިއާގެ 70 ވަނަ ސަރަހައްދީ ބައްދަލުވުމުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ރާއްޖެއަށް އެ އެވޯޑް ހަވާލު ކޮށްދެއްވީ، މި ސަރަހައްދަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕަލް ސިންހާ އެވެ. އަދި އެ އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ، އެކިކަހަލަ ބަލިތައް ނައްތާލުމުގައި ރާއްޖޭއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯ ދެކުނުއިރުމަތީގެ 11 ގައުމެއްގެ ތެރެއިން މެލޭރިއާ އެއްގޮތަކަށް ވެސް ނެތް ކަމަށް ކަނޑައެޅި ފުރަތަމަ ގައުމަކީ ވެސް ރާއްޖެކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

މަދިރިން ފެތުރޭ ބައްޔެއް ކަމަށްވާ މެލޭރިއާ ބަލި އެއްގޮތަކަށް ވެސް ނެތް ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާންކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

އަދި މަދިރީގެ ސަބަބުން ފެތުރޭ ފައިލޭރިއާ ނުވަތަ ފައިފަލަ ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ރާއްޖެއިން 2016 ވަނަ އަހަރުގެ ތެރޭގައި ލިބިފައިވާއިރު، ރާއްޖެއަކީ ހިމަބިހި ނުވަތަ މީސަލްސް ނައްތާލާފައިވާ ގައުމެއް ކަމުގައި ކަނޑައަޅާފައިވަނީ މިއަހަރުގެ ތެރޭގައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، ބަލިތައް ނައްތާލުމުގެ އިތުރުން ސިއްހީ ދާއިރާގައި ވެސް ރާއްޖޭން ގިނަ ކުރިއެރުންތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ސަރަހައްދުގައި ވެސް ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއް ކުރާ ގައުމަކީ ރާއްޖެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ވެސް ރާއްޖެއިން ބޮޑު އިސްކަމެއް ދޭކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

އޭގެ އިތުރުން، ކޮންމެ ރަށެއްގައި ދައުލަތުން ހިންގާ ބޭސް ފިހާރައެއް ހުންނައިރު، ސަރުކާރުގެ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ރައްޔިތު މީހާގެ އަމިއްލަ ޖީބުން ކުރާ ހަރަދު 45 ޕަސެންޓުން 30 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަދި ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުވެ ދިމާވަމުންދާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކާ ރާއްޖެއަށް އެތެރެކުރާ ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކޮށްފައިވާ ކަން ފާހަގަކުރެއެވެ.

comment ކޮމެންޓް