މަސްތުގެ ހާލަތުގައި ހުރެ، ރޫނީ ކާރު ދުއްވި މައްސަލާގައި އެވަޓަން ކޯޗު ރަތަށް!

އެވަޓަންގެ ކޯޗު ރޮނަލްޑް ކޮއެމަން ---

އެވަޓަންގެ ފޯވާޑް ވޭން ރޫނީ ބަނގުރާ ބޮއެގެން ހުރެ ކާރު ދުއްވި މައްސަލާގައި އެ ޓީމުގެ ކޯޗު ރޮނަލްޑު ކޮއެމަން ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ރޫނީ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވިލްމްސްލޯވްގެ އަލްޓްރިންޗަމް މަގުންނެވެ. އޭރު އޭނާ ދުއްވަމުން ދިޔައީ ކަޅުކުލައިގެ ވީޑަބްލިއު ބީޓަލް ބްރޭންޑުގެ ކާރެކެވެ.

ކޮއެމަން ބުނީ، އެ މައްސަލައާ ގުޅިގެން ރޫނީއާ ވާހަކަ ދައްކާފައި ވާނެ ކަމަށާއި ރަނގަޅު ވަގުތު ޖެހުމުން ކްލަބުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވާ އަދަބު އޭނާއަށް ދެވޭނެ ކަމަށެވެ.

"މިދިޔަ އަންގާރަ ދުވަހު އަހަރެން ވާނީ ރޫނީއާ ވަހަކަ ދައްކާފައި. އަދި އޭގެ ފަހުން ކްލަބުގެ ޗެއާމަން ބިލް ކެންރައިޓް ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ރޫނީއާ ވާހަކަ ދައްކާފައި. ރަނގަޅު ވަގުތު ޖެހުމުން ކްލަބުގެ ތެރެއިން ރޫނީއަށް އަދަބު ދެވޭނެ،" ކޮއެމަން ބުންޏެވެ.

އުމުރުން 31 އަހަރުގެ ރޫނީގެ މައްޗަށް ފުލުހުން އުފުލާފައިވާ ދައުވާ އަކީ މަސްތުގެ ހާލަތުގައި ހުރު ދުއްވަން ޖެހޭ ލިމިޓަށް ވުރެ ބާރަށް ދުއްވި ކަމުގެ ދައުވާއެވެ.

ރޫނީ ހައްޔަރު ކުރި ނަމަވެސް ކާފަލާގެ ދަށުން މިހާރު އޭނާ ވަނީ ދޫކޮށްލައިފައެވެ. އަދި އެ މައްސަލައިގެ އަޑު އެހުމަށް މި މަހުގެ 18 ވަނަ ދުވަހު ސްޓޮކްޕޯޓް މެޖިސްޓްރޭޓު ކޯޓަށް ހާޒިރުވާން ރޫނީއަށް ވަނީ އަންގައިފައެވެ.

comment ކޮމެންޓް