ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން 11 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ރަށްތަކުގެ ތެރެއިން އާދަޔާ ހިލާފު ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފުވައްމުލަކު ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުވައިތު ފަންޑުން 3.6 މިލިއަން ކުވައިތު ދީނާރު (11 މިލިއަން ޑޮލަރު)ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ޖުމްލަ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. އެ މަޝްރޫގެ ދެބައިކުޅަ އެއްބައި ހަރަދު ކުރަނީ ކުވައިތު ފަންޑުން ލޯނު ނަގައިގެންނެވެ.

އެ މަޝްރޫއަށް ބޭނުންވާ 11 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށްފަހު، ފިނޭންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަށް ވެސް ވަނީ އެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ފުވައްމުލަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ: އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައެއް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މެމްބަރުންނާ ހިއްސާކުރި ލޯނުގެ ތަފްސީލުތަކުގައިވާ ގޮތުން އެ ލޯނު ދައްކައި ހަލާސް ކުރަންޖެހޭނީ ލޯނު ނަގާތާ 25 އަހަރު ދުވަހުގެ ތެރޭގަ އެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 1.5 ޕަސެންޓެވެ.

ކަނޑުގެ އެއްވެސް ނިވަލެއް ނެތި ހޮޅިނަގައި އަންނަ ރާޅުގެ ދިފާއެއް ނެތި، ފުވުއްމުލަކު ގޮނޑުދޮށަށް ބިންދަމުންދާ ރާޅުތަކުގެ ސަބަބުން އެ ރަށް ގިރަމުންދާ މައްސަލައަކީ ޒަމާންވި މައްސަލައެކެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި އެ ރަށުގެ ގޮނޑޮދޮށް ހިމަޔާތް ކުރުމަށްޓަކާ 339 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ހިންގަން ނިންމީ އެ ރަށަކީ ދަނޑުވެރިކަމަށް ރަނގަޅު ރަށަކަށްވެފައި ރަށް ގިރުމުގެ ސަބަބުން ދަނޑުވެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެތީ އާއި އެ ރަށުގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށެވެ.

ފުވައްމުލަކަކީ މީހުން އާބާދުވާ މިންވަރު އިތުރުވާ ރަށަކަށްވުމާއި ވިޔަފރި އާއި އިންވެސްޓްމަންޓުތަކަށް ފަހި މާހައުލެއް އޮތް ރަށަކަށްވާތީ، އެ ރަަށުގެ މުސްތަގުބަލައްޓަކާ ރަށްގިރުމުގެ މައްސަލައަކަށް ހައްލެއް ގެންނަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ލިޔުންތަކުގައިވެ އެވެ.

comment ކޮމެންޓް