އަމިއްލަ ލެޔާއި ކަރުނައިގެ ކޯރަށް ގެނބެމުން ދާ ރޮހިންގާ މުސްލިމުން

ރޮހިންގާ މުސްލިމުންނަކީ ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމެއް ކަމަށް ވާ މިޔަންމާރ ނުވަތަ ބަރުމާގެ ހުޅަނގު އައްސޭރީގައި އޮންނަ ރަކީން ނުވަތަ އަރަކާން ސްޓޭޓުގެ އުތުރު ސަރަޙައްދަށް ނިސްބަތް ވާ ޖަމާޢަތެކެވެ. އެމީހުން ހިމެނެނީ 50 ވަރަކަށް މިލިއަން މީހުން ދިރިއުޅޭ، 87 އިންސައްތަ ބުޑިސްޓް އާބާދީއެއް އޮންނަ، ބަރުމާގެ ރައްޔިތުންގެ 4 އިންސައްތަ ގުނާ ބައިމަދު މުސްލިމުންގެ ތެރޭގައެވެ. ރަކީނަކީ ބަރުމާގެ އެންމެ ފަޤީރު އެއް ހިސާބެވެ. އެ ސްޓޭޓުގެ ދެކުނު ސަރަޙައްދުގައި ބުޑިސްޓުން ވެސް ދިރިއުޅެއެވެ. ނަމަވެސް، ރަކީން ސްޓޭޓުގައި، ރޮހިންގާ މުސްލިމުންނަކީ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތަ އާއި 95 އިންސައްތައާ ދެމެދުގެ މެޖޯރިޓީއެކެވެ. 2013 އާ ހަމަޔަށް އައި އިރު ރަކީނުގެ ރޮހިންގާ މުސްލިމް އާބާދީގެ ޢަދަދަކީ ގާތްގަނޑަކަށް 1.23 މިލިއަނެވެ. ނަމަވެސް، ބެލެވޭ ގޮތުގައި މިހާރު އެ ޢަދަދު ވަނީ 1.1 މިލިއަނަށް ދަށް ވެފައެވެ.

ރޮހިންގާ މުސްލިމުން ބުނާ ގޮތުގައި، އަދި ގިނަ ދިރާސާވެރީން ވިދާޅުވާ ގޮތުގައި، ރޮހިންގާ މުސްލިމުންގެ ޤަދީމީ ވަޒަނަކީ ރަކީނެވެ. މީލާދީން 1100 ގެ އަހަރުތަކާ ހަމަޔަށް އައި އިރު ވެސް، ރަކީނުގައި ރޮހިންގާ މުސްލިމުން ދިރިއުޅެމުން ދިޔަ ކަން، ފެންނާން ހުރި ތާރީޚީ ހެކިތަކުން އެނގެއެވެ. ރަކީނަކީ ޒަމާނެއްގައި ރަސްކަމެއްގެ ގޮތުގައި ވެސް އޮތް ތަނެއް ކަމާއި، އެ ތަން ބަރުމާގެ ރަސްކަމުގެ ދަށަށް ގެންދެވުނީ، ބޯ ޑޯވ ޕާހޔާ މައުންގ ވެއިންގގެ ރަސްކަމުގައި، 1784 ވަނަ އަހަރު ބުޑިސްޓުން ކުރި އަނިޔާވެރި ހަނގުރާމައެއްގައި ކަން ވެސް އެއީ ތާރީޚު ދައްކާ ޙަޤީޤަތެކެވެ.

ނަމަވެސް ބަރުމާގެ ހަރުކަށި ބުޑިސްޓް ރައްޔިތުންނާއި އެ ޤައުމުގެ ސަރުކާރުގެ ވާހަކަ ތަފާތެވެ. އެވެރީން ދެކޭ ގޮތުގައި، ރޮހިންގާ މުސްލިމުންނަކީ މީލާދީން 1824 އިން ފެށިގެން 1948 އަށް އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި، އިނގިރޭސި އިންޑިޔާގެ އިދާރީ ބައެއްގެ ގޮތުގައި ބަރުމާ އޮތް ދުވަސްވަރުގައްޔާއި، 1948 ގެ އިންޑިޔާ ޕާކިސްތާނު ހަނގުރާމައިގެ ތެރޭގައްޔާއި، 1971 ގެ ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގެ ތެރޭގައި، ވަގަށް ނުވަތަ ނުހައްގު ގޮތްގޮތުން ބަރުމާއަށް އެތެރެ ވެގަނެގެން، އެ ޤައުމުގައި އުޅެމުން އަންނަ ބެންގާލީ ނަސްލުގެ ބިދޭސީ ޖަމާޢަތެކެވެ.

އިނގިރޭސި އިސްތިޢުމާރުގެ ޒަމާނުގައި ބެންގާލީ މަސައްކަތު މީހުން ބަރުމާޔަށް ގެންދިޔަ ކަމީ، އަދި 1948 އާއި 1971 ގެ ހަނގުރާމައިގެ ތެރޭގައި ހަނގުރާމައިގެ މުޞީބާތްތަކުން ސަލާމަތް ހޯދުމަށް ޓަކައި، ބަންގްލަދޭޝްގެ ރައްޔިތުންގެ ނުހަނު މަދު ޢަދަދެއްގެ މީހުން ބަރުމާޔަށް ވަން ކަމީ ޙަޤީޤަތެވެ. ނަމަވެސް ބަރުމާގެ ސަރުކާރާއި ބުޑިސްޓް ހައްދުފަހަނައެޅީން ހަދާ ދޮގަކީ، ރޮހިންގާ މުސްލިމުންނަކީ ބަންގްލަދޭޝް އިން އެތެރެ ވެގެން އުޅޭ ބައެއް ކަމަށް ބުނާ ބުނުމެވެ. މި ދޮގު ހަދައި ފެތުރުމުގެ މަޤުޞަދަކީ ރޮހިންގާ މުސްލިމުންގެ ނަސްލު ނެތި ކޮށްލުމުގެ ސިޔާސަތަށް އަސާސެއް ގާއިމު ކުރުމެވެ. އެމީހުންނަކީ "އޭލިއަން ބިދޭސީންތަކެއް" ކަމުގައި ހަދައި، އެމީހުންގެ ވަސް ބަރުމާއިން ފޮހެލުމަށް ޓަކައި ހިންގާ ޖަރީމާތަކަށް ބަހާނާ ހޯދުމެވެ. ޙަޤީޤަތުގައި، ބެންގާލުން ބަރުމާއަށް އެތެރެ ވި މީހުންނަކީ، ބަލާބެލުމަށް ރޮހިންގާ މުސްލިމުންނާ ދާދި އެއް ސިފަގަނޑެއް ހުއްޓަސް، ރޮހިންގާ މުސްލިމުންނާ މުޅީން ތަފާތު ބައެކެވެ.

ބަރުމާ މިނިވަން ވީއްސުރެ، އެ ޤައުމުގެ ސަރުކާރުން ރޮހިންގާ މުސްލިމުންނާ މެދު ގެންގުޅެމުން އައީ ނަސްލީ އަދި ދީނީ އިމްތިޔާޒާއި ނަފުރަތުގެ ސިޔާސަތެކެވެ. އެ ސިޔާސަތަށް ބައި ޤަރުނު ވުމަށް ފަހު، މިއަދު ރޮހިންގާ މުސްލިމުންގެ ޙާލުގެ ހިތްދަތި ވާހަކަ މި ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. ސޯޝަލް މީޑިޔާގެ އުސް މަންސައިގެ ހޫނު މައުޟޫޢަކަށް އެ ވާހަކަ ވަނީ ވެފައެވެ. އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިރާސާ ކުރައްވާ ވަރަށް ގިނަ ބޭފުޅުންނާއި އަލިފުދާލު ފަދަ ޖަމާޢަތްތަކުން މިހާރު ބުނަނީ، ރޮހިންގާ މުސްލިމުންނަކީ މިއަދުގެ ދުނިޔޭގައި އެންމެ ބޮޑަށް އަނިޔާ ލިބިފައި ވާ، އެންމެ ނިކަމެތި ޙާލުގައި ދިރިއުޅޭ ބައިމަދު ޖަމާޢަތް ކަމަށެވެ.

ނަސްލީ އަދި ދީނީ ނަފުރަތު

ރޮހިންގާ މުސްލިމުންނާ މެދުގައި ބުޑިސްޓް ޖަންތާ އާއި ރައްޔިތުން ގެންގުޅޭ ޢަދާވާތްތެރިކަމާއި ދުޝްމަންކަން ގުޅިފައި ވަނީ، ފެންނަ ފެނުމުގައި، ދެ ސަބަބަކާއެވެ. އެއް ސަބަބަކީ ނަސްލީ ނަފުރަތެވެ. ދެވަނަ ސަބަބަކީ ދީނީ ނަފުރަތެވެ.

ޓިބެޓޯ-ބާރމަން ނަސްލަށް ނިސްބަތް ވާ ބަރުމާގެ ބުޑިސްޓް މެޖޯރިޓީއާ ޚިލާފަށް، ރޮހިންގާ މުސްލިމުންނަކީ އަވަށްޓެރި ބަންގްލަދޭޝަށް ނިސްބަތް ވާ ބެންގާލީންނެކޭ އެއްފަދައިން އިންޑޯ-އާރްޔަން އަސްލަށް ނިސްބަތް ވާ ނަސްލެކެވެ. ކުރީން ވެސް އިޝާރާތް ކުރެވުނު ފަދައިން، އެ މީހުންގެ ބޭރުފުށުގެ ސިފަގަނޑު ވެސް ވައްތަރީ ބެންގާލީންނާއެވެ. އެހެންކަމުން، ބަރުމާގެ މެޖޯރިޓީ ދެކޭ ގޮތުގައި، ރޮހިންގާ މުސްލިމުންނަކީ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް، "ނަސްލީ ބިދޭސީން" ނެވެ. ބަރުމާގެ ޖަންތާ އާއި ބުޑިސްޓް ހައްދުފަހަނައެޅީން ރޮހިންގާ މުސްލިމުންނާ މުޚާތަބު ކުރަނީ ވެސް "ބެންގާލީ" މި ނަމުންނެވެ. އެފަދަ "ބިދޭސީންގެ" ބަޔަކު ބަރުމާގެ ފަސްގަނޑު ޙިއްޞާ ކުރުމަކީ، ޤައުމުގެ ބުޑިސްޓް ވެރީންނާއި ރައްޔިތުންގެ ގިނަ ބަޔަކަށް އެއްގޮތަކަށް ވެސް ޤަބޫލު ކުރެވޭ ފަދަ ކަމަކަށެއް ނުވެއެވެ.

ދެން އޮތީ ދީނީ ޙަސަދަޔާއި "އިސްލާމޯފޯބިއާ" ގެ ވާހަކައެވެ. އިސްލާމް ދީނަށާއި މުސްލިމުންނަށް ނަފުރަތު ކުރުމަކީ ބަރުމާގެ ބުޑިސްޓް ޖަންތާގެ ބަސްތަކާއި ޢަމަލުތަކުން ވަރަށް ބޮޑަށް ފެންނަ ކަމެކެވެ. އެފަދަ އެއް މިސާލަކީ، މިހާރު ބަރުމާގެ ސްޓޭޓް ކައުންސެލަރގެ މަޤާމުގައި ހުންނެވި، އަދި ރޮހިންގާ މުސްލިމުންނަށް ކުރެވޭ އަނިޔާތަކުގެ މައްސަލައިގައި، ފާޑުކިޔުންތަކުގެ އަމާޒުފަތްގަނޑަކަށް ވެވަޑައިގެންފައި ވާ ޑޯވ އާންގ ސަން ސޫ ޗީއެވެ. 2013 ވަނަ އަހަރުގެ ތެރޭގައި، ބީބީސީގެ ރޭޑިޔޯ 4 ގެ "ޓުޑޭ" ޕްރޮގްރާމުގެ އެޕިސޯޑެއްގައި، ބީބީސީގެ ނޫސްވެރިޔާ މިޝާލް ހުސައިން ސޫ ޗީއާ ކުރި އިންޓަރވިޔުއަށް ފަހު، ސޫ ކީ ވަނީ ނުރުހުމާ އެކު، ޕްރޮގްރާމުގެ ޓީމުގެ އިސް މުވައްޒަފުންނަށް މޮއްޓަވައި، "މުސްލިމަކު ލައްވައި އަހަންނާ އިންޓަރވިޔު ކުރުވާން އުޅޭ ވާހަކަ އެކަކު ވެސް ނުބުނެޔޭ" ވިދާޅުވެ ޝަކުވާ ކުރައްވައިފައެވެ.

ބަރުމާގެ ބުޑިސްޓުންގެ ދީނީ ނަފުރަތްތެރިކަން ދައްކުވައިދޭ އެންމެ ބޮޑު އަނެއް ހެއްކަކީ، ރޮހިންގާ އާބާދީއާ ދެކޮޅަށް ބުޑިސްޓު ހާމުދުރުން ހިންގަމުން ގެންދާ ނަފްރަތު ފެތުރުމުގެ ކެންޕޭންތަކާއި، ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖެނޮސައިޑުގައި އެމީހުން ކުޅޭ އިސް ދައުރެވެ. އެފަދަ ހާމުދުރުންގެ ތެރެއިން އެންމެ މަޝްހޫރު މީހަކީ "ބުޑިސްޓް ބިން ލާދިން" ގެ ގޮތުގައި މަޝްހޫރު ވެފައި ވާ އަހްޝިން ވިރަތޫއެވެ. މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދާ ޖެނޮސައިޑް ފެށުމާއި، އެ ޖެނޮސައިޑަށް ދީނީ ގޮތުން ހިތްވަރު ދިނުމުގައި އިސްކޮށް އުޅޭ އަހްޝިން ވިރަތޫ އަކީ އޭނާގެ އަމިއްލަ އިޢުތިރާފުން އެނގޭ ގޮތުގައި، އިސްލާމް ދީނާއި މުސްލިމުން ދެކެ ނަފްރަތު ކުރުމުގައި ޙައްދު ފަހަނައަޅައިފައި ހުރި މީހެކެވެ.

ޖެނޮސައިޑަށް ތަމްހީދެއް

އިނގިރޭސި އިސްތިޢުމާރުގެ ދަށުން 1948 ގައި ބަރުމާ މިނިވަން ވީއްސުރެ ވެސް، މުސްލިމުންނާ މެދު ކަންތައް ކުރެވެމުން އަންނަނީ އިހާނެތިކޮށް ކަމީ މުސްތަނަދު ކުރެވިފައި ވާ ހެކިތަކުން ސާފު ވާ ކަމެކެވެ. މިނިވަންކަން ލިބުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން، ބަރުމާގެ ޔުނިއަން ސިޓިޒަންޝިޕް ޤާނޫނު ފާސް ކުރެވުނު އިރު، އެ ޤައުމުގައި ދިރިއުޅޭ 135 ނަސްލީ ޖަމާޢަތެއް ރަސްމީކޮށް ބަލައިގެންފައި ވެއެވެ. ނަމަވެސް ރޮހިންގާ މުސްލިމުންނަކީ ބަރުމާއަށް ނިސްބަތް ވާ ނަސްލީ ޖަމާޢަތެއް ކަން އެ ޤާނޫނަކުން ބަލައެއްނުގަތެވެ. އެއާއެކުގައި މެ، ރޮހިންގާ މުސްލިމުންނަށް ޤައުމުގެ ރައްޔިތުކަން ހޯދުމަށް ފުރުސަތުތަކެއް އެ ޤާނޫނުން ލިބިދެވި، ގިނަ ޢަދަދެއްގެ މީހުންނަށް ރައްޔިތުކަން ދެވުނު ކަމާއި، މިނިވަންކަމުގެ ކުރީކޮޅުގެ ދުވަސްވަރު ރޮހިންގާ ދަރިކޮޅުގެ ބައެއް ބޭފުޅުން ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގައި މަސައްކަތް ކުރެއްވިކަން ވެސް ފާހަގަ ކޮށްލާން ޖެހެއެވެ.

ނަމަވެސް، އަހަރުތައް ފާއިތު ވަމުން އައިއައިހެން، ބުޑިސްޓް ޖަންތާގެ ތެރޭގައި ރޮހިންގާ މުސްލިމުންނާ މެދު އޮތް ނީހަވެރިކަން އައީ ކެންސަރެއް ފަދައިން ފެތުރެމުންނެވެ. 1962 ގެ ޢަސްކަރީ އިންޤިލާބަށް ފަހު، ރޮހިންގާ މުޖުތަމަޢާ ދެކޮޅަށް ސަރުކާރުން ހަރުކަށި އިތުރު ސިޔާސަތުތައް ތަޢާރަފު ކޮށް، ރަޙުމު ކުޑަ ގޮތެއްގައި އެ ސިޔާސަތުތައް ތަންފީޛު ކުރާން ފެށިއެވެ. އިންޤިލާބަށް ފަހު ސަރުކާރުގެ އަމުރަކާ އެއްގޮތަށް ގައުމުގެ ހުރިހާ ރައްޔިތުންގެ ރައްޔިތުކަމުގެ ކާޑު އައު ކުރެވުނު އިރު، ރޮހިންގާ ރައްޔިތުންނަށް ދިނީ "ބަރުމާގައި ދިރިއުޅޭ ބިދޭސީން" ލޭބަލާ އެކު ދިން ކާޑެކެވެ. މި ފިޔަވަޅާ އެކު، ރޮހިންގާ މުސްލިމުންނަށް ވަޒީފާ ލިބުން އިންތިހާއަށް ދަތި ވިއެވެ. ވޯޓު ލުމާއި އިންތިޚާބުތަކުގައި ބައިވެރި ވުމުގެ ޙައްޤު މުޅީން ގެއްލުނެވެ. ސަރުކާރުން ފޯރު ކޮށްދޭ ތަޢުލީމާއި ސިއްހީ ޚިދުމަތުގެ ދޮރު އެމީހުންނަށް ޓަކައި މުޅީން ބަންދު ވެގެން ދިޔައެވެ. މިފަދަ އެތައް ކަމަކާ ގުޅިގެން، މުސްލިމުން ސަރުކާރަށް ޝަކުވާތައް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ޝަކުވާތައް އަހާނެ އެއްވެސް ބަޔަކު ނުވިއެވެ. އެއާ ޚިލާފަށް، ސަރުކާރުގެ ހަރުކަށިކަމާއި އަނިޔާވެރިކަން ދިޔައީ އިތުރު ވެގެންނެވެ. 1970 ގެ އަހަރުތައް ފެށުމަށް ފަހު، ބަރުމާގެ ސަލާމަތީ ބާރުތަކުން ރަކީން ސްޓޭޓުގައި ދޭތެރެދޭތެރެއިން "ސެކިޔުރިޓީ އޮޕަރޭޝަންތައް" ހިންގާން ފެށިއެވެ. ކޮންމެ އޮޕަރޭޝަނެއްގައި ކަހަލަ ގޮތަކަށް، ސިފައިންނާއި ފުލުހުން ގެންދިޔައީ މުސްލިމުންގެ ގެދޮރު އެންދުމާއި، މުދާ ފޭރުމާއި، އަންހެނުން ރޭޕް ކުރުމާއި، މެރުމާއި، ވޭންދެނިވި އަނިޔާ ކުރުން ފަދަ ޢަމަލުތައް ހިންގަމުންނެވެ.

1982 ވަނަ އަހަރުގެ ތެރޭގައި ތައާރަފު ކުރެވުނު އައު ސިޓިޒަންޝިޕް ޤާނޫނެއްގެ ބާރުގައި، ރޮހިންގާ މުސްލިމުންނަށް ދީފައި އޮތް "ބަރުމާގައި އުޅޭ ބިދޭސީއެއް ކަން އަންގައިދޭ ކާޑު" ވެސް ބާޠިލު ކުރެވުނެވެ. އެހައި ހިސާބުން، ރޮހިންގާ މުސްލިމުން ވެގެން ދިޔައީ ދައުލަތަކަށް ނިސްބަތް ނުވާ، "ސްޓޭޓްލެސް" ބަޔަކަށެވެ. މިއަދާ ހަމަޔަށް ވެސް އެމީހުން ބަރުމާގައި އުޅެމުން އަންނަނީ އެ ގޮތުގައެވެ. އެތައް ޤަރުނަކުއްސުރެ އެ ބިމެއްގައި އެމީހުން ދިރިއުޅުނު، އެމީހުންގެ ކާބަފައިންގެ ފަރާތުން ވާރުތަ ވި، އަދި އެ ބިމަކަށް އެމީހުން އުފަން ވި ވަޒަނުގައި، މިއަދު އެމީހުން އުޅެމުން ގެންދަނީ ބީރައްޓެހި، ބިދޭސީ "އޭލިޔަނުންތަކެއްގެ" ގޮތުގައެވެ. ދިރިއުޅޭން ޖެހިފައި އޮންނަނީ ދަނޑިފަނުން، ނުވަތަ ދަނޑިއާއި ގޯންޏާއި ސަތަރި ފަދަ ތަކެތީން އަޅައިފައި ހުންނަ ޖިފުޓިތަކާއި ކޭންޕުތައް ކަހަލަ ތަންތަނުގައެވެ. ތަޢުލީމެއް، ޞިއްޙީ ޚިދުމަތެއް، ބޭހެއް، ސަރުކާރުން ފޯރު ކޮށްދޭ ކަރަންޓެއް، ފެނެއްގެ އެއްވެސް ޚިދުމަތެއް ނުލިބޭ ތާނގައި، ރަނގަޅު ކާނާ އާއި ރައްކައުތެރި ބޯފެން ވެސް އެމީހުންނަށް ލިބޭނޭ ގޮތެއް ނޯވެއެވެ. އެންމެ ކުޑަމިނުން، ކައިވަނި ކުރެވެނީ ވެސް އުމުރަށް ދަރަނިވެރި ވާ ވަރުގެ ބޮޑު ފީއެއް ސަރުކާރަށް ދައްކައިގެން ލިބޭ ޚާއްޞަ ހުއްދައެއް ނަގައިގެންނެވެ. އެ ހުއްދަ އާއްމު ގޮތެއްގައި ލިބެނީ، އެދި ހުށަހަޅާތާ އެތައް މަހަކުންނެވެ. ބައެއް ފަހަރު، އެތައް އަހަރެއް ފަހުންނެވެ.

ބަރުމާގެ އެހެން ސަރަޙައްދުތަކަށް ދަތުރު ކުރުމަކީ ވެސް ރޮހިންގާ މުސްލިމުންނަށް މުޅީން މަނާ ކަމެކެވެ. ޕާސްޕޯޓެއް ފަދަ އެއްޗެއް ނޯންނާތީ، ޤައުމުން ބޭރަށް ދަތުރު ކުރުމަކީ ވެސް އެމީހުންނަށް އޮންނަ ފުރުޞަތެއް ނޫނެވެ. ކަން މިހެން އޮތަސް، 1970 އިން ފެށިގެން 2012 އާ ހަމަޔަށް ވެއަތު ވި 45 ވަރަކަށް އަހަރުގެ ތެރޭގައި، ބުޑިސްޓް ޖަންތާގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން، ރޮހިންގާ މުސްލިމުންގެ މިލިއަނެއް ހައި މީހުން ސިއްރިޔާތުގައި، އެކި ގޮތްގޮތުން ބަރުމާއިން ބޭރު ވެގެން ތަންތަނަށް ހިޖުރަ ކޮށްފައި ވެއެވެ. އެގޮތުން ހިޖުރަ ކުރި މީހުންގެ ދަރިފަސްކޮޅުތައް މިހާރު ވެސް ސުޢޫދީ ޢަރަބިއްޔާ އާއި، ބަންގްލަދޭޝާއި، ޕާކިސްތާން ފަދަ ޤައުމުތަކުގައި ދަނީ ބިދޭސީންގެ ގޮތުގައި ދިރިއުޅެމުންނެވެ.

2012 އިން 2017 އަށް . ދެމެމުން ދާ ލޭގެ ކޯރުތަކެއް

ރޮހިންގާ މުސްލިމުންގެ މައްސަލަ އާލަމީ ސަމާލުކަމަށް އަންނާން ފެށީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެ އަހަރުގެ މެދުތެރޭގައި، ބަރުމާގެ ސަރުކާރާއި ބުޑިސްޓް ޓެރަރިސްޓުން، ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އަނބުރަމުން އައި އަނިޔާގެ އުޑީގެ އެނބުރުން އާދަޔާ ޚިލާފަށް ބާރު ވެގެން ދިޔައެވެ. ރޮހިންގާ މުސްލިމުންނަށް ކުރަމުން އައި އަނިޔާތައް އިތުރަށް ވަރުގަދަ ކުރުމަށް ބުޑިސްޓް ބަރުމާއަށް ހިތްވަރު ލިބުނީ، ފަހަކަށް އައިސް ހުޅަނގުގެ ޞަލީބީންނާއި ސަހްޔޫނީން އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް ކުރަމުން އައި ނަފްރަތާއި ޕްރޮޕެގެންޑާގެ ހަނގުރާމައިގެ ނުސީދާ ނަތީޖާއެއްގެ ގޮތުން ކަމަށް ނޫނީ ދެންނެވޭކަށެއް ނެތެވެ. މުސްލިމުންނަކީ ޓެރަރިސްޓުން ކަމުގެ އަޑު މުޅި ދުނިޔޭގައި ހިއްޕައިލި ހިއްޕައިލުން ވެގެން ދިޔައީ، ބަރުމާގެ ބުޑިސްޓުންނަށް ވެސް، މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމަށް ލިބުނު ލައިސަންސެއް ފަދަ ކަމަކަށެވެ. ކުފުރުގެ "އެއް މިއްލަތް އަނެއް މިއްލަތުގެ ކިބައިން ހިތްވަރު ލިބިގަނެގެން" މުސްލިމުންނާ ދެކޮޅު ޖަރީމާތައް އެތައް ގުނައެއް ވަރުގަދަ ކުރީއެވެ.

މުސްލިމުންނާ ދެކޮޅު ޓެރަރިޒަމާއި އަނިޔާގެ ވަރުގަދަ ސިލްސިލާއެއް 2012 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށީ ރަކީން ސްޓޭޓުގެ ދެކުނުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ބުޑިސްޓުންގެ ހާމުދުރުންނާއި، އަރަކަނީޒް ބުޑިސްޓް ސިޔާސީ ޕާޓީ ގޮފިތަކުގެ މުހައްރިކުން އިސް ވެތިބެގެންނެވެ. އެ ޖަރީމާތައް ފެށީ، ރޮހިންގާ މުސްލިމުންގެ ބަޔަކު ބުޑިސްޓް އަންހެނަކު ރޭޕް ކޮށް، މަރައިލި ކަމުގެ ވާހަކައެއް ތުންތުންމަތީން ފެތުރި އާއްމު ވެގެން ދިޔުމަށް ފަހުގައެވެ. އިންސާނީ ޙައްޤުތަކަށް ޓަކައި މަސައްކަތް ކުރައްވާ ބަރުމާގެ މަޝްހޫރު މުހައްރިކު، އަދި ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ ކުރީގެ ދިރާސާވެރިއެއް ކަމަށް ވާ ޑރ. މައުންގ ޒަރްނީ، އޭނާގެ ބްލޮގުގައި ވިދާޅުވެފައި ވާ ގޮތުގައި، މި ވާހަކައަކީ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ޖެނޮސައިޑުގެ ކެންޕޭނެއް ހިންގުމަށް ޓަކައި، ބުޑިސްޓް ލީޑަރުން ރާވައިގެން ފެތުރި ބުހުތާން ދޮގެކެވެ. އެ ހާދިސާ ތަހުގީގު ކުރެވުނު ގޮތާއި، ޝަރީއަތް ކުރެވުނު ގޮތުގެ ވާހަކައިން އޭނާގެ ބަސްފުޅަށް ބާރު ލިބެއެވެ.

ކޮންމެއަކަސް، މުސްލިމުންތަކެއް ބުޑިސްޓަކު ރޭޕް ކޮށް މަރައިލި ކަމުގެ ޚަބަރު ފެތުރުމާ އެކު، ދެކުނު ރަކީނުގެ ބުޑިސްޓުން ހިންގި ބަދަލު ހިފުމުގެ ފުރަތަމަ ޖަރީމާގައި، ދަތުރު ކުރަމުން ދިޔަ ބަހަކަށް ހަމަލަ ދީ، އޭގައި ތިބި ކުށެއް ނެތް ދިހަ މުސްލިމުން ޝަހީދު ކޮށްލިއެވެ. ދެން ފެނިގެން ދިޔައީ ބުޑިސްޓް ހާމުދުރުންނާއި، އާއްމުންގެ ޖަމާއަތްތައް ވަޅި އާއި ކަތިވަޅި އާއި ދަނޑިބުރި ފަދަ ހަތިޔާރުތައް ހިފައިގެން، މުސްލިމުންގެ އަވަށްތަކަށް އެރި މަންޒަރެވެ. އެބައިމީހުން އެތައް އަވަށެއްގެ އެތައް ގެދޮރެއް އަލިފާން ޖަހައި އަންދައިލިއެވެ. އެތައް ސަތޭކަ ޢާއިލާއެއްގެ އަތުގައި ހުރި ހުރިހާ އެއްޗެއް ފޭރުނެވެ. އެތައް ބަޔަކު މަރައި، ކުޑަކުދީންގެ ބޯތައް ކެނޑުން ފަދަ ނުބައި ޖަރީމާތައް ހިންގިއެވެ. ބުޑިސްޓް ޓެރަރިޒަމާއި އަނިޔާގެ މި "ފުރަތަމަ ރާޅު" ގެ ފޮނުގަނޑު ހިނދިގެން ދިޔަ އިރު، ގެދޮރު ގެއްލި، ޢާއިލާ ހަލާކު ވެ، ދިރިއުޅުން ބަރުބާދު ވެ، މަގުމަތި ވެފައި ތިބި މުސްލިމުންގެ ޢަދަދު މަދު ވެގެން 125000 އަށް އަރައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ ޢަދަދު އުޅުނީ 140000 އަށް ވުރެ މަތީގައެވެ. އެއިން އެއްވެސް މީހަކަށް ބަރުމާގެ ސަރުކާރުން އެއްވެސް ޙިމާޔަތެއް، ރައްކައުތެރިކަމެއް ނުދިނެވެ.

އެއާ ޚިލާފަށް، ބަރުމާގެ ސަރުކާރުން ކުރި ކަމަކީ، ރަކީން ސްޓޭޓް ބޯޑަރުތައް ބަންދު ކޮށް، މުޅި ސްޓޭޓުގައި ކާފިއު ހިންގައި، ސްޓޭޓުގެ ހުރަހަށާއި ދިގަށް، ސިފައިންނާއި ފުލުހުންގެ ޗެކްޕޯސްޓުތައް ޤާއިމު ކުރުމެވެ. ބުޑިސްޓް "މޮބްތައް" ނުކުމެ މުސްލިމުންގެ އަވަށްތައް ސުންނާފަތި ކުރަމުން ގެންދިޔަ އިރު، އެ ޗެކްޕޯސްޓުތަކުގައި ތިބި ސިފައިން ގިނަ ފަހަރު ކުރި ކަމަކީ އަނިޔާވެރީންނަށް އެހީތެރި ވެ، އަނިޔާގައި ބައިވެރި ވުމެވެ. ހަމަނުޖެހުންތައް ހުއްޓުވާން މަސައްކަތެއް ކުރީ ވަރަށް މަދު ފަހަރަކުއެވެ. ސަރުކާރުން ކުރި ކަމަކީ، ހަގީގަތް ފޮރުވައި އޮޅުވައިލެވޭތޯ ދޮގު މައްޗަށް ދޮގު ހެދުމެވެ. ދުނިޔޭގެ ލޯތަކުގެ ކުރިމައްޗަށް ޕްރޮޕެގެންޑާގެ ފަރުދާއެއް ވައްޓައިލުމެވެ. ނަމަވެސް މިފަދަ ސެންސަރާއި ޕްރޮޕެގެންޑާތަކާ އެކު ވެސް، ބުޑިސްޓް ޓެރަރިސްޓުން ހިންގި ޖަރީމާތަކުގެ ހަގީގަތް ސާބިތު ކޮށްދޭ އެތައް ހެއްކެއް އެބަ ހުއްޓެވެ.

މިފަދަ އެއް ހެއްކަކީ، ރަކީނުގައި ހިނގާ ހާދިސާތަކުގެ ކަންކަން ތަހުގީގު ކޮށް ބެލި ފަރާތްތަކުން ތައްޔާރު ކޮށް ނެރެފައި ވާ އެކިއެކި ރިޕޯޓުތަކެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އަލިފުދާލުން ޝާއިޢު ކުރި ރިޕޯޓަކީ މީގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ރިޕޯޓެވެ. ޖަނަވަރީ މަހުގެ ކުރީކޮޅު ރަކީނުން ފިލައިގެން ބަންގްލަދޭޝަށް އައި 66000 މުސްލިމުންގެ ތެރެއިން 220 މީހަކާ އިންޓަރވިޔު ކޮށްގެން އެކުލަވައިލި އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވާ ގޮތުން، ބަރުމާގެ ސަލާމަތީ ބާރުތަކާއި ބުޑިސްޓު ހައްދުފަހަނައެޅީން ދަނީ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގިނަގުނަ ޖަރީމާތައް ހިންގަމުންނެވެ. އިންޓަރވިއު ކުރެވުނު 101 އަންހެނުންގެ ތެރެއިން 26 މީހުން ވަރަށް އަނިޔާވެރިކޮށް ރޭޕް ކުރެވިފައި ވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. މީހުންނޭ ދެންނެވިޔަސް، އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 2 ކުދީން ތިބި އިރު، އެއް ކުއްޖެއްގެ ޢުމުރަކީ 11 އަހަރެވެ. އޭގެ ތެރެއިން ގިނަ އަންހެނުންނަކީ ގޭންގް ރޭޕުގެ ޝިކާރައަކަށް ވެފައި ވާ މީހުންނެވެ. މި ދެންނެވި 11 އަހަރުގެ އަންހެން ކުއްޖާގެ ހަމަހޭ ނެތިދާންދެން، އިންތިހާ ދަރަޖައިގެ ވަޙުޝީ ގޮތެއްގައި އެ ކުއްޖާ ރޭޕް ކުރީ ވެސް ސިފައިންގެ ހަތް މީހުން ވެގެންނެވެ. މިސްކިތްތަކުގެ ތެރޭގައި ވެސް ރޭޕްގެ ޖަރީމާ ހިންގިފައި ވާ އިރު، އާއްމު ގޮތެއްގައި ގޭންގް ރޭޕެއްގައި ތިން ފިރިހެނުން، ނުވަތަ ހަތަރެއް، އަދި ބައެއް ފަހަރު އަށް މީހުން ވެސް ބައިވެރި ވާ ކަމަށް ރިޕޯޓުގައި ވެއެވެ. މުސްލިމުންގެ މާބަނޑު އަންހެނުން ރޭޕް ކުރުމަކީ ވެސް ބަރުމާ ސިފައިންނާއި ފުލުހުން އާއްމުކޮށް ކުރާ ކަމެކެވެ. އެއް އަންހެނަކު ރޭޕް ކުރި އިރު އޭނާގެ 5 އަހަރުގެ ކުޑަ އަންހެން ދަރިފުޅު ރޮމުން މަންމަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާން ފެށުމުން، ސިފައިންގެ މީހަކު ވަނީ މަންމަގެ ކުރިމަތީގައި ކުއްޖާގެ ކަރު ވަޅިއަކުން ބުރި ކޮށްލައި މަރައިލައިފައެވެ. ހަމަ މިފަދަ އަނެއް ހާދިސާގައި، މަންމަ ރޭޕް ކުރާން އުޅުނު ވަގުތު ބަނޑުހައިކަމާ ހުރެ ރޮއިރޮއި އޮތް އަށް މަހުގެ ތުއްތު ކުއްޖެއް ވެސް ޝަހީދު ކޮށްލީ ވަޅިއަކުން ކަރު ކަނޑައިލައިގެންނެވެ. މިފަދަ އިތުރު އެތައް ހާދިސާއެއްގެ ބަޔާންތައް ވެސް މި ރިޕޯޓުގައި ވެއެވެ. ސިފައިންގެ ޖަމާއަތެއްގެ މީހުން ވެގެން، ވިހެއުމުގެ ވޭންވަރުގައި އޮތް މުސްލިމް އަންހެނެއްގެ ގައިގައި ތަޅައި އަނިޔާ ކުރަމުން ގޮސް، އޭނާ ވިހެއުމުން، އޭނާގެ ކުރިމަތީގައި ތުއްތު ކުއްޖާ ބިންމައްޗަށް ޖަހައި ޗިސްޗިސް ކޮށް މަރައިލި ހާދިސާގެ ވާހަކައަކީ ވެސް އިންސާނެއްގެ ހިތް ވޭނާއި ކެކުޅުމުގެ ކަނޑަކަށް ޣަރަގު ކޮށްލާ ފަދަ ވާހަކައެކެވެ.

ދެވަނަ ހެއްކަކީ، ރޮހިންގާ މުސްލިމުންގެ ތެރެއިން ސްމާޓް ފޯނު ގެންގުޅޭ މީހުން، އެމީހުންގެ ފޯނުތަކުން ނަގައި، މެސެޖު އެޕްލިކޭޝަންތަކާއި ސޯޝަލް މީޑިޔާ މެދުވެރި ކޮށް ދުނިޔެއާ ހިއްސާ ކުރަމުން ދާ ފޮޓޯތަކާއި ވީޑިޔޯތަކެވެ. އެ ފޮޓޯތަކާއި ވީޑިޔޯތަކުން ފެންނަނީ ރޭޕް ކޮށް ސުންނާފަތި ކޮށްފައި ތިބޭ އަންހެންކުދީންނެވެ. އަލިފާނަށް ނަޒުރު ކުރެވިފައި ވާ ޖިފުޓިތަކާއި އަވަށްތަކާއި، އަންދައި ދެއްޔަށް ހަދައިލައިފައި ތިބޭ އިންސާނުންނެވެ. ކަތިވަޅި އާއި ވަޅީން ހަމަލަ ދީ ކޮށައި ކުދިކުދި ކޮށްފައި ތިބޭ ތުއްތު ކުދީންނާއި ކުޑަކުދީންނެވެ. އެ ތަކެތި ބެލި ކޮންމެ މީހަކަށް ވެސް، އެއީ ރޮހިންގާ މުސްލިމުންގެ ތެރެއިން ޕްރޮޑަކްޝަން ޓީމެއްގެ މީހުން އެއް ވެގެން، ޑައިރެކްޓަރުންނާއި މުމައްސިލުން ވެގެން ކުޅެފައި ހުންނަ ތަމްސީލުތަކެއް ނޫންކަން އެނގޭނެއެވެ.

މުސްލިމުންނަށް ބަރުމާ ސިފައިންނާއި ބުޑިސްޓު ޓެރަރިސްޓުން އަނިޔާ ކުރަމުން ގެންދާ ކަމާއި، މި އަނިޔާތަކަކީ ސަރުކާރު އަޑީގައި އޮވެގެން ކުރަމުން ގެންދާ ކަމެއް ކަން ދޭހަ ކޮށްދޭ އަނެއް ކަމަކީ، ރަކީން ސްޓޭޓް ބަންދު ކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢާއި، ބައިނަލްއަޤުވާމީ މީޑިޔާގެ އިތުރުން، އެންމެ ކުޑަމިނުން އެހީ ދޭ ޖަމާޢަތްތަކަށް ވެސް އެ ސަރަޙައްދަށް ވަދެވުނަނުދީ، މުޅި ތަން ނަރުވަޔަރަށް ލައިގެން އުޅޭ އުޅުމެވެ. ފޮރުވާނެ އެއްޗެއް ނުވަތަ ކަމެއް ނެތް ނަމަ، މިހެން ހެދުމުގެ ބޭނުމަކީ ފަހެ ކޮބައިތޯއެވެ؟ ވައްކަން ނުކުރާ ނަމަ، މިހައި ބާރަށް ވަށި ބަންނާން ވީ ކީއްވެގެންތޯއެވެ؟

ދާދި ފަހުން އަލްޖަޒީރާގައި ޝާއިޢު ކުރި ރިޕޯޓެއްގައި އޮތް ގޮތުން، 2012 އިން ފެށިގެން މިހައިތަނަށް 168000 މުސްލިމުން ވަނީ ނުހަނު ތަކުލީފީ ހާލެއްގައި، އެކި ގޮތްގޮތުން ބަރުމާއިން ބޭރު ވެފައެވެ. އޭގެ ތެރޭގައި ބޭ އޮފް ބެންގޯލުގެ ގަދަފަދަ ތޫފާންތަކާއި، ބިޔަ ރާޅުތަކާއި، ނުރައްކައުތެރި ފުން ކަނޑުގެ ތެރެއަށް އަނގަމަތި ދޯނިފަހަރުގައި ނުކުމެގެން، ސަލާމަތުގެ އައްސޭރިއެއް ފެނޭތޯ ދަތުރު ކުރި 112000 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ. ބަންގާޅަށް އެތެރެ ވާ މީހުންގެ ޢަދަދު ވެސް ގިނަ ވަމުން ދާ އިރު، ބަންގާޅުގެ ސަރަޙައްދީ ރޮނގާ ހަމައިން ހުއްޓުވައިލެވި، "ނޯ މޭންސް ލޭންޑް" ގައި ތާށި ވެފައި އެތައް ބަޔަކު މިހާރު ވެސް އެބަ ތިއްބެވެ. ރަކީން ސްޓޭޓުގެ އެކި ތަންތަނުގައި، ދިރިއުޅޭ ޖިފުޓިތައް ފުނޑުފުނޑު ކޮށްލެވި، ޢާއިލާ ބިކަ ކޮށްލެވި، ވަންނާނެ އެއްވެސް ތަނެއް ނެތި، ވަޔާއި ވާރެއާއި އަވީގެ "ރަޙްމަތުގައި" 420000 މުސްލިމުން އެބަ ތިއްބެވެ.

2012 ވަނަ އަހަރު ފެށުނު އަނިޔާގެ ސިލްސިލާއަށް ބޮޅަކަށް ފަހު ބޮޅެއް އިތުރު ވަމުން ދަނީއެވެ. ރަކީނުގެ ކޮޅުން ކޮޅަށް، ބިތުން ބިތަށް، މުސްލިމުންގެ ލޭކޯރުތައް ދެމެނީއެވެ. އެންމެ ފަހުން އިތުރު ވެގެން ދިޔަ ބޮޅަކީ، މި ދިޔަ އޯގަސްޓު މަހުގެ ފަހު ހަފުތާގެ ތެރޭގައި ސަލާމަތީ ބާރުތަކުން މުސްލިމުންނާ ދެކޮޅަށް ފަށައިގެން އުޅޭ އަނިޔާވެރި ކެންޕޭނެވެ. ރޮހިންގާ މުސްލިމުންގެ ހަތިޔާރު އެޅި ބަޔަކު ރަކީނުގައި ހުންނަ ފުލުހުންގެ ޗެކްޕޯސްޓުތަކަކަށް ވަޅި އާއި ޕެޓްރޯލް ބޮން ފަދަ ތަކެތީން ޙަމަލާ ދީ 12 ފުލުހުން މަރައިލި ކަމަށް ބުނެ ފަށައިގެން އުޅޭ މި ކެންޕޭނުގައި، ސިފައިންނާއި ފުލުހުން ގެންދަނީ މުސްލިމުންގެ އަވަށްތަކާއި ގެދޮރު އަލިފާނަށް ލަމުންނެވެ. އެއްވެސް ބެލުމެއް ނެތި، ހަތިޔާރެއް ނެތް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންގެ ތެރެއަށް ބަޑި ޖަހައި އެތައް ބަޔަކު މަރައި ސުންނާފަތި ކުރަމުންނެވެ. އަންހެނުން ރޭޕް ކޮށް، ވޭންދެނިވި އަނިޔާގެ ޖަރީމާތައް ފަށްފަށް ކުރަމުންނެވެ. މި އަނިޔާތަކަށް ބިރުން ވޭތު ވެ ދިޔަ ދެތިން ހަފުތާގެ ތެރޭގައި ރަކީން ދޫ ކޮށް ބަންގްލަދޭޝްގެ ބޯޑަރާ ދިމާޔަށް ފިލައިގެން ދިޔަ މުސްލިމުންގެ ޢަދަދު އުޅެނީ 50000 އަށް ވުރެ މަތީގައެވެ. ދުނިޔޭގެ ލައުނަތުގެ އަޑު ގަދަ ވެ، މުޅި ދުނިޔެ މި ވާހަކަ ދައްކާ ހިސާބަށް ގޮސްފައި ވާ އިރު ވެސް، ބަރުމާގެ ޖަންތާ އޮތީ ޖައްބާރުކަމާއި އަނިޔާވެރިކަމުގެ ލަޓި އަތުކޮޅަށް ދަމައިލައިގެންނެވެ.

ޙަޤީޤަތް އޮޅުވައިލުމަށް ކުރާ މަސައްކަތް

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ބަރުމާގެ ބުޑިސްޓް ޓެރަރިސްޓް ދައުލަތާއި ޖަމާޢަތްތަކުން ހިންގާ ޓެރަރިޒަމާއި ގަތުލުއާއްމާއި އަނިޔާގެ ސިލްސިލާ ކުރިޔަށް ގެންދާ އިރު، ދުނިޔެއަށް ހަގީގަތް އޮޅުވައިލުމަށް ކުރާ މަސައްކަތްތައް ވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. މިގޮތުން ކުރާ މަސައްކަތުގެ އެއް މިސާލަކީ، ބަރުމާގެ ލީޑަރު އާންގް ސަން ސޫ ޗީގެ އަމުރުފުޅަށް، ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ޖެނޮސައިޑްގެ ޖަރީމާ ހިންގަމުން ދާ ކަމަށް "ކުރެވޭ ތުހުމަތުތައް" ތަޙުޤީޤު ކުރުމަށް ޓަކައި ބަރުމާ ސަރުކާރުން 2016 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެކުލަވައިލި ޚާއްޞަ ކޮމިޝަނެވެ. މި ކޮމިޝަނުގެ ރައީސަކަށް ސޫ ޗީގެ ސަރުކާރުން ޢައްޔަން ކުރީ، ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމުގެ ދިގު ތާރީޚެއް އޮތް ބަރުމާގެ ލަޝްކަރުގެ ރިޓަޔަރޑް ޖެނެރަލް މިޔިންތު ސްވޭއެވެ. މި ކޮމިޝަނުގެ ރިޕޯޓު 2017 ވަނަ އަހަރުގެ ޖަނަވަރީގައި ޝާއިޢު ކުރެވުނު އިރު، އެ ރިޕޯޓުގައި ބުނެފައި ވަނީ " ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ޖެނޮސައިޑް ހިންގާ ކަމުގެ އެއްވެސް ހެއްކެއް ނުފެނުނު" ކަމުގައެވެ.

ދާދި އެއް ދުވަސްވަރެއްގައި، 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ސޫ ޗީ ވަނީ އެއަށްވުރެ ވެސް ވަރުގަދަ "ޕަބްލިސިޓީ ސްޓަންޓެއް" ހައްދަވައިފައެވެ. އެއީ ރަކީން ސްޓޭޓުގެ ޙާލަތާ ބެހޭ ޚާއްޞަ މިޝަނެއް އަލިފުދާލުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާނާ ޙަވާލު ކުރެއްވުމެވެ. ވަރަށް ކުލަގަދަ ކޮށް، ދުނިޔޭގެ މީޑިޔާއަށް ފަލަ ސުރުޚީތައް އުކަމުން، މި ކޮމިޝަނެއް އިފްތިތާޙު ކުރުމަށް ފަހު، ސޫ ޗީގެ ސަރުކާރުން ދެން ޢަމަލު ކުރީ ހިނި އަންނަ ކަހަލަ ގޮތަކަށެވެ. އަނާނާއި އޭނާގެ ކޮމިޝަނަށް ސޫ ޗީގެ ސަރުކާރުން ދިން ހަމައެކަނި މެންޑޭޓަކީ، "ރަކީނުގައި އޮތް ބައިބައިވުން ނިމުމަކަށް ގެނައުމަށް ޓަކައި ގެންގުޅޭން ވީ ސިޔާސަތުތަކާ މެދު ސަރުކާރަށް ޚިޔާލު ހުށަހަޅާ ރިޕޯޓެއް" ހެދުމުގެ މަސައްކަތެވެ. ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކާއި ބުޑިސްޓް ޓެރަރިސްޓުން ހިންގަމުން ގެންދިޔަ، އަދި ހިންގައިފައި ވާ އެއްވެސް ޖަރީމާއެއްގެ މައްސަލަ ތަހުގީގު ކުރުމުގެ ހުއްދައެއް ކޮމިޝަނަކަށް ނުދިނެވެ. ރަކީނަށް ޒިޔާރަތް ކޮށް، އެ ތަނުގައި ކަން ހިނގަމުން ދިޔަ ގޮތް ބަލައިލުމުގެ ފުރުސަތެއް ވެސް އަނާނާއި އޭނާގެ ކޮމިޝަނަށް ސޫ ޗީގެ ސަރުކާރުން ފަހި ކޮށެއްނުދިނެވެ.

މި ހިސާބުން ހައިރާންކަމާ އެކު ފާހަގަ ކުރާން ޖެހެނީ، ރޮހިންގާ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ މިންވަރާއި ބިރުވެރިކަން ބޮޑު ވަމުން ދާ އިރު، ބަރުމާގެ ޒަޢާމަތުގައި ހުންނެވި ސޫ ޗީ އަކީ އެ ގައުމުގެ "ނެލްސަން މަންޑޭލާ" ގެ ގޮތުގައި ސިފަ ކުރެވުނު ބޭފުޅެއް ކަމެވެ. ހުޅަނގުގެ ލޯތްބާއި މަދަދު ހޯއްދަވައިގެން، ބަރުމާގައި ކުރީން އޮތް "ޚުދުމުޚުތާރު، އަނިޔާވެރި، އިންސާނީ ޙައްޤުތަކުގެ ރިކޯޑު ދަށް، ޑިމޮކްރަސީއާ ޚިލާފު" ޢަސްކަރީ ސަރުކާރު ވައްޓައިލާން ސޫ ޗީ ހިންގެވި ދިގު ކެމްޕޭނަށް ކާމިޔާބު ލިބި، އޭނާ ވެރިކަމަށް ވަޑައިގަތީ 2012 ގައެވެ. ސޫ ޗީގެ ނެޝަނަލް ލީގް ފޯރ ޑިމޮކްރަސީއަށް މިޔަންމާރގެ ވެރިކަން ލިބި، ސޫ ޗީ އެ ގައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ގޮނޑިއަކަށް އިންތިޚާބު ކުރެވުނީ އެ އަހަރުއެވެ. އަނެއް އިއްތިފާގަކީ، މުސްލިމުންނާ ދެކޮޅަށް ބަރުމާގައި ހިންގަމުން އައި ލާއިންސާނީ ސިޔާސަތު، ނަސްލު ނެތި ކޮށްލުމުގެ ވަހުޝީ ހަނގުރާމަޔަކަށް ބަދަލު ވީ ވެސް، އިސް ވެ ދެންނެވުނު ފަދައިން، 2012 ވަނަ އަހަރު ކަމެވެ.

ބޮލުގައި ނޯބެލް ތާޖު ... ފަސްބައިގައި މައުސޫމު ލޭ

1945 ގައި އުފަން ވެވަޑައިގަތް ޑޯވ އާންގ ސަން ސޫ ޗީ އަކީ ބަރުމާގެ މިނިވަންކަމުގެ ބައްޕަ ކަމަށް ބެލެވޭ ޖެނެރަލް އާންގ ސަންގެ ބޭފުޅެކެވެ. ސޫ ޗީ އަކީ ހުރިހާ މާނައެއްގައި ވެސް، މަޝްހޫރު މުސްލިމް ނޫސްވެރިޔާ މަހުދީ ޙަސަން ވިދާޅު ވާ ފަދައިން، ހުޅަނގުގެ "ޑާރލިންގ" އެކެވެ. އޭނާ އަކީ ހުޅަނގުގެ "ޑިމޮކްރަސީ އާއި ހިޔުމަން ރައިޓްސް" ގެ ލަވަ އެންމެ ރީތިކޮށް، އެންމެ ޗާލު އަޑުފުޅަކުން، އެންމެ ބާރަށް ވިދާޅު ވާ އޭޝިޔާގެ އެއް ލީޑަރެވެ. ތިންވަނަ ދުނިޔޭގެ ސިޔާސީ ޝަޚްސިއްޔަތުތަކުގެ ތެރެއިން، ހުޅަނގަށް އެންމެ ބޮޑަށް އީމާން ވެވަޑައިގެން ހުންނެވި އެއް ބޭފުޅާއެވެ. އޮކްސްފޯރޑުން ތައުލީމު ހާސިލު ކުރެއްވިއެވެ. ކައިވަނި ކުރެއްވީ އިނގިރޭސި ވިލާތުގެ ބޭފުޅަކާއެވެ. ޙަޔާތުގެ ވަރަށް ބޮޑު ބައެއް ހޭދަ ކުރެއްވީ އިނގިރޭސި ވިލާތުގައެވެ. ބޭފުޅުންނަކީ އިނގިރޭސި ރައްޔިތުންނެވެ.

އެނބުރި ބަރުމާއަށް ވަޑައިގެން، ނެޝަނަލް ލީގް ފޯރ ޑިމޮކްރަސީގެ ނަމުގައި ސިޔާސީ ޙަރަކާތެއް އުފައްދަވައި، ބަރުމާގެ ޢަސްކަރީ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވާން ސޫ ޗީ ފެއްޓެވީ 1988 ގައެވެ. ހުޅަނގުން ލޯބިން "ދަ ލޭޑީ" ގެ ނަމުން މުޚާތަބު ކުރާ ކަމަނާގެ ފަލްސަފާއެއް ކަމަށް ބުނެވުނީ "މާރޓިން ލޫދަރ ކިންގާއި މަހާތުމާ ގާންދީގެ ސުލްހަވެރި ހަރަކާތުގެ" ފަލްސަފާއެވެ. އެއިރު ލޯތަކަށް ފެނުނީ ވެސް އެ ފަލްސަފާގެ އިމުގެ ތެރޭގައި މަސައްކަތް ކުރެއްވި ތަނެވެ. ނަމަވެސް، އެ މަސައްކަތް ހަމަ ފެއްޓެވުމާ އެކުގައި ހެން، ބަރުމާގެ ސަރުކާރުން އޭނާ ގޭބަންދު ކުރިއެވެ. އޭގެ ފަހުން، 2010 ވަނަ އަހަރާ ހަމަޔަށް، އެކި ފަހަރުމަތީން، ގޭބަންދުގައި އޭނާ 15 ވަރަކަށް އަހަރު ހޭދަ ކުރެއްވިއެވެ. 2010 ގައި ސޫ ޗީ މިނިވަން ކުރެވުނީ ބަރުމާގެ ސަރުކާރުން ޤައުމަށް ގެންނާން ފެށި ސިޔާސީ އިޞްލާޙުތަކުގެ ތެރޭގައެވެ.

މި ދެންނެވި އިޞްލާޙުތަކުގެ ތެރޭގައި، ބަރުމާގައި މިނިވަން އިންތިޚާބުތަކެއް ބޭއްވި، ސޫ ޗީގެ ނެޝަނަލް ލީގް ފޯރ ޑިމޮކްރަސީގެ އަތްމައްޗަށް ޤައުމުގެ ވެރިކަމުގެ ބާރުތައް އައީ 2012 ގައެވެ. އޭގެ ތިން އަހަރު ފަހުން، 2015 ގައި އޮތް އިންތިޚާބުގައި ސޫ ޗީގެ ޕާޓީއަށް 86 އިންސައްތަ ވޯޓާ އެކު ގައުމުގެ ކޮންޓްރޯލް ލިބުނެވެ. ނަމަވެސް، ދަރީން، ނުވަތަ ފިރިމީހާ، ނުވަތަ އަނބިމީހާ އަކީ ބޭރު ޤައުމެއްގެ ރައްޔިތުން ކަމަށް ވާ މީހަކަށް ބަރުމާގެ ރައީސްކަން ލިބުން އެ ޤައުމުގެ ޤާނޫނުއަސާސީ މަނާ ކުރާތީ، ސޫ ޗީ ރައީސްކަމަށް ވަޑައިގަތުމުގެ ދޮރު ހުރީ ދުސްތޫރީ ތަޅަކުން ތަޅު ލެވިފައެވެ. މި "މައްސަލައަށް" ސޫ ޗީގެ ޕާޓީން ޙައްލު ހޯދީ، "ސްޓޭޓް ކައުންސެލަރ" ގެ ނަމުގައި، ސޫ ޗީއަށް ޚާއްޞަ، ދައުލަތުގެ ރައީސަށް ވުރެ ވެސް މަތީ މަޤާމެއް އުފައްދައިގެންނެވެ. ރައީސްކަމުގެ މަޤާމު ދެވުނީ ސޫ ޗީގެ ސިއްރުވެރި ވަފާތެރިއެއް ކަމަށް ވާ ހުތިން ކިޔޯވއަށެވެ.

"ދަ ލޭޑީ" އަދި "ހިޔުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ޑާރލިންގ" ސޫ ޗީއަށް، ހުޅަނގުން ވަނީ ހުރިހާ ބާވަތްތަކެއްގެ ޢިއްޒަތްތަކާއި ޝަރަފުތައް އަރުވައިފައެވެ. 2007 ގައި އެރުވުނު އެމެރިކާގެ ކޮންގްރެޝަނަލް ގޯލްޑް މެޑަލާއި، 2000 ވަނަ އަހަރު އެރުވުނު އެމެރިކާގެ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމާއި، 1990 ވަނަ އަހަރު އެރުވުނު ޔޫރަޕިއަން ޔުނިއަނުގެ ސެޚަރޯވް ޕްރައިޒް ފޯރ ފްރީޑަމް އޮފް ތޯޓް ފަދަ ޝަރަފުތަކެވެ. ނަމަވެސް ސޫ ޗީގެ އިސްތަށިފުޅުގައި އެޅުވުނު އެންމެ ފަޚުރުވެރި ތާޖަކީ ނޯބެލް ސުލްހައިގެ އިނާމެވެ. 1991 ގައި މި ޝަރަފުވެރި އިނާމު ސޫ ޗީއަށް ލިބިވަޑައިގަތް ތާ މިހާރު ތިރީހަކަށް އަހަރު ވެގެން ދަނީއެވެ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ "ދަ ލޭޑީ" ގެ އިސްތަށިފުޅުގައި ނޯބެލް ސުލްހައިގެ ތާޖު އޮތް އިރު، ޢިއްޒަތްތެރި ފަސްބައިކޮޅު ރޮހިންގާ މުސްލިމުންގެ ލެއިން ތަތްތެޅި، ފޯ ވެފައި ވާ މަންޒަރެވެ. ނިކަން ރަނގަޅަށް ބައްލަވައި، ހަނދާނުގެ ޚަޒާނާގައި މި މަންޒަރު ރައްކާ ކުރައްވާށެވެ. މިއަދުގެ ދުނިޔެއިން ވެސް، މިއީ މާކަ ގިނަ ފަހަރަކު ފެންނާނެ މަންޒަރެއް ނޫނެވެ.

ސޫ ޗީގެ ހަމައެކަނި ކުށަކީ ހަނު ހުންނެވުން ބާ ...

ސޫ ޗީގެ ޒައާމަތުގައި، ރޮހިންގާ މުސްލިމުންގެ ނަސްލު ނެތި ކޮށްލުމުގެ ހަނގުރާމަ އޭގެ އެންމެ ފަހު ފައްތަރަށް ގެންގޮސްފައި ވާ އިރު، ސޫ ޗީއަށް އެވޯޑުތައް ދީގެން އުޅޭ ހުޅަނގުގެ ޤައުމުތަކުގެ މުނާފިޤުކަމާއި، މަކަރުވެރިކަމާއި، އިންސާނީ ޙައްޤުތަކޭ ކިޔައިގެން އެމީހުން ލަވާ ހަޅޭކުގެ ހުތުރު ހަގީގަތް މި ވަނީ އިތުރު ހެއްކަކާ އެކު، އިތުރަށް ސާބިތު ވެގެން ގޮސްފައެވެ. ބަރުމާއާ ދެކޮޅަށް ކުރީން އަޅައިފައި ހުރި އިޤްތިޞާދީ ދަތި ކުރުމުގެ ފިޔަވަޅުތައް މިހާރު ހުޅަނގުން އެ ގެންދަނީ އުވައިލަމުންނެވެ. ހުޅަނގުގެ ބާރުތަކުން ގެންދަނީ ބަރުމާޔާ އެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރަމުންނެވެ. ދާދި ފަހުން، އިންސާނީ ހައްގޭ، ޑިމޮކްރަސީއޭ ކިޔައިގެން ދިވެހި މުސްލިމުންގެ ބޮލަށް އަރައިގެންފާނެޔޭ ހީވި ޞަލީބީ ކޮމަންވެލްތު ފަދަ ޖަމިއްޔާތައް ވީ ހިސާބެއް ވެސް ނޭނގެއެވެ.

ރޮހިންގާ މުސްލިމުންގެ ހާލަތު މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް، އޭނާއަށް ދެވުނު ނޯބެލް އިނާމު ވެސް އަތުލާން ގޮވައިލެވޭ ގޮވައިލުންތައް އާއްމު ވެ، ކޮންމެވެސް އެއްޗެއް ނުބުނެ ތިބުން ލަދުހުތުރު ވާ ވަރު ވުމުން ވެސް، އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން، ސޫ ޗީއަށް ފާޑު ވިދާޅުވީ ވަރަށް ލޯބިން، ގިނައިން ތަޢުރީފުގެ ބަސްތައް ބޭނުން ކުރައްވައިގެންނެވެ. "ތިޔަހެން ހައްދަވަންޏާ ބަރުމާގެ ނަން ކިލަނބު ވެދާނެޔޭ" ވިދާޅުވިއެވެ. މިހެން ވިދާޅުވެފައި ދެން ދެއްކެވީ ސޫ ޗީ އަކީ "އިންސްޕަޔަރިން ބޭފުޅެކޭ" އަދި "ރިމާރކެބަލް ކޮލިޓީޒް" ހުރި ބޭފުޅެކޭ ވިދާޅުވެ ދެއްކެވި ދެއުޅި އެއް ނުވާ ވާހަކަތަކެކެވެ. ޖޯންސަންގެ "މޮލިކޮޑްލް" ގޮވައިލެއްވުމަށް ވަގުތުން ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ފުރަތަމަ މުސްލިމް ކެބިނެޓް މިނިސްޓަރ ސަޢީދާ ވާރްސީ ހިމެނިވަޑައިގަތެވެ. އެކަމަނާ ކުރެއްވި ޓްވީޓެއްގައި "ނޯބެލް ސުލްހައިގެ އިނާމު ހިއްޕަވައިގެން ހުންނެވި ސޫ ޗީގެ ބެލުމުގެ ދަށުން ޖެނޮސައިޑެއް ހިނގަމުން ދާ އިރު، ޚާރިޖީ ވަޒީރުގެ އޮފީހުގެ އީޖާބަކީ މިއީ ތޯއޭ" ވިދާޅުވެ ސުވާލު އުފެއްދެވިއެވެ.

ސޫ ޗީގެ ކުށާ އެކަށީގެންވާ މިނުން އޭނާ ކުށްވެރި ކުރާކަށް ހުޅަނގުގެ ގައުމުތައް ބޭނުމެއް ނުވެއެވެ. އެ ގައުމުތަކާއި، ހުޅަނގުގެ މީޑިޔާ އާއި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ގިނަ އިދާރާތަކުން ވެސް ސޫ ޗީގެ ކުށެއް ކަމަށް ދެކެނީ ރޮހިންގާ މުސްލިމުންނަށް ޓަކައި ބަސް ވިދާޅު ނުވެ "ހަނު ހުންނަވާ" ހުންނެވުމެވެ. ނަމަވެސް، މަހުދީ ޙަސަން ވިދާޅުވެފައި ވާ ފަދައިން، ސޫ ޗީގެ ކުށަކީ ބުޑިސްޓް ޓެރަރިސްޓުން ހިންގަމުން ގެންދާ ޖެނޮސައިޑާ ދެކޮޅަށް ކަމެއް ނުކުރައްވައި، އެކަން ކުށްވެރި ނުކުރައްވައި، އެކަމާ ދެކޮޅަށް އަޑު ނުއުފުއްލަވައި ހުންނެވުން އެކަންޏެއް ނޫނެވެ. ރޮހިންގާ މުސްލިމުންނަށް އަނިޔާ ކުރެވޭ ވާހަކަ ދެއްކުމަކީ ޓެރަރިޒަމަށް ހިތްވަރު ދޭ ހުސް ދޮގު ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ. އޭނާގެ ނިޔާގައި، ރަކީން ސްޓޭޓުގެ ހުރަހަށާއި ދިގަށް، ރޮހިންގާ މުސްލިމުންގެ ބޯމައްޗަށް އޭނާގެ ސަރުކާރުން ފާ ކޮށްފައި ވާ މަރުގެ ބިރުވެރި ކަޅުވިލާތަކަކީ ބަރުމާގެ ދިފާއުގައި ހިންގާ "ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތަކެކެވެ". ރޮހިންގާ މުސްލިމުންގެ ނަސްލީ ޝަނާކަތު ނަފީ ކުރެއްވުމުގެ ގޮތުން، " ރޮހިންގާ" މި ނަން ބޭނުން ކުރުމަށް އޭނާ އިންކާރު ކުރައްވައެވެ. 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ، ބަރުމާގައި ހުންނަވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އެންބެސެޑަރަށް ވެސް "ރޮހިންގާ" މި ނަން ބޭނުން ނުކުރުމަށް އަންގަވައިފައެވެ. ސޫ ޗީގެ ސަރުކާރުގެ ސިފައިންގެ ތިން މީހުން ވެގެން ރޭޕް ކުރި ރޮހިންގާ އަންހެން ކުއްޖެއް ކަމަށް ވާ ޖަމާލީދާ ބޭގަމް، އޭނާ ކުރި ބިރުވެރި، ވޭންދެނިވި، ހިތްދަތި ތަޖުރިބާގެ ވާހަކަ ކިޔައިދީ، އެ ވާހަކަ ދުނިޔޭގެ މީޑީޔާތަކަށް އެރުމުން، ސޫ ޗީގެ ރަސްމީ ފޭސްބުކް ސަފުހާގައި އެ އަންހެންކުއްޖާއަށް ފުރައްސާރަ ކުރީ "ފޭކު ރޭޕް" މި އިބާރާތް ބޭނުން ކޮށްފައި ވާ ބޮޑު ބެނަރެއް އަރުވައިގެންނެވެ. 1995 ގައި، ޗައިނާގެ ބެއިޖިންގ ގައި "އެންޖީއޯ ފޯރަމް އޮން ވިމެން" ގެ ނަމުގައި ބޭއްވުނު މަޝްހޫރު ބައިނަލްއަޤްވާމީ މަހާސިންތާގައި، ވީޑިޔޯ މެސެޖެއްގެ ޒަރީޢާއިން، ސޫ ޗީ ދެއްވި ތަޤުރީރުގައި، "ހަނގުރާމަތަކުގައި އެންމެ ބޮޑަށް ނިކަމެތި ވަނީ އަންހެނުންނާއި ކުޑަ ކުދީން" ކަމަށް ވިދާޅުވެ، ވަރަށް "އަސަރާ އެކު" ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. ޖަމާލީދާ ބޭގަމަށް މަލާމާތް ކުރެއްވި އިރު، އޭނާގެ ހަނދުމަފުޅުގައި ކުރީން ދެކެވުނު ވާހަކަ ނެތީ ބާވައެވެ!

އެއްވެސް އޮޅުމެއް ނެތެވެ. ސޫ ޗީ އެ ހުންނެވީ ވަކި ފަރާތަކަށް ޖެހިވަޑައިނުގެން، "ހަނުހުރުމެއްގައެއް" ނޫނެވެ. އޭނާ އެ ހުންނެވީ އޭނާގެ ކޮޅު އިޚްތިޔާރު ކުރައްވައިގެންނެވެ. އެއީ ޖެނޮސައިޑާއި، އަނިޔާވެރިކަމާއި، އިސްލާމޯފޯބިޔާގެ ކޮޅެވެ. އޭނާއަކީ ބުޑިސްޓް ޓެރަރިސްޓުންގެ ވަހުޝީ ޖަރީމާތަކުގެ ބައިވެރިއެކެވެ.

ރޮހިންގާ މުސްލިމުންގެ ތެރޭގައި ޤަތުލާއި، އަނިޔާ އާއި، ރޭޕާއި، ޢާއިލާގެ މެންބަރުން ގެއްލުމާއި، ބޮޑެތި ބަލިމަޑުކަން ފަދަ މުޞީބާތްތައް ތަޙައްމަލު ކުރަމުން ނުދާ އެއްވެސް ޢާއިލާއެއް ވާ ހެނެއް ހީއެއް ނުވެއެވެ. ބަރުމާގެ ސަލާމަތީ ބާރުތަކުން ހިންގާ ކޮންސެންޓްރޭޝަން ކޭމްޕުތަކުގައި އެމީހުންގެ ނޭވާ އުފުރިއަރަމުން ދަނީއެވެ. ވަރަށް "ކުޑަ ކުޑަދޮރަކުން، ދޭތެރެއަކުން" އެތެރެ ވާ ޚައިރާތުގެ ތަކެތި ފިޔަވައި، ތުއްތު ދަރިއަކަށް ދޭނެ ވެސް ރަނގަޅު ކާއެއްޗެއް، ބޯން ކަމުދާ ފެންފޮދެއް ވެސް އެމީހުންގެ އަތަކު ނުވެއެވެ. އެމީހުންގެ ވަށައިގެން އަނިޔާވެރި ފުލުހުންނާއި ސިފައިންގެ ޕޯސްޓުތަކާއި، ކަތިވަޅި އާއި ވަޅި އާއި އަލިފާނުން ހަތިޔާރު އަޅައިގެން އުޅޭ ބުޑިސްޓް ޓެރަރިސްޓުންނެވެ. ތިބި ތަނުން އެހެން ތަނަކަށް، ފުރާނަ އަތްމައްޗަށް ލައިގެން މެނުވީ، ދެވޭނެ ގޮތެއް ނެތެވެ. ޅަދަރީންނާ އެކު، ޢާއިލާތައް އެމީހުންގެ ޖިފުޓިތަކުގެ ތެރޭގައި ތިއްބައި އަންދައިލެވެނީއެވެ. ކުޑަކުދީންނާއި ބޮޑެތި މީހުން، ޖަމާޢަތް ޖަމާޢަތަށް، ވަޅުވަޅުގަނޑަށް އަޅައި ދިރިތިއްބައި ވަޅު ލެވެމުން ދަނީއެވެ. ތުއްތު ކުދީންގެ ކަރު ބުރި ކޮށްލެވި، ބޮޑެތި މީހުންގެ ހަށިތައް ކަތިވަޅީން ކޮށައިލެވެނީއެވެ. މި އަނިޔާތަކަށް ކެތް ނުކުރެވިގެން، ހަދާނޭ ނަހަދާނޭ ގޮތެއް ނޭނގިގެން، އަނގަމަތި މަސްއޮޑިފަހަރުގައި ބޭ އޮފް ބެންގޯލުގެ ގަދަފަދަ ކަނޑުތެރެއަށް އެމީހުންގެ އެތައް ހާސް ބަޔަކު ނުކުންނަމުން ދާ އިރު، އޭގެ ތެރެއިން އެތައް ބަޔަކު މާކަނޑުގައި ޙާލުގައި ޖެހި، ގަދަ ކަނޑުގެ ރާޅުތަކުގެ ޝިކާރަޔަކަށް ވެ ޣަރަގު ވަމުން ދަނީއެވެ.

މި އަނިޔާވެރި ކަމުގެ ކޮޅެއް މެދެއް ޙައްދެއް މިނެއް އެބަ އޮތްތޯއެވެ؟

މި ހުރިހާ ކަމެއް ހިނގަމުން ދާ އިރު، މުސްލިމު ޤައުމުތައް މަކުރޫހަ އަޑުއަޑުން ގުގުރި ދަމަދަމައިފައި ނިދަނީއެވެ. ބަރުމާޔާ ދެކޮޅަށް ޢިއްޒަތުއްނަފުސާއި، ޙުރުމަތާއި، ޝަރާފަތާ އެކު ތެދު ވާން ކެރުނު ހަމަ އެއް ޤައުމު ވެސް އިސްލާމީ ދުނިޔޭގައި ނެތެވެ. ތުރުކީ ފަދަ މަދު ޤައުމެއް ނޫނީ މި ކަމާ ޙަޤީޤަތުގައި ކަންބޮޑު ވެގެން އުޅޭ ތަނެއް ވެސް ނުފެނެއެވެ. މުސްލިމް އެތައް ޤައުމެއްގެ ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙުން ވެސް ފެންނަނީ އިނގިރޭސީންގެ ތައްޕާހުން، ޞަލީބީންނާއި ސަހްޔޫނީންގެ އަންބޮނޑީން ކައިގެން އުޅޭ "ސޫ ޗީތައް" އަމިއްލަ ޤައުމުގެ ތަޚުތުތަކަށް ނުވެޑުވެވިގެން ތެޅިފޮޅޭ ތަނެވެ. ހުރީ ހިތާމައިގެ ކޮޅު ނެތް ކޮޅަށް ހުރި ހިތާމައެވެ. މުސްލިމުން ޣާފިލުކަމުގެ ނިންޖަކުން ނިދައިފައި ތިބި އިރު، ޞަލީބީންނާއި ޒައިނިސްޓުން އެ ތިބީ ބަރުމާޔަށް ވާގިވެރި ވާ ބައެއްގެ ގޮތުގައޭ ނޫނީ އަޅުގަނޑު ނުދަންނަވާނަމެވެ. ޞައްދާމު ޙުސައިން ނުގޮތަކަށް ވަޔެއް ލިޔަސް، އިންސާނީ ޙައްޤޭ، ޑިމޮކްރަސީއޭ ކިޔައި ބެރު ތަޅައިގެންފައި، ޢިރާޤަށް ބޮމާއި މިސައިލުގެ ވާރޭ އޮއްސި "އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ޣާޒީން" އެ ތިބީ ސޫ ޗީގެ ދިފާޢުގައެވެ. އިންސާފެއް، ޙައްޤެއް، ޙަޤީޤަތެއްގެ އަގެއް ނެތެވެ.

ޖަންގަލީގެ ގާނޫނުގެ ދުނިޔެއަށް މަރުޙަބާއެވެ!

comment ކޮމެންޓް