މެކްސިކޯ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް ކުޑަ، ބާރެއް ނެތް

މެކްސިކޯ އަށް އައި ބިންހެލުމާ ގުޅިގެން ވެރިރަށް މެކްސިކޯ ސިޓީގެ ރައްޔިތުން ހޮސްޕިޓަލެއް ކައިރީ -- ފޮޓޯ: ރޮއިޓާސް

މެކްސިކޯ ކައިރިއަށް އައި، ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާތަނަށް ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މެކްސިކޯގެ ހުޅަނދުދެކުނުން ކަނޑުގެ އަޑިއަށް 8.1 މެގްނިޓިއުޑުގެ ބާރުގައި އައި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރުވެސް ދިނެވެ. ނަމަވެސް ސުނާމީއާ ގުޅިގެން އުފެދުނު ބާނިތަކުގައި ބާރެއް ނެތެވެ.

އެ ބިންހެލުމުގެ ސަބަބުންް ދެ މީހަކު މަރުވެފައިވާ ކަަމަށް މެކްސިކޯގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވާއިރު، އެ ހާދިސާގައި ޒަހަމްވި މީހުންގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ބިންހެލުން އައި ސަރަހައްދު --

އެ ބިންހެލުން އައިސްފައި ވަނީ މެކްސިކޯގެ ހުޅަނގުދެކުނުން 120 ކިލޯމީޓަރު ދުރަށް، ގުއަޓެމާލާގެ ބޯޑަރު ކައިރިން 33 ކިލޯމީޓަރު އަޑިއަށެވެ. އަދި އެބިންހެލުމަށް ފަހު 4.9 މެގްނިޓިއުޑާއި 5.7 މެގްނިޓިއުޑާ ދެމެދުގެ ގުޑުންތައް ވެސް އެ ސަރަހައްދަށް އައިސްފައިވެ އެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ އެބިންހެލުމުގެ ސަބަބުން 0.7 މީޓަރު (2.3 ފޫޓު)ގެ ރާޅެއް މެކްސިކޯއަށް އަރާފައިވާ ކަމަށް ބުނެފަ އެވެ. މެކްސިކޯގެ އިތުރުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވާ ގައުމުތަކުގެ ތެރޭގައި އިކުއެޑޯ، ގުއަޓެމާލާ، ނިކަރާގުއާ، ޕެނަމާ، ހޮންޑޫރަސް، މެކްސިކޯ، އެލް ސެލްވެޑޯ އަދި ކޯސްޓަރީކާ ހިމެނެ އެވެ.

އެ ބިންހެލުމުގެ ސަބަބުން ވެރިރަށް މެކްސިކޯ ސިޓީގެ އިމާރާތްތައް ގުޑުނު ކަމަށާއި، ބައެއް ސަރަހައްދުތަކުގައި ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މެކްސިކޯގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި އެބިންހެލުމަކީ 1985ގެ ފަހުން ވެރިރަށަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މީގެ 32 އަހަރު ކުރިން އައި އެބިންހެލުމުގައި ގާތްގަނޑަކަށް 5،000 މީހުން މަރުވެ، ގިނަ އަދަދެއްގެ ގެތައް ބިމާ ހަމަވި އެވެ.

comment ކޮމެންޓް