Sun Online

އަހަރެންގެ ހިތް އަނބުރާދީ - 48

ލިޔުނީއައިޝާ ނަސީމް

ވިޝާމް ހުރީ ރޯޒްމެހެލްއަށް ވަންނަން ޖެހިލުންވެފައެވެ. ނަމަވެސް ސަލްވާ އެކަނި އެގޭގައި އުޅެނިކޮށް މީހަކު އަނިޔާއެއްވެސް ދީފާނެއެވެ. ސަލްވާ ރައްކާތެރިކުރުމަކީ އޭނަގެ ޒިންމާއެކެވެ. މިއާއިލާއިން ސަލްވާއާއި ދޭތެރޭގައި ކަންތައްކުރަނީ އިހާނެތިކޮށެވެ. މެހެރީނާކަހަލަ ނުބައި އަންހެނަކު ހުރިތަނެއްގައި އެއްވެސް މީހަކަށް ހަމަޖެހިގެނެއް ނޫޅެވޭނެއެވެ. މަންމައާއިމެދު ކަންތައްކުރިގޮތުން އެކަންވަނީ ސާބިތުކޮށްދީފައެވެ. ވިޝާމް އަޒަލްގެ ކޮޓަރިއާއި ހަމަޔަށް ދިޔައިރު ދޮރުމަތީގައި ސިކުއިރިޓީއެއް ހުރެފައި އެކަން މަނާކުރިއެވެ. ފުލުހުންގެ ހުއްދަނެތްކަމަށް އެންގިއެވެ.

"ޑޮކްޓަރ ވިޝާމް. ވަރަށް އަދަބުވެރިކަމާއިއެކު މިދަންނަވަނީ މިތަނަށް ވަނުން އިހަށް މަނާ........މިއީ ކްރައިމް ސީންއެއް..........." އެކަކު ބުނެލިއެވެ.

ވިޝާމް ހުރީ ހައިރާންވެފައެވެ.

އަޒަލްގެ މަރު "ކްރައިމް ސީން" އަކަށް ވާންވީ ސަބަބެއް އެއްގޮތަކަށްވެސް ނޭގެއެވެ.

"ރިއަލީ؟ ކާކު އެގޮތަށް ނިންމީ؟ "

"މެޑަމް......."

އެބުނާ މެޑަމްއަކީ މެހެރީނާ ފިޔަވާ ދެވަނަމީހަކަށް ނުވާނެކަން ވިޝާމްގެ ތޫނު ސިކުނޑިން ދެނެގެންފިއެވެ. އޭނައަށް ވިސްނުނެވެ. އަޒަލްގެ މަރު އޭނަގެ ބޮލުގައި އަޅުވަން މެހެރީނާ އުޅެނީ ބާވައެވެ. އެކަމަށްޓަކާ އޭނަ ކޮށްފައި ނުކުރާނެކަމެއް ނުވާނެއެވެ. ވިޝާމް ދެފިކުރެއްގައި ހުރެފައި ސިޑިން ފައިބަން ހިނގައިގަތީ އެމީހުންނާއި ނުތޮޅެންވެގެންނެވެ. އާދައިގެ ދުވަހެއްނަމަ އެފަދަ ދެތިން މީހުންނާއި ކުރިމަތިލާނެ ހިތްވަރު ހުންނާނެއެވެ. މިއަދު އޭނަގެ ރޫހުވެސް ވަނީ މަރުވެފައެވެ. ހިތްވަރެއްނެތެވެ. ސަލްވާއަށް ކުރިމަތިވެފައިވާ ހިތްދަތިކަންތައްތަކަކީ އޭނަގެ ސަބަބުން ކުރިމަތިވާ ކަންތައް ކަމުގައި ދެކެ އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. އަދި އަޒަލް މަރުގެ ތުންފަތް މައްޗަށް ވައްޓާލި މީހަކީ އޭނައޭވެސް ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް އަޒަލްގެ މަރުގެ ޒިންމާވެސް އޭނަ އުފުލަން ޖެހެއެވެ. ސަލްވާގެ ހަޔާތް ބަރުބާދުވަނީވެސް އޭނައާއި ހެދިއެވެ.

ވިޝާމް ކާކޮޓަރިއަށްވަދެ ކޮފީ ޕޮޓެއް ހިފައިގެން ގޮސް އިށީނީ ޕޫލްކައިރީގައެވެ. ސިގިރެޓަކަށްފަހު ސިގިރެޓެއް ހުލިކުރަމުން ދިޔައިރުވެސް ހިތާއި ރޫހަކަށް ހަމަޖެހުމެއް ނުލިބުނެވެ.

އަނދިރިކަން ގަދަވަމުންގޮސް މުޅި ސަރަހައްދު އަނދިރިވުމުންވެސް މިރޭ ބަގީޗާގެ ބޮކި ދިއްލާނެ މީހަކުވެސް ނުވިއެވެ. ވިޝާމް އިންދިމާލުން ފެންނަން ހުރީ އެކަނި ސިގިރެޓްގެ ހުޅުކޮޅެވެ.

"ސަލްވާ ބުނިހެން ލޯބިވާ މީހަކަށްޓަކާ އަސްލު ވާންޖެހޭނީ ސެލްފްލެސް ލަވްއެއް. ސެކްރިފައިސްކުރަން ޖެހޭނީ. ސަލްވާގެ އުފަލަށްޓަކާ އަމިއްލަ ނަފުސް ގުރުބާންކުރަން ޖެހޭނީ. އެކަމަކު މިކުރެވުނީ ކޮންފަދަ ބޮޑު ކުށެއް. އުމުރަށްވެސް ގިލްޓީވާނެ. އަޒަލް އަލުން ދުނިޔެއަށް ގެންނަންކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްފާނަން. ނަމަވެސް......އަޒަލް ދެނެއް ނާންނާނެ. ބްރެއިން ޑެޑްވުމަށްފަހު ދިރުމަކީ މުސްތަހީލްކަމެއް. ނަމަވެސް ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ފަރާތެއްވޭ......" ވިޝާމް ސަންބެޑްގައި އޮށޯވެލައިގެން އުޑާއި ދިމާލަށް ބަލަން އޮތްއިރު އޭނަގެ ލޮލުގެ ކޮޅުން ފައިބަމުން ދިޔަ ކަރުނަތިކިތައް ކަންފަތުގެ ހިނދުރިއަށް އެޅެމުންދިޔައެވެ. އެހިތަށް ކޮށްފައިވާ އަސަރުތައް ބަޔާންކޮށެއް ނުދެވޭނެއެވެ.

"ޑޭމިޓް ވައި މީ.......ކީއްވެ އަހަރެން ސަލްވާގެ ފަހަތުން އައީ؟ ދުރަށް މާ ދުރަށްގޮސް ގެއްލެންވީމަ މިކުރެވުނީ ކޮންފަދަ ކަމެއްތަ؟ ދެ އަންހެންކުއްޖެއްގެ ހަޔާތް ބަރުބާދުކޮށްލެވިއްޖެ. ސަލްވާ. އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދީ. އޭރުން އަހަންނަށް ދުރަށް ދެވިދާނެ. އެހެންނޫނީ އަހަރެންގެ ހިތާއި ނުލާ ދުނިޔޭގައި އުޅޭނެ ގޮތެއް ސަލްވާ ބުނެދީބަލަ މިވަރަށް ހިތް ރޮއްވަން އަހަރެން ކުރި ކުށަކީ ސަލްވާދެކެ ލޯބިވުންތަ. ދީވާނާވެ އާވާރާވެގެން ސަލްވާގެ ފަހަތުން އުޅުނަސް ސަލްވާ އަހަރެން ދެކެ ލޯތްބެއްނުވޭ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން. އަހަންނަށް އަދިވެސް ސަލްވާގެ ކައިވެނި ސަލާމަތްކުރެވިދާނެ. ސަލްވާ އުފަލުގައި ހިނިތުންވެލައިގެން ހުންނަތަން ދެކެން މިހާރު މިހިތް އެދެނީ. އެނޫން އެހެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. އަހަރެން ދުރަށް ދާނީ. ވީހާވެސް ދުރަށް."

"ޒެލް. ކިހިނެއް އަހަރެން ޒެލްމަތިން ހަދާން ނައްތާލާނީ. އެއީ ކޮންމެހެން ޒެލްދެކެ ލޯބިވާތީއެއްނޫން. ނަމަވެސް މީހެއްގެ ހުރި އެންމެ އަންހެންދަރިއެއް މަރުވެގެންދާ ރީޒަންއަކަށް އަހަރެން ވެގެން ނުވާނެ. ކީއްވެ؟ ޒެލް ކީއްވެ ތިހެން ހެދީ؟ ޒެލް އަމިއްލައަށް މަރުވާންވެގެން ގަސްތުގައި ފުންމާލީތަ؟ ނޫނީ ވެއްޓުނީތަ؟ އަހަންނަށް ޒެލް ހިތާމަކުރާވަރު އެނގުނީ އަދި ކިރިޔާ. ޒެލްގެ ހިތުގައި އަހަންނާއިމެދު ވާ އެއްޗެއްވެސް އެނގެނީއެއްނޫން. އެކަމަކު ހާދަ ކެއަރިންއޭ. ހާދަ ރަގަޅޭ. ތިކަހަލަ އަންބެއް ނަސީބުވެރިއަކަށް ނޫނީ ނުލިބޭނެ. އެކަމަކު އަހަރެންގެ ހިތުން އެހެން އަންހެންކުއްޖަކަށް އެއްވެސް ޖާގައެއް ނުދެވޭނެ. ދެވޭނެނަމަ ޔަގީނުންވެސް އެމަގާމު ދެވޭނީ ޒެލްއަށް. ތީ ހަމަ އެންޖެލްއެއް. ގޯޑް. އައި ޓްރީޓެޑް ޔޫ ސޯ ބޭޑްލީ. ތިހާ މާތް އަންހެންކުއްޖަކާއި ދޭތެރޭ އަހަންނަށް ކަންތައްކުރެވުނީ އަންފެއަރކޮށް. ސަލްވާއާއި ހެދި އުޅެވުނުލެއް ބޮޑުކަމުން އެހެން ކުއްޖަކަށް އެހާ ބޮޑު ދެރައެއް ދެވުނުއިރުވެސް ވިސްނާނުލެވުނު. ޒެލް. އަހަންނަށް މާފުކުރޭ....." ވިޝާމްގެ ހިތުގައި ތަފާތު ޝުއޫރުތައް ހިނގިއެވެ. ފުރަތަމަ ފަހަރަށް އެދެލޮލަށް ކަރުނަ އައީ އަޒަލްއަށްޓަކައެވެ.

އަޒަލް ދުނިޔެއާއި ވަކިވެގެން އެދަނީ ނަމެއްގައި އޭނަގެ އަނބިމީހާގެ ގޮތުގައި ހުރެއެވެ. ހައިކަލްގެ ބަގީޗާގައި ފޮޅިފައިވާ އެ ރީތި މަލުން ފޮނިބުއިމުގެ ނަސީބެއް އެއްވެސް މާބުރަކަށް ނުލިބުނެވެ. އެކަން އެނގޭނީ އޭނައާއި އަޒަލްއަށެވެ. އެހެންމީހުނަށް އެސިއްރުވަނީ ފޮރުވިފައެވެ.

ސަލްވާ ކާކޮޓަރިއަށް ދިޔަތަން ފެނިފާ މެހެރީނާ ފަހަތުން އައެވެ. އަޒަލް އެހާލުގައި އޮތްވާ މެހެރީނާ މިތާގައި ކުރަނީ ކީއްހެއްޔެވެ؟ އޭނަ އެކަނި ބަހައްޓައިގެން މެހެރީނާ ހިތްހަމަނުޖެހުނީއެވެ. މެހެރީނާ ސަލްވާގެ ސޫރަ ފެނިފައި އައީ އަމަށަކު ރުޅިއެއްނޫނެވެ. ކަޅުކުލައިގެ އަތްދިގު ހެދުމަކާއި ރަން އަދި ކަޅުކުލައިގެ ޝޯލްތެރެއިން މޫނުފެންނައިރު އޮމާންކަމުން އަތް ޖައްސާލިޔަސް ކައްސާލަފާނެއެވެ.

"އައްސަލާމް އަލައިކުމް ..." ސަލްވާ ފްރިޖު ހުޅުވާލާފައި ނެގި ޖޫސްޕެކެޓް މޭޒުމަތީގައި ބެހެއްޓިއެވެ.

"ސަލާމް ގޮވީމަ ހުރިހާކަމެއް ފުރިހަމަވީ. ތިމާވަރުގެ އަޅުވެރިއެއް ނެތްކަމަށް ދައްކަންވެގެން ކަލޭ ނުކުރާކަށް ކަމެއްނެތްކަން މުޅި ރޯޒްމެހެލްވެސް ދަނޭ. ކަޅުހެދުމުގެ ސަބަބުން އެހެންމީހުންގެ ލޮލުގައި އަނދުން އަޅުވައިގެން ހުއްޓަސް ތިއީ މަކަރުވެރިއެއް. ކަލެއާއި ވިޝާމް ކުޅުނު ގޭމްގެ ޝިކާރައަކަށް އިނޮސެންޓް ކުއްޖަކު ވެ އެއޮތީ މަރާއި ހަގުރާމަކޮށްކޮށް.. ކަލޭގެ ސޫރަ ދެކޭކަށްވެސް ދޮންބެ ބޭނުމެއްނުވާނެ.." މެހެރީނާ އެތިވަރު ގޮވައިގަތެވެ. ކިރިޔާވެސް އެ ހަސަދައިން ކަޅިވެފައިވާ ހިތަށް ލުއިވެލަނީ ސަލްވާއާއި ދިމާކޮށްލެވުނު ވަރަކުންނެވެ. ރުޅީގެ ސަބަބުން ވަށްކޮށްފައިވާ ދެލޯ ފެނިފައި ސަލްވާ ބިރުން އަވަދިވާގޮތްވިއެވެ. ފަހަތަށް ޖެހެވުނެވެ. ހީކުރީ އޭނަގެ ގައިގާ ޖަހާނެކަމަށެވެ. ނަމަވެސް ވީ އެހެންނަކުން ނޫނެވެ. މޫނަށް ހުރަސްކޮށްލެވުނު އަތް ދުރުކޮށްލިއިރު މެހެރީނާ ޖޫސްޕެކެޓްގައި އަތުން ޖަހާ ހޫރުވާލައިފިއެވެ.

"މިގެއިން އެއްވެސް އެއްޗެއް ތި އަނގަޔަށް ލުން ހަރާމްވާނެ. ނުސީދާކޮށް ނަމަވެސް ޒެލްގެ މަރުގެ ޒިންމާއެޅެނީ ތި އަންހެނާގެ ބޮލުގައި ކަން ދަންނާތި......." މެހެރީނާއަދިވެސް ހުރީ ދެލޯ އަޅާލައިގެންނެވެ.

"ޒެލް ކިހިނެއްތަ؟ " ސަލްވާ އަހައިލިއެވެ.

"ލަދެއްވެސް ނުގަނެ އަދި އަހައިފިއެއްނު ޒެން ކިހިނެއްހޭ. ޒެލްގެ ވާހަކަ އަހަން ތިއީ ކާކު. މާ ލޯބިވާކަމަށް ހެދިގެން އުޅެފައި އެތަނަށް ވަދެލާކަށްވެސް ނުކެރުނެއްނު. އަބަދު ތަސްބީހައެއްހެން އެނަން ކިޔަމުންގޮސް ތި ލޮލުގެ ވިހަކަން ނޭގޭ ޖެހުނީ. އާ އެހީތީ ބުނެފާނަން. ޒެލް އިޒް ބްރެއިން ޑެޑް. ކަލޭގެ ލޯބިވެރިޔާ އެކުއްޖާ މަރާލީ. ބޯތް އޮފް ޔޫ އާ ވައިލް މާރޑަރާސް. ޝަރީއަތަށްވެސް ގެންދާނަން. ބަލައްޗޭ. ޖަލުގެ ކުޑަ ގޮޅިއަކަށް ކަލޭމެން ނުވައްދައިފިއްޔާ އަހަރެން ހިނގާނީ އެކޮޅުކޮޅުން....." މެހެރީނާ އަޑުގަދަކޮށްލިއެވެ. އޭނައަށް އެވާހަކަތަކުން އަޅައިގަތީ އެކަނި އަޒަލް ބްރެއިން ޑެޑްކަމަށް ބުނުމުން އެކަމާއެވެ. މެހެރީނާ އޭނައަށް އޮޅުވާލަން ބުނި އެއްޗެއްބާވައެވެ. އަޒަލް އެހާ ބަލިހެއްޔެވެ؟

ސަލްވާ ކުއްލިއަކަށް މޭގައި އަތް އެޅިއިރު ހިތަށް ކުރި ބާރަކުން ހިންދިރުވާލަންވެސް އުދަގޫވިއެވެ. ހިތާއި ރޫހުވެސް ރޫރޫ އަޅާފަދަ ޚަބަރަކަށްވިއެވެ. ދެލޮލުގައި ބަބުޅަންފެށި ކަރުނަތިކިތައް ތިރިއަށް ދެމިގަތެވެ.

އަޒަލް އެހާ ބަލިކަމެއް އެފަކީރަށް ރޭކާވެސް ނުލިއެވެ. އުއްމީދެއްނެތޭ ބައެއްމީހުން ކީއިރުވެސް އޭނަ އުއްމީދުކަނޑައެއް ނުލައެވެ. ނަމަވެސް ސިކުނޑި މަރުވުމުން އިންސާނާ މަރުވީ ނޫންހެއްޔެވެ؟ ސިކުނޑިއަކީ އިންސާނާގެ މުޅިހަށިގަނޑު ކޮންޓްރޯލް ކުރާ އެންމެ މުހިއްމު ގުނަވަނެވެ. ސިކުނޑި ނެތުމަށްފަހު އެއީ ނެތްމީހެކެވެ. މެހެރީނާ އެބުނީ އަޒަލްގެ ސިކުނޑި މަރުވީ ވާހަކައެވެ. ސަމާސާއަކަށްވެސް ދެން އެކަހަލަ ވާހަކައެއް އޭނަވެސް ނުކިޔާނެ ތާއެވެ.

އޭނަ ވަގުތުން އަނބުރާލާފައި ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ.

"ޒެލް އައިމް ކަމިން.. ޕްލީޒް ޑޯންޓް ޑައި. ޕްލީޒް ޑޯން ލީވް އަސް. ޑޭޑްއަށްޓަކާ. ހީ ލަވްސް ޔޫ ސޯ މަޗް. ޒެލްއަށް ކަމެއް ވެއްޖެއްޔާ ޑޭޑްގެ ހުރިހާ އުފާތަކެއް ދިޔައީ.....ޔާ ﷲ. އަޒަލްއަށް ޝިފާ ދެއްވާދޭވެ...." ސަލްވާ ހުރީ ހިތް ހަލާކުވާވަރުވެފައެވެ. ކޮޓަރިއަށް ވަންގޮތަށް އެންމެ ކުރިން އަތުޖެހުނު ކަޅުހެދުން ލައިގެން ދުއްވައިގަތްއިރު ޝޯލްވެސް ރަގަޅަށް ހަރުނުލައެވެ.

ސަލްވާ މަގުން ދިޔަ ކާރެއް ހުއްޓުވައިގެން އެރިއެވެ. ކާރުތެރޭގައިވެސް ސަލްވާގެ ލޮލުން ކަރުނަ ނުހިކެއެވެ. އަޒަލްގެ މަތިން ހަދާންވަނީ މާ ވަރަށެވެ. އަބަދު ހީހީ ހުންނަ އެރީތި އަންހެންކުއްޖާގެ ލާނެތް ވާހަކަތައް ހިތް ތޮރުފަނީއެވެ. އެއާއިލާގެ ފޮޓޯއެއް ލާފައި އަޒަލް ކުރި ކޮމެންޓް އަދު އަދަށްދާން ދެން އެހެރީ ފެންނާށެވެ. ސަލްވާއަށް ތައުރީފުކޮށްފައި ކޮށްފައި އިން ކޮމެންޓް ހާދަ ލޯތްބެވެ. އޭނައަކީ "ޖެމް" އެއްގެ ގޮތުގައި އަޒަލް ސިފަކުރާނީ ކިހާވަރެއްގެ ގަދަރެއް އެހިތުގައިވާތީހެއްޔެވެ؟

ދާންވީ ތަނުގެ ނަން ބުނުމަށްފަހު ޓިޝޫއިން ކަރުނަފޮހެން އިންދާ އެހިސާބަށް ދެވުނެވެ.

ސީސީޔޫ ގެ ކުރިމަތީގައިވާ ގޮނޑިތަކުގައި ތބި މީހުން ބަލަންފެށީ ނުރުހުމުގެ ނަޒަރުންނެވެ. ލިބުނު ނިކަމެތިކަމާއި އެއްވަރަށް އޭނައަކީ އެ ގަދަރުވެރިންނާއި އެކަށީގެންނުވާ ވަރުގެ މީހެއްކަން އިހުސާސްކޮށްދޭފަދަ ބެލުންތަކެވެ. ނިކަމެތިކޮށްލުމުގެ ބެލުމެވެ. އެންމެންވެސް ރީތި ސްޓައިލިޝް ހެދުންތަކުގައެވެ. އަޅައިގެން ހުރި ހެދުންވެސް ތަފާތީ އޭނަގެއެވެ. އެއިން އެއްވެސް ކަމަކުން ފަސްޖެހުމެއްނެތި ސަލްވާގެ ފިޔަވަޅުތައް ކުރިއަށް އެޅިއެވެ. އަޒަލްއޮތް ހާލު ދެކެފައި ނޫނީ އޭނަ ހުއްޓުވޭނެ މީހެއް މިތާކުނެތެވެ. މެހެރީނާ އޭނަގެ ގައިގާ ތަޅާ މެރިޔަސް އޭނަ ދުރަށް ނުދާނެއެވެ. ފިސާރި ސާބިތުކަމާއިއެކު ގޮސް ސީސީޔޫއަށް ވަނުމާއިއެކު ސަލްވާގެ ހިތް ގެނބޭފަދަ ގޮތެއްވިއެވެ. އަޒަލްއޮތް ހާލު ފެނިފާ ހިތް ކުދިކުދިވެގެންގޮސް ދެލޯ ފުސްވާންފެށީ ކަރުނުންނެވެ. އެކުއްޖާއޮތް ހާލު ދެކެފައި ހިތަށް އަސަރުނުކުރާންވީ ކީއްވެހެއްޔެވެ؟ ހޮޅިތައް ގުޅާފައިވާ މެޝިނެކޭ އަޒަލް ތަފާތެއް ނެތެވެ. މެޝިންތަކުގެ ބީޕްއަޑުންވެސް ބިރުން ފިތްކަނޑައިގެން ދާވަރުވިއެވެ. ހައިކަލްއާއި ކައިރީގައި ހުއްޓިފައި އެމޫނަށް ބަލާލުމުން އަދި ސަލްވާއަށް އަޑުވީއްލާ ރޮއިނުގަނެވުނީ ހަމަ ކިރިޔާއެވެ. ބަސްބުނުމަކާއި ނުލައި އަޒަލްގެ ހާލު ހައިކަލް ބުނެދީފިއެވެ. އެހިމޭންކަން ޖަބާކަށް ފުދުނެވެ. އެރީތި ފުންމިން އެނގުމެއްނުވާ ދެލޮލުގައި ވި ހިތްހަލާކުވާފަދަ އަސަރުތަކުން ސަލްވާގެ ފުރާނަވެސް ރޫރޫ އަޅައިގަތެވެ.

"ޒެލް ކިހިނެއްވެފަ ތިއޮތީ. ލޯ ހުޅުވާލަބަލަ....ޕްލީޒް. ލަވް ޔޫ ޒެލް................." ސަލްވާ އަޒަލްގެ އަތުގައި ހިފާ ފިތާލިއެވެ. އެއްވެސް ހަރަކާތެއްނެތް ބުދެއްފަދައިން އަޒަލް އޮތުމުން ހައްތަހާ ސަލްވާ ބިރުގަތެވެ. ހައިކަލް ހިތްވަރުދޭން ޖުމްލައެއް ބުނެލާނެނަމައެވެ. ނަމަވެސް ހައިކަލްގެ ހިމޭންކަން ސަލްވާގެ ހިތަށް ތީރުތަކެއްފަދައިން ހެރުނެވެ.

ހިތާމަކޮށް ކަރުނައަޅައިގެނެއްވެސް މަރަކީ ހުއްޓުވޭނެކަމެއް ނޫނެވެ. އެއީ އިލާހީ ގާނޫނެވެ. ވަގުތު ޖެހުމާއިއެކު ލަހެއް ފަހެއްނެތި ދުނިޔެއަށް އަލްވަދާއު ކިޔަންޖެހޭނެއެވެ. ދާއިމީ ގޮވަތްޗަށްދާން ދަތުރުހަދައިގެން އަބަދު ތިބޭނީ ބުއްދިވެރިންނެވެ. އަޒަލްއަށްޓަކާ މިވަގުތު ކަރުނައަށްވުރެ މުހިއްމުވާނީ ހެޔޮ އެއްޗެއް އަޑުއިވުމެވެ. ގުރުއާނަކީ ބަލިމީހާއަށް ހަމައެކަނި ޝިފާއެއްވެސް ނޫނެވެ. މަރުގެ ސަކަރާތުންވެސް ލުއިކޮށް ފުރާނައަށް ހަމަޖެހުން ގެނުވާދޭނީ މަތިވެރި ރަސްކަލާގެ އާޔަތްތަކުންނެވެ. ސަލްވާ އެކަން ވިސްނާލާފައި އަޒަލް އެންމެއަޑުއަހާހިތްވާ ގުރުއާން ޖައްސާފައި އަޒަލްގެ ބޯލާކޮޅުގައި ބޭއްވިއެވެ. މުއުތަސިމް އަލްހަމީދީގެ މަޑުމޮޅި ރާގުން ހިތްތަކަށް ކުރި އަސަރު ދެގުނަބޮޑުވިއެވެ. އެތަނަށްވަދެފައި އަދި މެހެރީނާ އަރައިގަތީ އަމަށަކު ރުޅިއެއްނޫނެވެ. ސަލްވާ ކޮންމެކަމަކަށް މި ދެއްކުންތެރިކަން ވައްދަން އެބަޖެހެއެވެ. ހައިކަލް ހުރުމުން އޭނަ ޖެހުނީ ރުޅިގަނޑު ހިންދާލައިގެން ހުންނާށެވެ.

ރޯޒްމެހެލް މޮޅިވެރިކަމުގެ ސާލު ލާފައިވާއިރު ގޭގެ ނޯކަރުންނަށްދާން ދެން ތިބީ ހިމޭންވެފައެވެ. އެގޭގެ ރޫހުކަމަށްވާ އަޒަލް ނެތުމުގެ ފަޅުކަމާއި އެކަނިވެރިކަމުން އެންމެންގެ ލޮލުން ކަރުނަ ހިކޭ އިރެއް ނާދެއެވެ. އެންމެންގެ ދުޢާތައްވީ އަޒަލްއާއިއެކުގައެވެ. ސަލްވާވެސް ނަދުރުބުނެ ދުޢާކުރި އަދަދެއްވެސް ނޭގެއެވެ. އުއްމީދުގެ ހުޅުކޮޅު ކަނިކަނިލަމުންދާއިރު އެތާތެރޭގައި ހުރުން ފަސޭހަކަމަކަށްވެސް ނުވިއެވެ. ހައިކަލް އަނގައިން ނުބުނާތީ ސަލްވާގެ ހިތުގައި ޖެހުނެވެ. ހައިކަލްވެސް މެހެރީނާގެ ވާހަކަތަކަށް ހެއްލުނީހެއްޔެވެ؟ އޭނަދެކެ ހިތްހަމަނުޖެހިފައިބާވައެވެ. ވިޒިޓިން ގަޑިކަމުން މީހުން މާ ގިނަވާންފެށުމުން ސަލްވާއަށް ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހެން މަޖުބޫރުވި ގަޑީގައި މެހެރީނާ ފާރަލައިގެން ހުރެފައި ސަލްވާގެ އަތުގައި ހިފާ ދަމަމުންގޮސް އެތަނުން ބޭރަށް ލިއެވެ.

"އަދިވެސް ލަދެއްނެތި ތިއުޅެނީ ދޮންބެއާއި ތަތްވާ ހިތުންތަ؟ ހުވާ މިބުނީ ދޮންބެއަށް ކަލޭގެ ހަގީގަތް އެގުމަށްފަހު ފުއްޓަތްކެއް ޖަހާހެން ކަލޭ ގެއިން ނެރެލާނެ....." މެހެރީނާ ދަތްތަކަށް ބާރުލައިގެން ހުރެ ވާހަކަދެއްކިއެވެ. ކިތަންމެ ރީތި އަންހެނަކަށް ސަލްވާއަށް މެހެރީނާ ފެންނަނީ ބިރުވެރި ފިލްމުތަކުގައި ވެމްޕަޔަރުބައި ކުޅޭ އަންހެނެއްހެންނެވެ. އިސްތަށިގަނޑު ޑައިކޮށްފައިވުމާއިއެކު މޭކަޕްކޮށްފައި ހުންނަވަރުން ގުދުރަތީ ރީތިކަން ފަނޑުކޮށްލާފައިވެއެވެ. ރަތް ލިޕްސްޓިކްގެ ތެރެއިން ހުދުހުދު ދތްތައް ވިދާއިރު ދަތްތަކުގެ ކޮޅު ތޫނުކަމުން ހަމަ ލޭ ބޯލާން ތައްޔާރުވާފަދައެވެ. އެފަދަ ނުބައި އެއްޗެއް ހިތަށް އެރުމުން ސަލްވާ ދެރަވެސްވިއެވެ. މީހަކު އޭނައާއިމެދު ކިތަންމެ އިހާނެތި ކޮށް ކަންތައްކުރިޔަސް އޭނަ ބޭނުންވަނީ ސުލްހައެވެ. އެމީހަކަށް ނުބައި ހިތް ލާ ބަދު ދުޢާކުރާކަށް ސަލްވާ ނޫޅެއެވެ.

"މެހެރްދައްތަ ތިހާ ރުޅިއަންނަވަރު ކަމެއް ނުކުރަމެއްނު."

"ކަލޭގެ ތި ސުންޕާ ސޫރަ ފެނުނަސް އަހަރެންގެ ލޭ ކެކިގަންނަކަން އެނގޭތަ. ކަލޭ އައުމަށްފަހު އަހަރެމެންގެ ގެ ވީރާނާކޮށްލައިފި. ފަޅުކޮށްފި. ގޭގެ އެންމެންގެ ހިތްތައް މަރުވެއްޖެ. ހުރިހާ އުފަލެއް ފޭރިގެންފި. ރޯޒްމެހެން ސުންޕާތަނަކަށް ހެދި މީހަކީ ތީ............" މެހެރީނާގެ ވާހަކަތަކާއި ޗެލެންޖެ ކުރާނެ ވަރެއް މިއަދު ސަލްވާގެ ނެތެވެ. މެހެރީނާ އެއަންނަ ރުޅިއަކީ އާދަޔާ ޚިލާފުރުޅިއެކެވެ. މެހެރީނާގެ ހިތް ބަދަލުވާނީ ކޮންފަދަ އިބުރަތެއް ލިބިގެންކަމެއްވެސް ނޭގެއެވެ. އެހެން އުޅޭ މީހުންނަށް ހެޔޮވިސްނުން ލިބޭފަހަރުވެސް އާދެއެވެ. ސަލްވާ ބޭނުންވީ އެކަނިވެލާށެވެ. ސީސީޔޫގައި ފެނުނު މަންޒަރުން ދެން އަޒަލްއާއި ކައިރިވެވޭނެ ހެނެއް ހިޔެއްނުވެއެވެ.

ސަލްވާ ބޭރަށް ނުކުތްއިރު އުޑުމަތި ދެލިގަނޑެއްފަދައެވެ. ވާރޭގެ ލަޝްކަރު ކޮންމެފަހަރަކުވެސް ހަމަލާދީފާނެކަމުގެ ނިޝާންތައް ބަލައިލި ކޮންމެދިމާލަކުން ފެނުނެވެ. ރޯޒްމެހެލްއާއި ހަމަޔަށް ފޯރިއިރު ކޮންމެވެސް ވަރަކަށް ތެމި އެދޮންމޫނުގައި ވާރޭ ތިކިތައް ހަރުލައިފިއެވެ. ފެންޑާއިން އެތެރެއަށް ޖެހިލާފައި ބެލްއެޅުމާއިއެކު ދޮރުހުޅުވައިލީ ވިޝާމްއެވެ. ވިޝާމް އެ ކަޅު ޓީޝާޓާއި ޖިންސްލައިގެން ހުންނަތާ ދެތިން ދުވަސްވަރުވެދާނެއޭ ސަލްވާގެ ހިތަށް އެރިއެވެ. ދީވާނާވިޔަސް ތަންކޮޅެއް ބޮޑުވަރެވެ. ތުނބުޅި ކުޑަކޮށް ދިގުވުމުން ތަންކޮޅެއް ފިރިހެންވަންތަ ފާޑު ހުއްޓެވެ. އެދެލޮލުން މިއަދު ސަލްވާއަށް ފެނުނީ އެހެން ކުލައެކެވެ. ހިތްހަލާކުވާފަދަ ކުލައެކެވެ. ވިޝާމް މިހިރީ ދެރަވެފައެވެ.

"ޒެލް ބްރެއިން ޑެޑްކަން އެނގޭތަ؟ " ސަލްވާ ސުވާލުކުރިއެވެ.

"ކީއްވެ ނޭގެންވީ......" ވިޝާމް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

"އެވަރުވެފައި އޮތްވާ ހަމަޖެހިލައިގެން ގޭގައި އުޅޭއިރު އެއްޗެއް ހަމަ ހިތަށް ނާރާ ދޯ. ވިޝާމްގެ ވައިފްއެއް ނޫންތަ އެއީ......." ސަލްވާ ރުންކުރު ރާގަކަށް ބުނެލުމުން ވިޝާމް ފުންނޭވަޔެއް ދޫކޮށްލިއެވެ.

"އަހަރެން ދިޔައެއްކަމަކު އަޒަލް އަނބުރާ އަންނާނީކީ ނޫން......."

"ހާދަ ރަހުމެއްނެތޭ...."

"ރަހުމާއި ހަމްދަރުދީއަކީ އަހަރެން ދަންނަ އެއްޗެއްނޫން. ސޮރީ......އެނީތިން އެލްސް؟ " ވިޝާމް ވާހަކަދައްކަނީ މާޔޫސީގޮތަކަށެވެ.

"އެއްޗެއް އަހާލަން ބޭނުން...." ސަލްވާވެސް ހުރީ ރޮވޭވަރުވެފައެވެ. ދެލޯ ދުޅަކަމުން އޭނަ އެހެރީ ވަރަށް ރޮއިފަކަން ވިޝާމް ދެނެގަތެވެ. އެކަމުން ވިޝާމްގެ ހިތަށް ތަދުވިއެވެ.

ވިޝާމް ބުމަ ހިއްލައިލިއެވެ. އަހާށޭ ބުނާފަދަ ގޮތަކަށެވެ.

"މެހެރްދައްތަ ބުނީ ވިޝާމް އަޒަލް ކޮށްޕާލީއޭ. ސިޑިމަތިން ޒެލް ވައްޓާލީ ވިޝާމްއޭ......" ސަލްވާގެ އެޖުމްލައިން ވިޝާމްގެ މޫނަކަށް އިތުރު ބަދަލެއްނައެވެ. އޭނަގެ ނަޒަރު އެންމެ ފަހަރަކުވެސް ސަލްވާގެ މޫނުން ކައްސައެއްނުލައެވެ. ވިޝާމް ޚިޔާރުކުރީ ހިމޭންކަމެވެ. އެއީ ޖަވާބުކަމުގައި ސަލްވާ ދެކުނެވެ. ވިޝާމް ސަލްވާއާއިހެދި މޮޔަވެގެން އެންމެފަހުން އަޒަލް މަގުން އެއްފަރާތްކޮށްލީއެވެ. ސަލްވާ ހާސިލުކުރުމުގެ އުއްމީދުގައެވެ. ސަލްވާގެ އަތުގެ ބާރު އެތިފަހަރެއް ވިޝާމްގެ މޫނަށް އެރިއެވެ.

"ކޮންކަހަލަ ހިތެއް ވިޝާމްއަށް ލިބިފައި ތިވަނީ؟ އެއްވެސް ކުށެއްނެތް އަންހެންކުއްޖަކު މަރާލައިގެން ކޮންކަމެއް ހޯދަން ތިއުޅެނީ؟ އަހަރެން ދުވަހަކު މާފެއްނުކުރާނަން. ގިޔާމަތާއި ހަމަޔަށްވެސް އަހަރެންގެ މާފެއްނުލިބޭނެ. ދުވަހަކު ހިތްހެވެއް ނުކުރާނަން. މިހުރިހާ ދުވަހު މިހިތުގައި ވިޝާމްއަށްޓަކާ ލޯބީގެ ޒައްރެއްގެ މިންވަރު އޮތަސް އެލޯބިވެސް ނެރެ އެއްލާލައިފިން. އަހަރެންގެ ލޯބި ހޯދަން ކުރިކަމެއް ކަމުގައި ވަންޏާ ދުވަހަކު އެކަމެއް ނުވާނެ. މިހިތްވެސް ތި ލޯތްބަށް ލައުނަތް ދޭ. އެ ސްވީޓް ރަގަޅު ވިޝާމް މަރުވެއްޖެ. އައި ހޭޓް ޔޫ..." ސަލްވާ ގެ ހިތުގައި ރުޅިވެރިކަމާއި އެއްވަރަށް ހިތާމަވެސް ޖާގަ ހަދާފައިވިއެވެ. ވިޝާމްގެ ސަބަބުން ރޯޒްމެހެލްއަށް މިއައި ބޮޑު ތޫފާންގެ އަސަރު އެތައް ޒަމާނެއްވާންދެން ދެމިގެން ދާނެކަމާއިމެދު ޝައްކެއްނެތެވެ. ވިޝާމް އެންމެންގެ ދިރިއުޅުމުގައި ހުޅުޖަހައިފިއެވެ. މި ހިތާމަތައް ތަހައްމަލުކުރާނެ ވަރެއް ޚުދު އޭނަގެ ގަޔަކުވެސް ނެތެވެ. ސަލްވާ އެހުރިހާ އެއްޗެހި ކީއިރުވެސް އެވާހަކައަށް ރައްދުނުދީ އޭނަ ހިމޭނުން ހުރީއެވެ. ކުރީގެ ލާނެތް މަޖާ އެއްޗެހި ބުނާ ވިޝާމް މިހާވަރަށް ބަދަލުވީ ކީއްވެހެއްޔެވެ؟

ދެމީހުން ވާހަކަދައްކަން ތިއްބާ އެގެއަށް އާއިލާގެ މީހުންތަކެއް އައެވެ. އެމީހުންނަށް މެހެރީނާދެއްކި ވާހަކަތައް ޔަގީންކުރަން ލިބުނު ހެއްކެކެވެ. އެދެމީހުން ގެދޭތެރޭގައި އެފަދަ އެއްވެސް ގުޅުމެއްނެތްއިރުވެސް ހަގީގަތް މުޅިން ނުބަލާ ކުށްހީއެއްގެ މައްޗަށް ބިނާކޮށް ވާހަކަދެކެވެން ފެށުނެވެ. އަޒަލް އެހާ ބަލިވެ އޮތްވާ ދެމީހުން ގޭގައި ތިބޭނީ ގުޅުމެއް އޮތީމައެވެ.

އާޒީން ނުއެއް ރޮއެވެ. ގަބުވެފައިކަހަލަ ގޮތަކަށް ހުންނަންފެށުމުން މާއިޒްއަށް އެއްޗެއް ވިސްނުނެވެ. އާޒީންގޮވައިގެން ޑޮކްޓަރުންގެ ރެސްޓްރޫމާއި ދިމާލަށް ގެންދަންފެށުމުން އާޒީން ޗާބީދީފައިވާ ބުދެއްހެން ހުރެ ކުރިއަށް ފިޔަވަޅުއެޅިއެވެ. އެތަނަށްވަންގޮތަށް އާޒީން ތިރިވީ ސޯފާސެޓާއި ދިމާލަށް ބިމަށެވެ. ސޯފާގައި ބޯ އަޅައިލިގޮތަށް އޭނަ ހިތަށް ފަށްފަށުން އެންގީ ނުރުއިމަށެވެ. އަޒަލްގެ މަތިން ހަދާންނުކުރުމަށެވެ. އެހެން އޮންނަން އުދަގޫވެގެން ހިނގައިގަނެވުނީ ފާޚާނާއާއި ދިމާލަށެވެ. ބޮޑު ލޯގަނޑުން އޭނަގެ ސޫރަފެނުމުން އަޒަލްފެނިލިހެން ހީވިއެވެ. ކުއްލިއަކަށް އާޒީން ހަޅޭއްލަވާފައި ނުކުމެގެން ދުއްވައިގަންނަން އުޅުނެވެ. މާއިޒް ކުރިބެއްދުމުން ރުޅިގަދަވެގެން ސޯފާގައި ހުރި ކުޝަންތައް ހޫރަން ފެށިއެވެ. މާއިޒް ފަހަތުންގޮސް އާޒީން އަތުތެރޭ ގައިދުކޮށްލިގޮތުން އެއްވެސް ހަރަކާތެއް ނުކުރެވުނެވެ.

"ކާމްޑައުން........." މާއިޒް މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.

"ދޫކުރޭ. ބުނެފީމެއްނު ގައިގާ އަތްނުލާށޭ...." އާޒީން ކަރުބުޑުން ހަޅޭއްލަވަލަވާފައި މާއިޒްގެ އަތުގައި ވަކިއެޅިއެވެ. ދަތްއެޅިތަންތަނުން ލޭ އެރިއެވެ. އާޒީން މާއިޒްގެ އަތްދަށުން ސަލާމަތްވާން ކިތަންމެ ގަދަހެދިޔަސް އެވަރުގަދަ އަތުގެ ތެރެއިން ނުކުމެވޭނެ ގޮތެއްނެތެވެ. އޭނަ ބަލިކަށިވަމުން ދިޔަވަރަކަށް ރުޅިފިނިވެ އެހެން އިހުސާސްތައް ގަދަކޮށްފިއެވެ. ރޮވޭގޮތްވިއެވެ. އެންމެފަހުން މާއިޒް އޭނައާއި ދިމާލަށް އަނބުރުވާލުމުން މާއިޒްގެ ޓީޝާޓުތެރޭގައި މޫނު ފޮރުވިގޮތަށް ގިސްލާފައި ރޯންފެށިއެވެ. މާއިޒްގެ އަތް އާޒީން ވަށާލެވުނެވެ. އިރުކޮޅެއްވާންދެން މާއިޒްގެ ގަޔަށް ލެނގިލައިގެން އާޒީން އެގޮތަށް ކަރުނަ އޮއްސުމަށްފަހު ކޮށްޕާލާފައި ދުރަށް ޖެހުނެވެ. ސޯފާއަށް ދެފައި އަރުވައިގެން މޫނު ފޮރުވިގޮތަށް އެތައް އިރެއްވާންދެން ރޮއިރޮއިއިނެވެ. ކަރުނައަކީ ހިތާމައިގެ ފަރުވާކަމުން އާޒީން ހިތްފުރެންދެން ރޯލަން މާއިޒް އިނީ ދޫކޮށްލައިގެންނެވެ. އެތައް އިރެއްވުމުން ވަރުބަލިވެގެން ސޯފާގައި އޮށޯތްގޮތަށް ދެކަކޫއޮތީ މޭގައި ފިތިފައެވެ. ބޮޑުވާ އިނގިލި އަގައިގާ ޖައްސާބާރުކޮށްލައިގެން އޮތްއިރު އާޒީން ޅައިރު އެގޮތަށް އިނގިލި ބޯ ހަދާން މާއިޒްވިއެވެ. އެންމެފަހުން ކެތްނުކުރެވިގެން މާއިޒް ތެދުވެގެންގޮސް ސޯފާކައިރީގައި އުޑަފައިން އިށީނެވެ.

"އެއްޗެއް ބޯލަންވީނު އާޒް. ކިހާ ވީކްވެފައި ތިއޮތީ....." މާއިޒްގެ އަޑުގައިވީ އޯގާތެރިކަމެވެ.

"އައި ޑޯންޓް ނީޑް ޔޯ ޕިޓީ....." އާޒީން ކަރުނުން ފުރިފައިވާ ދެލޯ ހުޅުވައިލިއިރު މާއިޒްގެ މޫނުފެނުނީ ފުސްކޮށެވެ.

"އެހާވަރަށް ލޯބިން އުޅެފައި ހާދަ އަވަހަށް ހިތްބަދަލުވީ. ތިހާ ދެރަކޮށްލާކަށް ނުވާނެ...." މާއިޒް މަޑުމަޑުން ބުނެލިއެވެ.

"އަހަރެން އެއްޗެކޭ ބުނުމުން ދެރަވާނެ މީހެއްނޫން ތިއީ. ކޮންމެހެން އެކްޓްކުރާނެ ކަމެއްނެތް...." އާޒީން ބަލިކަށި އަޑަކުން ބުނެލާފައި ދެލޯ މަރާލައިފިއެވެ.

އަޒަލްގެ ހާލު ދަށްވެ އެންމެ ފަހު ނޭވާ ދޫކޮށްފާނެހެން ހީވުމުން މާއިޒް ވިޝާމް ބަލާދިޔައެވެ. އަޒަލްގެ އެންމެ ފަހު ވަގުތުކަމަށާއި އަޒަލް ވިޝާމް ހުރުމަށް އެދޭނެ ކަމުގައި ބުނެ އަންނަން އެންގުމުން އެތަނަށް ވަދެފާ ވިޝާމްއަށް ކުރެވުނީ ބުނަން ނޭގޭފަދަ އުދަގޫ އިހުސާސްތަކެވެ. ހިތަށް ކުރި އަސަރުތައް ހާމަކޮށްދޭން އޭނަ ނުކުޅެދުނެވެ. އެހެން އެންމެން ކަރުނަ އެޅިއިރުވެސް ވިޝާމް ހުރީ އިސްޖެހިގޮތަށެވެ. ހައިކަލްގެ ހާލަތުގެ ސަބަބުން ހިތްވަރުދޭން ހިތަށް އަރާފައިވެސް ފަސްޖެހެވުނީ ހައިކަލް އޭނަދެކެ ނަފަރްތުކުރާކަން ހަދާންވެފައެވެ.

ވިޝާމް ހަދާންވީ އަޒަލްގެ ލާނެތްކަމެވެ. އެކުއްޖާއުޅުނު ލާނެތްގޮތެވެ. ދައްކާ މަޖާވާހަކަތަކެވެ. މިހާރުވެސް އަޒަލް ލޯ ހުޅުވާލާނެނަމަ ހުރިހާކަމެއް ބަދަލުވާނެއޭ ވިޝާމްގެ ހިތް ބުނެލިއެވެ. ހަޔާތުގެ އެކުރު ދަތުރުގައި ލާނެތްކަމާއި އެއްވަރަށް އަޒަލްގެ ރަގަޅުކަން ވިޝާމްފާހަގަކުރި ކިތަންމެ އިރެއް އައެވެ. ހިތެއްނުލިބިގެން މަރުވަމުން ދިޔަ ކުއްޖަކުގެ ޚަބަރުކިޔާފައި އަޒަލް ބުނީ އޭނަ އެކްސިޑެންޓެއްކަހަލަ ކަމަކުން މަރުވެއްޖެއްޔާ ހުރިހާ ގުނަވަންތައް ހަދިޔާކުރާނެކަމުގައެވެ. އެއީ ވަސިއްޔަތެއްކަމުގައެވެ. އަޒަލް އެހެންބުނީ އެހާވެސް ސީރިޔަސްކޮށެވެ. އޭރުން އޭނަގެ ސަބަބުން އެހެންމީހަކަށް ދުނިޔޭގައި އުޅުމުގެ ފުރުސަތުލިބޭނެއެވެ. އޭނަގެ ދެލޮލުން އެހެންމީހަކު ދުނިޔޭގެ ރީތިކަން ދެކޭނެއެވެ. އޭނަގެ ހިތް އެހެންމީހެއްގެ ހަށިގަނޑުގައި ވިންދުޖަހާނެއެވެ. އަޒަލްފަދަ މުއްސަދި ކުއްޖަކުގެ ހިތް ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ.

އަމިއްލަ އުފާތައް އެއްފަރާތްކޮށްފައި އަޒަލްގެ އުފަލަށް އިސްކަންދެވުނުނަމައެވެ. މި ލޯބި ލޯބި މަލެއްފަދަ އަންހެންކުއްޖާގެ ހިތުގައި ނުޖައްސާ ގެންގުޅެވުނުނަމައެވެ. އަޒަލްއަށް އޭނަގެ ވަގުތުތައް ހުސްކޮށްދެވުނުނަމައެވެ. ރައްކާތެރިކަންދެވުނު ނަމައެވެ. ހިމާޔަތްދޭން ކައިރީގައި ހުރިމީހާ އަޒަލްއަށް ކެހިދިނީއެވެ. ރަގަޅު ފުރުސަތެއް ލިބިފައި އަތުން ދޫވެގެން ދިޔައީއެވެ. އެއެއްޗެއްގެ އަގު ވަޒަންކުރެވޭނީ ދޫކޮށްފައި ދިޔުމުންނޭ ބުނަނީ މިހެންވެއެވެ. އޭނައާއި އަޒަލްއަކީ މިސާލެކެވެ.

ވިޝާމް ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. އެދިގު އެސްފިޔަތަކުގެ ފުރަގަހުގައި ފިލާފައިވާ ކަރުނަތައް އޮހިގެން ދިޔަނުދޭން އޭނަ ހިތްވަރުކުރަމުން އިސްޖަހައިލިއެވެ. މާއިޒް ވިޝާމްގެ އަތުގައި ހިފާ ބާރުކޮށްލީ ވިޝާމްގެ ހިތާމަ އިހުސާސްކުރެވިފައެވެ.

"ބީ ސްޓްރޯންގް........."މާއިޒްއަށް ބުނެވުނެވެ.

(ނުނިމޭ)

infinity loading...
×
DB released 01.