ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރުއީ މަރުހަލާ އާދީއްތަ ދުވަހު ފަށަނީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ހަތް މީހުންގެ ޝަރުއީ މަރުހަލާ އާދީއްތަ ދުވަހު ފަށަން ތާވަލްކޮށްފިއެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ތާވަލްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30 ގައެވެ. އިބްތިތާއީ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ކަމެއް ހުށަހަޅަން ބޭނުންވާނަމަ އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ އަޑުއެހުމެކެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންނަކީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދު އާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއިލް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަރާލިއިރު އޭނާ ދިރިއުޅޭ މ. ސްޕެކްޓިކިއުލާގެ ކައިރީ ފާރައަށް ހުރީ މ. ތާއިފް އިސްމާއިލް ރަޝީދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަނެއް ހަ މީހުންނަކީ ގދ. ގައްދޫ ސިންދުބާދުގެ މުހައްމަދު ދިފްރާން އާއި މ. ކުދެހިގެ ހަސަން ޝިފާޒުގެ އިތުރުން މ. ކޮޅުފުށި އީސްޓް ހަސަން ޒިޔާދެވެ.

މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލި މީހުން ގަބޫލުކުރާގޮތުގައި އޭނާ އަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގެ އަޑީގައި ތިބި މީހުން ވެސް އެނގޭ ކަމަށާއި އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގައި ސިޔާސީ ކަމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް