ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހަރަދެއް ކުރާ ގައުމަކީ ރާއްޖެ: ޑަބްލިއުއެޗްއޯ

ޑަބްލިއެޗްއޯ ސީރޯގެ 70 ވަނަ ސަރަހައްދީ ބައްދަލުވުން ފެށުން ގެ ހަވާސާގެ ބޭރުން ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. ޕޫނަމް ކެތްރަޕަލް ސިންގް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަފްރާހް

ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހަރަދެއް ކުރާ ގައުމީ ރާއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕަލް ސިންހާ ވިދާޅުވެއްޖެއެވެ.

ޕެރަޑައިސް ރިސޯޓުގައި އިއްޔެ ފެށި، ޑަބްލިއުއެޗްއޯގެ ސަތުއު އީސްޓް އޭޝިއާ ސަރަހައްދުގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގެ ބޭރުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޕޫނަމް ވިދާޅުވީ، ސިއްހީ ދާއިރާއަށް ދިވެހި ދައުލަތުގެ ބަޖެޓުން 26 ޕަސެންޓް ހަރަދުކުރާއިރު އެއީ ހުޅަނގު އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ.

އަދި އެއީ ރާއްޖެއާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށް ފާހަގަކޮށް ރާއްޖެއަށް އޭނާ ވަނީ ތައުރީފު ކުރައްވާފަ އެވެ.

ސިއްހީ ދާއިރާއަށް ރާއްޖެއިން ކުރާ ހަރަދާ މެދު ޑަބްލިއުއެޗްއޯއިން އުފާކުރަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޕޫނަމް ވިދާޅުވީ، ސިއްހީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައި އޮތް ނަމަވެސް ރާއްޖެ އުފެދިފައި އޮންނަ ގޮތުން ޖިއޮގްރަފީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެ ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސްފިހާރައެއް ހުޅުވުމަކީ ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށާއި އެހެންކަމުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް ދެމުންދާ ހިދުމަތް ބަލައިގަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ކުރިން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބަލަންޖެހޭ. ކޮންމެ ރަށެއްގައި ފާމަސީއެއް ހެދުމަކީ ރަނގަޅު ފެށުމެއް ކަމެއް. ދެން އޮތް ސުވާލަކީ ކިހާ އަވަކަށްތޯ ރައްޔިތުން ބޭނުންވާ ބޭސް އެމީހުންނަށް ލިބޭނީ،" ޑރ. ޕޫނަމް ވިދާޅުވި އެވެ.

ނޫސް ކޮންފަރެންސްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޕޫނަމް ވިދާޅުވީ ހުޅަނގު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ބޭސްފަރުވާ އަށް ގައުމުން ބޭރަށް ދާ ރައްޔިތުން އެންމެ ގިނަ ގައުމު ކަމަށެވެ. އަދި ފަރުވާ ހޯދަން އަމިއްލަ ގައުމުން ބޭރަށް ދިއުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއްކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް