ކެންސަރާ ހަނގުރާމަ ކުރަމުންދާ މަޔަކު ފައިސާ ހުސްވެ ފަރުވާ މެދުކެނޑިފައި

މަރްޔަމް ހަސަން އަނގައިގެ ކްނެސަރަށް ފަރުވާ ހޯދަނީ -- ފޮޓޯ/ އާއިލާ

ހދ. ވައިކަރަދޫއަށް އުފަން އެ ރަށު ފެންގަސް ދޮށުގޭ މަރިޔަމް ހަސަނަކީ އަނގައިގެ ކްނެސަރަށް ފަރުވާ ކުރަމުންދާ އަންހެނެކެވެ. އޭނާއަށް ކެންސަރު ޖެހިފައިވާ ކަން އެނގުނުތާ ފަސް މަސް ދުވަހެއްހާ ދުވަސް ވެފައިވާއިރު މިއަދު އޭނާ ވަނީ އެ ބަލި އިންތިހާއަށް ބޮޑުވެ، ބައްޔަށް ފަރުވާ ކުރުމަށް ހެޔޮ އެދޭ މީހުންގެ އެހީތެރިކަމަށް ބޭނުންވެފައިވާ މީހެކެވެ.

ވައިކަރަދޫ ހުރިހާ ރައްޔިރުން ވެސް ދަންނަ އެންމެންނާ ވެސް ހިނިތުންވުމަކާ އެކު ބައްދަލުކުރާ މަރިޔަމްއަށް ކެންސަރު ޖެހިފައިވާކަން ފުރަތަމަ ޝައްކުވީ އަނގާގައި އުފެދުނު ފާރު ކޮޅެއް ރަނގަޅު ނުވެ ގިނަ ދުވަސްވެ އެ ފާރު ގަނޑު ވޭނަކަށް ބަދަލުވި ހިސާބުންނެވެ.

މަރްޔަމް އެ އަތޮޅު ހޮސްޕިޓަލަށް ގޮސް އެ ފާރުކޮޅުގެ އުނދަގޫ ބޮޑުވާ ވާހަކަ އެ ހޮސްޕިޓަލުގެ ކަރުން މަތީ ޑޮކްޓަރަކަށް ކިޔައިދިނުމުން ވަގުތުން މާލޭ ގޮސް ފަރުވާ ހޯދުމަށް އޭނާއަށް ލަފާދިނެވެ.

"މަންމަ އަށް ކުޅުދުއްފުށީ ހޮސްޕިޓަލުން އެންގީ ވަގުތުން މާލެ ދާން. ދެން މަންމަ ގޮވައިގެން އައީ މާލެ. އައިސް އައިޖީއެމްއެޗަށް ދެއްކީމަ ބުނީ ތިއީ ބޮޑޫ ކަމެއް ނޫނޭ. ދެން އަނެއްކާ އެ ތަދު ބޮޑުވާތީ މި ދިޔައީ އޭޑީކޭއަށް، އެހާ ހިސާބުން އެނގުނީ ކެނސަރު ޖެހިފައި ހުރި ކަން،" މަރިޔަމްގެ ދަރިއަކު "ސަން"އަށް ކިޔައިދިނެވެ.

އޭޑީކޭއިން ދިން ކުއްލި އަދި ހިތާމަވެރި ހަބަރާއެކު އަށް ކުދިންގެ މަންމަ އަވަސްވެގަތީ އެކަމަށް ފަރުވާ ހޯދުމަށެވެ. އެހެން ކަމުން އަނގައިގެ ކެންސަރަށް ހާއްސަ ޑޮކްޓަރެއް ހުޅުމާލެ ހޮސްޕިޓަލްގައި އެ ދުވަސްކޮޅު އިނުމުން އޭނާއަށް ދެއްކުމުން ވަގުތުން ބޭރަށް ދިޔުމަށް ލަފާ ދިން ކަމަށް އޭނާގެ ދަރިއަކު ކިޔައިދިނެވެ.

"މަންމަ ގޮވައިގެން ދެން ދިޔައީ އިންޑިޔާއަށް. އެ ފަހަރު ބޭސް ފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސައިދިން އާސަންދައިން. އެކަމަކު އެ ތަނުގައި ތިން މަސް ދުވަސް ހުންނަން ޖެހި އަތުން ފައިސާ ހުސްވެގެން ފަރުވާ މެދާ ހިސާބުން ދޫކޮށްފައި މާލެ އަންނަން ޖެހުނީ،" އޭނާ ކިޔައިދިނެވެ.

މާލެ އައި އިރު މަރިޔަމްއަށް އައީ ގަވާއިދުން ކީމޯ ދެމުންނެވެ. އަދި ރޭޑިއޭޝަންވެސް ގަވައިދުން އޭރު ދެމުންއައެވެ. އިންޑިއާގެ އާރްސީސީ ހޮސްޕިޓަލްގައި މަރިޔަމަށް ފަރުވާ ދީފައިވާއިރު އާއިލާއިން އަނެއްކާވެސް ތައްޔާރު ވަމުންދަނީ މި މަހުގެ 19 ގައި އަލުން ފަރުވާ ފެށުމަށް އިންޑިއާއަށް ދިޔުމަށެވެ.

"އަނެއްކާވެސް އިންޑިޔާއަށް ދާން މިއުޅެނީ. ޑޮކްޓަރުން ބުނެފަ އޮތީ ވީހާވެސް އަވަހަކަށް އޮޕަރޭޝަނެއް ކުރަން"

މަރްޔަމްގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ދަރިފުޅު ބުނީ އިހަށް އިންޑިއައަށް ގޮސްފައި އަންނަން ޖެހުނު ގޮތަށް މި ފަހަރު ވެސް ފަރުވާ ފުރިހަމަ ނުކޮށް އަންނަން ޖެހިދާނެ ކަމުގެ ބިރު އާއިލާއަށް ހީވެފައިވާ ކަމަށާއި އެހެން ކަމުން ހެޔޮ އެދޭ ފަރާތްތަކުގެ އެހީ ބޭނުންވާ ކަމަށެވެ.

މަރްޔަމް މިވަގުތު ވިލިމާލޭގައި ހުރި އޭނާގެ އާއިލާ މީހެއްގެ ގޭގައި ހުރި އިރު އޭނާ އަށް ހަރު އެއްޗެއް ނުކެވޭ ތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި ހުސް ދިޔާ އެއްޗެހި ހޮޅިއެއް ބޭނުންކޮށްގެން އޭނާ އަށް ދެމުން ދާއިރު ދުވަހަކަށް ވުރެ ދުވަހެއް އޭނާގެ ހާލުވެސް ދަނީ ދަށް ވަމުންނެވެ.

"އާއިލާގެ ނެތް އެހާ ފުދުން ތެރި މީހަކު މަންމަ އަށް އެހީ ވާކަށް. އަށް ކުދިން ތިބި އިރު އެ ކުދިންގެ ވެސް ނެތް އެހާ ފެންވަރެއް އެހާ ބޮޑު ހަރަދެއް ހަމަޖައްސާކަށް. އާސަންދަ ލިބިފައިވީ ނަމަވެސް މަންމައަށް ފަރުވާ ކުރެވެން އޮތީ ފަރުވާ ނިމެންދެން ދާ އެހެން ހަރު ތައް ލިބިގެން،" މަރްޔަމް ގެ ދަރިފުޅު ކިޔައިދިނެވެ.

އުމުރުން 59 އަހަރުގެ މަންމަ ބަލި އެނދުގައި އޮތް އިރު އޭނާގެ ފިރިމީހާއަކީ ވެސް ނުކުޅެދޭ މީހެކެވެ. މަރްޔަމްގެ އާއިލާއިން އެދެނީ ތިޔަ ބޭފުޅުންގެ ދީ ލަތި އެހީއަކަށެވެ.

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް